23 ޑިސެމްބަރ 2020 - 08:05

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި "ބާހްބަލީ" ގެ ދެ ފިލްމުގައި ކިޔައިދިން ވާހަކަތަކުގެ ކުރިން ހިނގާފައިވާ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އަށް ހަދަން ނިންމާފައިވާ ސީރީޒް މުޅިން ތަފާތު ޓީމަކާ އެކު ގެނެސްދޭން ނިންމައިފި އެވެ.
މި ޕްރޮޖެކްޓް 2018 ގައި އިއުލާންކުރި އިރު ލީޑް ކާސްޓްގައި ހިމެނުނީ މުރްނާލް ތާކޫރާއި ރާހުލް ބޯސްގެ އިތުރުން އަނޫޕް ސޯނީ އެވެ. ނަމަވެސް މުޅިން އާ ކާސްޓަކާއި އެހެން ޑައިރެކްޓަރަކާ އެކު "ބާހްބަލީ" ގެ ސީރީޒް ހަދަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ސަބަބަކީ ކުރީގެ ޓީމްގެ މަސައްކަތްތަކާ މެދު ނެޓްފްލިކްސް އެހާ ހިތްހަމަނުޖެހުމެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ބާހްބަލީ" ފިލްމުތަކުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ބެލުމުގެ ދަށުން ސީރީޒް ޑައިރެކްޓްކުރާނީ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ޕްރޮޑިއުސްކުރި ފިލްމު "99 ސޯންގްސް" ގެ ޑައިރެކްޓަރު ވިޝްވޭޝް ކްރިޝްނަމުރުތީ އެވެ. ކުރިން ސީރީޒް ޑައިރެކްޝަން ހަވާލުކުރީ މިދިޔަ އަހަރު ސަންޖޭ ދަތުގެ "ޕްރަސްތާނަމް" ގެނެސްދިން ދޭވަ ކައްޓާ އެވެ.
ހަންގާމާ އިން ބުނީ ސީރީޒަށް ކާސްޓުން ފައިނަލްކުރުމުގެ މަސައްކަތުގެ ވަރަށް ބޮޑުބައި މިހާރު ނިމިފައިވާ އިރު، ޝޫޓިން ފަށާނީ އަންނަ އަހަރުގެ އެޕްރީލް ނުވަތަ މެއިގައި ކަމަށެވެ.
"ބާހްބަލީ" ޕްރިކްއެލް ސީރީޒް ހަދާނީ ލިޔުންތެރިޔާ އާނަންތު ނީލަކަންތަގެ ފޮތް "ދަ ރައިޒް އޮފް ސިވަގާމީ" އަށް ބިނާކޮށެވެ. "ބާހްބަލީ" ގައި ރާނީ ސިވަގާމީގެ ރޯލް ކުޅުނީ ރާމިއާ ކްރިޝްނަން އެވެ. ސީރީޒްގައި ދައްކުވައި ދޭނީ ސިވަގާމީގެ ނުފޫޒާއި ބާރު މަހިޝްމަތީގައި އޮތް ގޮތެވެ.