23 ޑިސެމްބަރ 2020 - 08:07

އާންމުންގެ ތެރޭގައި މަގުބޫލު ފޯޓްނައިޓް ގޭމަށް މާވެލް ސްޓޫޑިއޯސްގެ މަޝްހޫރު ސުޕަހީރޯ ކެރެކްޓާ ބްލެކް ޕެންތާ އަތުވެއްޖެ އެވެ.
ފޯޓްނައިޓަށް މާވެލް ރޯޔަލްޓީ އަދި ވޮރިއާޒް ޕެކްގެ ދަށުން ބްލެކް ޕެންތާއާ އެކު އިތުރު ދެ ކެރެކްޓާއެއް ވެސް ގެނެސްފައިވެ އެވެ. އެއީ ކެޕްޓަން މާވެލް އާއި ޓާސްކްމާސްޓާ އެވެ. މި ތިން ކެރެކްޓާ ހިމެނޭ ޕެކްގެ އަގަކީ 24.99 ޑޮލަރު (384.85ރ.) އެވެ.
ބްލެކް ޕެންތާ އަކީ މާވެލް އާއި ޑިޒްނީން 2018 ގައި ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުން ވަރަށް މަޝްހޫރުވި ކެރެކްޓާއެކެވެ. އެފްރިކާ ބައްރުގައި އޮންނަ ހިޔާލީ ގައުމެއް ކަމަށްވާ ވެކެންޑާގެ ރަސްކަމުގެ ކޯޅުންގަނޑެއް ދައްކުވައި ދިން ފިލްމުގައި ބްލެކް ޕެންތާގެ ރޯލް ކުޅުނީ އޮގަސްޓް މަހު ކެންސަރި ބަލީގައި މަރުވި ޗާޑް ބޯޒްމަނެވެ.
ރަޔަން ކޫގްލާ ޑައިރެކްޓްކުރި "ބްލެކް ޕެންތާ" އަކީ ބޮކްސް އޮފީހުގައި 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް ވެސް ގެނެސްދޭން ވަނީ ނިންމައިފަ އެވެ.
"ބްލެކް ޕެންތާ 2" ސިނަމާތަކަށް އަންނާނީ މެއި 6، 2022 ގަ އެވެ.
މާވެލްގެ ސުޕަހީރޯ ކެރެކްޓާތަކުގެ ތެރެއިން ފޯޓްނައިޓަށް އަލަށް ދޫކޮށްލި ކެޕްޓަން މާވެލް އަކީ މިދިޔަ އަހަރު ބްރީ ލާސަނާ ގެނެސްދިން ފިލްމެކެވެ. އޭގެ ދެވަނަ ބައި ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 11، 2022 ގަ އެވެ.