ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް: އައިބާ އާއި އިންޑޯ އަށް ރަނގަޅު ފެށުމެއް
ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް: އައިބާ އާއި އިންޑޯ އަށް ރަނގަޅު ފެށުމެއް

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ މެޗުތަކުން އިއްޔެ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ) އާއި އިންޑޯ ސްޕޯޓްސް މޮޅުވެއްޖެ އެވެ.

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް: އައިބާ އާއި އިންޑޯ އަށް ރަނގަޅު ފެށުމެއް
ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް: އައިބާ އާއި އިންޑޯ އަށް ރަނގަޅު ފެށުމެއް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ކުރިއަށްދާ މި މުބާރާތުގައި އަށް ޓީމު ވާދަކުރާއިރު އިއްޔެ ކުޅުނީ ގްރޫޕް އޭގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އައިބާ މޮޅުވީ ސައިރިކްސް ރެކްރިއޭޝަން ކްލަބާ ވާދަކޮށް 16-1 ޕޮއިންޓުންނެވެ. އަދި ރޭ ކުޅުނު މެޗުން އިންޑޯ ވަނީ 13-1 ޕޮއިންޓުން ކްލަބް ސްޓެޓިކް ބަލިކޮށްފަ އެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު މެޗެއްގައި ހިމެނެނީ ހަތް ގޭމް އެވެ. އައިބާގެ ފުރަތަމަ ފިރިހެން ޑަބަލްސްގައި އައިބާގެ މުހައްމަދު އަޖުފާން އާއި އިޔާން އަބްދުލް އަލީމް (ޗިކީ)ގެ ޕެއާ ވަނީ 15/05، 15/05 އިން ސައިރިކްސްގެ މުހައްމަދު ރަމީޒް އާއި ހަމްޒާ މުހައްމަދުގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި އައިބާގެ އައިޝަތު އަފްނާން ރަޝީދު އާއި މަރިޔަމް ޝާހިދާގެ ޕެއާ ވަނީ ސައިރިކްސްގެ އާސިމާ އަބްދުލް ގާދިރާއި އައިމިނަތު މަޒްހާގެ ޕެއާ 15/07، 15/10 އިން ބަލިކޮށްފަ އެވެ.

ފުރަތަމަ މިކްސް ޑަބަލްސް ދިޔައީ ފޯރިގަދަކޮށެވެ. އައިބާގެ އަޖުފާން އާއި ހަޝްމާ މުހައްމަދުގެ ޕެއާ 15/11 އިން ސެޓެއް ގެންގޮސްފައިވަނިކޮށް ސައިރިކްސްގެ މައްސޫދު މުހައްމަދާއި މާރިޔާ އަބްދުﷲ ވަނީ 11/15 އިން ސެޓު ގެންގޮސް އެއްވަރުކޮށްފަ އެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުން އަޖުފާން އާއި ހަޝްމާގެ ޕެއާ މޮޅުވީ 11/06 އިންނެވެ.

