22 ޑިސެމްބަރ 2020 - 07:49

އިނގިރޭސި ވިލާތުން ފެނިގެން އުޅޭ، ކޮރޯނާވައިރަހުގެ މިއުޓޭޓް ވެފައިވާ ވެރިއަންޓާ ދެކޮޅަށް ވެސް މިހާރު އުފައްދާފައިވާ ކޮވިޑް ވެކްސިންތައް މަސައްކަތްކުރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ޑަބްލިޔު.އެޗް.އޯގެ ޓެކްނިކަލް ލީޑްގެ މަގާމު އަދާކުރައްވާ މަރީއާ ވެން ކެކޯފް އިއްޔެގެ ޕްރެސް ބްރީފިންގައި ވިދާޅުވީ ހަލުވިކަމާ އެކު ފެތުރޭ އާ ވެރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާނެ ކަމަށާއި އެއީ އުފާވެރި ޚަބަރެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އާންމުކޮށް މި ފެންނަ ވައިރަސްގެ ވެރިއެންޓަށް ވުރެ މާ ފަސޭހައިން ފެތުރޭ ވައްތަރެއް ނަމަވެސް މީގެ ސަބަބުން ވަކިން ބޮޑަށް ބަލިވާ ކަމުގެ ހެއްކެއް ނެތް ކަމަށެވެ.
"ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން އަށް، މި އާ ވެރިއެންޓްގެ ސަބަބުން ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިނގިރޭސި ވިލާތުން ވަނީ އަންގާފައި،" ވެން ކެކޯފް ވިދާޅުވި އެވެ.
ޑަބްލިޔު.އެޗް.އޯގެ އިމަޖެންސީ އެކްސްޕާޓް މައިކް ރަޔަން ވިދާޅުވީ މިިދިޔަ ހަތަރު މަސް ތެރޭ، ކޮރޯނާވައިރަހުގެ އެކި ވެރިއެންޓްތައް ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއިން އެއްވެސް ވެރިއެންޓެއްގެ ސަބަބުން އިތުރު ކަންބޮޑުވުމެއް އުފެދިފައި ނެތް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މިއިން އެއްވެސް މިއުނޭޝަނެއްގެ ސަބަބުން، ބަލި ޖެހޭ މީހުންގެ ހާލު އިތުރަށް ގޯސްވުމާއި ބަލި ދެނެގަތުމަށް އުނދަގޫވުން އަދި ވެކްސިން މަސައްކަތް ނުކުރުން ފަދަ އެއްވެސް ކަމެއް މެދުވެރިވާނެ ކަމަށް ނުބެލެވުމެވެ.
"މިކަމުގައި އާންމުންނަށް މައުލޫމާތު ދީ ވައިރަސް ބަދަލުވަމުންދާ ގޮތް ކިޔައިދިނުން ވަރަށް މުހިންމު. އަދި މިއީ ކޮންމެ ވައިރަހެއް ފެތުރޭއިރު ވެސް ކަން ހިނގާ ގޮތްކަން އަންގައިދޭން ވެސް ޖެހޭ،" ރަޔަން ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުން ކޮރޯނާވައިރަހުގެ އާ މިއުޓޭޝަނެއް ފެނި އަދި މި އާ ވައްތަރުގެ ސަބަބުން ގިނަ ބަޔަކަށް ބަލި ޖެހިފައިވާކަން އެނގުމާ އެކު އިނގިރޭސި ވިލާތުން މީހުން އައުން 40 އަށް ވުރެ ގިނަ ގައުމުން މިހާރު ވަނީ މަނާކޮށްފަ އެވެ.
އިނގިރޭސި ވިލާތުން ހާމަކޮށްފައިވާ ގޮތުގައި އާ ވެރިއެންޓަކީ އާންމު ކޮރޯނާވައިރަހަށް ވުރެ 70 ޕަސެންޓް އަވަހަށް ފެތުރޭ ވައިރަހެކެވެ. މިކަމަށް އިޝާރާތް ކުރައްވަމުން ވެން ކެކޯފް ވިދާޅުވީ މީގެ މާނަ އަކީ ބަލީގެ ރިޕްރޮޑަކްޝަން ރޭޓް ނުވަތަ އެކަކަށް ޖެހުމުން އެ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުމުގެ ފުރުސަތު މިހާރު އޮތް 1.1 އިން 1.5 އަށް އިތުރުވުމެވެ.
ސައުތު އެފްރިކާ އިން ވަނީ ކޮރޯނާވައިރަހުގެ އާ ވެރިއެންޓެއް ފެނިފަ އެވެ. އެކަމަކު މިއީ އިނގިރޭސި ވިލާތުން ފެނުނު ވެރިއަންޓާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް ޑަބްލިއު.އެޗް.އޯ އިން ބުންޏެވެ. -- އޭޕީ