07 ނޮވެމްބަރ 2016 - 13:20

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ނިސްބަތްކޮށް، ހަޑިހުތުރު ފޮޓޯތަކެއް ހެދި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެނގިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ އަމުރެއް ހޯދައި އެ މީހާގެ ފޯނު ފުލުހުން އަތުލީ މިދިޔަ ހޮނިހިރު ދުވަހެވެ.
ރިޔާޒުގެ ފޮޓޯތަކެއް ހެދި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް އަމުރު ނެރުއްވާފައި ވަނީ، ތ. ވިލުފުށީ، ދުންފިނިގެ، އާބިދު މުހައްމަދުގެ ފޯނު ކޯލްތަކާއި މެސެޖްތަކުގެ ތަފްސީލް ހޯދުމަށެވެ. އަމުރުގައި ބުނެފައި ވަނީ، މެމްބަރު ރިޔާޒުގެ މޫނު ބޭނުންކޮށްގެން ހަޑި ހުތުރު ފޮޓޯތަކެއް ހަދައި އެ ތަކެތި، ވިލުފުށީ ފްރެންޑްސް ނަމުގައި ހަދާފައިވާ ވައިބަ ގްރޫޕަކާއި އެ ނޫން ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތަކުގައި ޕޯސްޓްކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ފޯނު އަތުލަނީ، އެ ފޯނުން ކޮށްފައިވާ މުއާމަލާތްތަކުން ހެކި ހޯދުމަށް ކަމަށް އަމުރުގައިވެ އެވެ.
ތުހުމަތުކުރެވޭ މީހާގެ ނަމުގައިވާ ފޯނުތަކާއި ސިމްތަކާއި މެމޮރީކާޑުތަކާއި އިލެކްޓްރޯނިކް ސާމާނު މިދިޔަ މަހުގެ 28 އިން ފެށިގެން އެއް މަސް ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ހުއްދަ ކޯޓު އަމުރުން ވަނީ ދީފަ އެވެ.