"އީސީ ޝަރީފު"އޭ ގޮވައިގެން މަޝްހޫރުވި ޕީޕީއެމްގެ ކައުންސިލް މެމްބަރު ސުއޫދާ އެމްޕީއެލުން ވަކިކޮށްފި
"އީސީ ޝަރީފު"އޭ ގޮވައިގެން މަޝްހޫރުވި ޕީޕީއެމްގެ ކައުންސިލް މެމްބަރު ސުއޫދާ އެމްޕީއެލުން ވަކިކޮށްފި

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ސޯޝަލް މީޑިއާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ސުއޫދާ އަބްދުﷲ އެމްޕީއެލްގެ ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.

އޭނާއަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު، އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުން އެކަމާ ދެކޮޅަށް ބޭއްވި ހަރަކާތްތަކުން ގިނަ ބަޔަކަށް ފެނުނު މޫނެކެވެ. އޭނާ އޭރު މަޝްހޫރުވީ އެއްވުމެއްގައި "އީސީ ޝަރީފޫ" އޭ ކިޔައި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފަށް ފާޑުކިޔައިގެންނެވެ.

އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ވެސް އެކަމާ ގުޅޭ އެކި މީމްތަކާއި ޕޯސްޓުތައް ދައުރުވެގެންދިޔަ އެވެ.

މީގެ ދެ އަހަރުކުރިން ބޭއްވި އިންތިޚާބު އޮޅުވާލިކަމުގެ ޝަކުވާއާއެކު ޝަރީފަށް ޕީޕީއެމަށް ތާއިދުކުރާ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ޝަރީފް ވަނީ އެ ވާހަކަ "އެ މަންޖެ ކައިރީގައި ބުނެލައްޗޭ" ވިދާޅުވެ ސުއޫދާ އަށް ޖަވާބު ވެސް ދެއްވައިފަ އެވެ.

ސުއޫދާ އަށް އެމްޕީއެލް އިން ފޮނުވި ޗިޓުގައި ބުނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.

އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވެސް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ހުރެ އެވެ.