ލައިވް ޓީވީގައި ބައިޑަން ވެކްސިން ޖައްސަވައިފި
ލައިވް ޓީވީގައި ބައިޑަން ވެކްސިން ޖައްސަވައިފި

ވޮޝިންޓަން (ޑިސެމްބަރު 22) - ކޮރޯނާވައިރަހުގެ ވެކްސިން ލައިވް ޓީވީގައި، އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ޖައްސަވައިފި އެވެ.

އަންނަ މަހު 20 ގައި ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ބައިޑަން ވިދާޅުވީ ގިނަ ބަޔަކަށް ފެންނަ ގޮތަށް ވެކްސިން ޖެއްސެވީ ވެކްސިންއާ މެދު އެމެރިކާގެ ރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށް ކަމަށެވެ. ބައިޑަން ޖެއްސެވީ ފައިޒާގެ ވެކްސިނެވެ.

ދެވަނަ އަށް ހުއްދަ ދިން މޮޑާނާގެ ވެކްސިން އާދިއްތަ ދުވަހު ވަނީ އެމެރިކާގައި ދޭން ފަށައިފަ އެވެ. އެމެރިކާގައި މިހާރު ވަނީ ބައި މިލިއަން މީހުންނަށް ވެކްސިން ދީފަ އެވެ.

"އެންމެންނަށް ފެންނަ ގޮތަށް އަޅުގަނޑު ވެކްސިން ޖެހީ، ވެކްސިން ލިބުމާ އެކު ވެކްސިން ޖަހަން މީހުން ތައްޔާރަށް ތިބުމަށް ބާރު އެޅުމަށް. ކަންބޮޑުވާން ޖެހޭ ކަމެއް ނެތް،" އުމުރުން 77 އަހަރުގެ ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ އަނބިކަނބަލުން ޖިލް ބައިޑަން ވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފަ އެވެ. ނައިބް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ކަމަލާ ހަރިސް އާއި އެކަމަނާގެ ފިރިކަލުން އަންނަ ހަފުތާގައި ވެކްސިން ޖައްސަވާނެ އެވެ.

ބައިޑަންގެ ޓީމުން އަމާޒު ހިފާފައި ވަނީ ވެރިކަމުގެ 100 ދުވަސް ތެރޭ އެމެރިކާގެ 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ކޮވިޑަށް ޕޮޒިޓިވްވި ރައީސް ޑޮނަލްޑް ޓްރަމްޕް، ވެކްސިން ޖައްސަވާނެ އިރެއް ވިދާޅެއް ނުވެ އެވެ. ޓްރަމްޕް ފިޔަވައި އެމެރިކާގެ އިންތިޚާބީ އިސް އޮފިޝަލުން މިހާރު ވަނީ ވެކްސިން ޖަހައިފަ އެވެ. އޭގެ ތެރޭގައި ނައިބް ރައީސް މައިކް ޕެންސާއި ހައުސްގެ ސްޕީކާ ނެންސީ ޕެލޯސީ ހިމެނެ އެވެ.

"ވެކްސިން ޖެހުމަށް އަޅުގަނޑު އަދި ޝެޑިއުލެއް ނުކުރަން. އެކަމަކު ރަނގަޅު ވަގުތަކަށް ބަލަމުން މިދަނީ،" ޑިސެމްބަރު 13 ގައި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.