ދެ ވަނަ ފިރިހެން ޑަބަލްސްގައި އައިބާގެ ޔޫސުފް ނިޔާޒާއި ސުތަރަޝާން ރަވީންދްރަންގެ ޕެއާ ވަނީ ސައިރިކްސްގެ އިބްރާހިމް އާސިފް އާއި މުހައްމަދު ރަފާހް 15/13، 15/08 އިން ބަލިކޮށްފަ އެވެ. ދެ ވަނަ އަންހެން ޑަބަލްސްގައި އައިބާގެ މާޝާ ރަޝީދު އާއި ބްރިލް އޭން ރެޔޭސް ވަނީ 15/07، 15/06 އިން ސައިރިކްސްގެ މާރިޔާ އާއި މަޒްހާގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި އަފްނާން އާއި މުހައްމަދު ޝަމީމްގެ ޕެއާ ވަނީ 15/06، 15/04 އިން އާސިމާ އާއި ރަފާހްގެ ޕެއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފަހު ފިރިހެން ޑަބަލްސްގައި އައިބާގެ އަބްދުﷲ ފިޔާޒް އާއި އަހުމަދު ނަދީމް ވަނީ ސައިރިކްސްގެ އަންވަރު އިބްރާހިމް އާއި އިބްރާހިމް ނައީމް އަތުން 15/05 އާއި 15/10 އިން މޮޅުވެފަ އެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސްގައި ސްޓެޓިކްގެ މޫސާ މަންސޫރާއި އަހުމަދު އައިމަންގެ ޕެއާ އަތުން އިންޑޯގެ މުހައްމަދު އާކިފް އާއި ހަސަން ފާކިރްގެ ޕެއާ މޮޅުވީ 15/09، 15/10 އިންނެވެ. ފުރަތަމަ އަންހެން ސިންގަލްސް އިން އިންޑޯގެ ނާޒިމާ މުހައްމަދާއި އައިމިނަތު ނަސީމާ 15/08، 15/13 އިން މޮޅުވީ ސްޓެޓިކްގެ ލީނާ އަހުމަދާއި ފާތިމަތު މަލީހާ ޖަމާލްއާ ވާދަކޮށެވެ. ފުރަތަމަ މިކްސް ޑަބަލްސްގައި އިންޑޯގެ އައްފާން އަލީ އާއި ނާޒިމާގެ ޕެއާ ވަނީ ސްޓެޓިކްގެ އައިޝަތު ޝަރީފް އާއި ހަސަން ނައީމްގެ ޕެއާ އަތުން 15/11، 15/08 އިން މޮޅުވެފަ އެވެ.

ދެ ވަނަ ފިރިހެން ޑަބަލްސްގައި ސްޓެޓިކްގެ އާސިފް އާދަމް މަނިކާއި އަބްދުﷲ ޒުހުރީގެ ޕެއާގެ މައްޗަށް އިންޑޯގެ ރިޝްވާން ޝިޔާމް އާއި ޝިފާއު އަބްދުﷲގެ ޕެއާ ކުރިހޯދީ 15/14، 15/14 އިންނެވެ. ދެ ވަނަ އަންހެން ޑަބަލްސް މެޗު ދިޔައީ ފޯރިގަދަކޮށެވެ. ސްޓެޓިކްގެ އައިޝަތު ޝަރީފް އާއި ޝަފާތު އަހުމަދު ޒާހިރުގެ ޕެއާ ވަނީ އިންޑޯގެ މަރިޔަމް ޝަފާހަތާއި ފާތިމަތު އިމްތިޝާލްގެ ޕެއާ އަތުން މޮޅުވެފަ އެވެ. ތިން ސެޓަށް ދިޔަ މި މެޗުގެ ސްކޯތައް ދިޔައީ 15/14، 09/15 އަދި 11/04 އިންނެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ސްޓެޓިކްގެ ޒުހުރީ އާއި ޝަފާތުގެ ޕެއާ އަތުން އާކިފް އާއި ނަސީމާގެ ޕެއާ ވަނީ 14/15، 09/15 އިން މޮޅުވެފަ އެވެ. ފިރިހެން ޑަބަލްސް ފަހު މެޗުން އިންޑޯގެ ރިޝްވާން އާއި ފާކިރްގެ ޕެއާ ވަނީ 15/10، 15/09 އިން ސްޓެޓިކްގެ އާސިފް އާއި މޫސާ މަންސޫރުގެ ޕެއާ ބަލިކޮށްފަ އެވެ.

މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. އެއީ ގްރޫޕް ބީގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި ކްލަބް ސްކޯ ސްޕޯޓްސް ކުޅޭނީ ދަ ގޯޅި ސްޕޯޓްސް ކްލަބާ އެވެ. އަދި މިރޭ ވަރުގަދަ ރިވައިވަލް ސްޕޯޓްސް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީއާ އެވެ.