22 ޑިސެމްބަރ 2020 - 13:03

ޖެނީވާ (ޑިސެމްބަރު 22) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ވަނީ ކޮންޓްރޯލުން ނެއްޓިފައި ނޫން ކަމަށާއި އާ ވައިރަސް ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ކޮރޯނާވައިރަހުގެ އާ ސްޓްރެއިން ނުވަތަ ވައިރަހުގެ ސެލްތައް މިއުޓޭޓްވެ ޖީންއަށް ބަދަލު އައުމުން އުފެދުނު އާ ވައްތަރުގެ ވައިރަސް މާ ފަސޭހައިން ފެތުރޭ ކަމަށް ސިއްހީ ބައެއް އޮފިޝަލުން ބުނެ އެވެ.
"ބަލިމަޑުގައި ވަރަށް ހަލުވިކޮށް ބަލި ފަތުރުނު ދަނޑިވަޅުތަކާ ވެސް ވަނީ ދިމާވެފައި. އެކަމަކު އެ ހާލަތު ވެސް ވަނީ ކޮންޓްރޯލް ކޮށްފައި،" ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޕްރޮގްރާމްގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވި އެވެ. "އެހެންވެ އިނގިރޭސި ވިލާތުން ފެނުނު ވައިރަސް ވެސް ވަނީ ކޮންޓްރޯލުން ނެއްޓިފައެއް ނޫން."
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޔަން ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ހަމަ ރަނގަޅު ފިޔަވަޅުތައް ކަމަށެވެ. ކުރަން ޖެހޭ ކަމަކީ އެ ފިޔަވަޅުތައް ވަރުގަދަކޮށް ދިގު ދައްމާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހަނޫކް ކުރިން ވިދާޅުވެފައި ވަނީ އެ ގައުމުން ފެނުނު ވޭރިއަންޓް ވަނީ ކޮންޓްރޯލުން ނެއްޓިފައި ކަމަށެވެ.
އިނގިރޭސި ވިލާތުގެ ފްލައިޓްތަކަށާއި އެ ގައުމުން ދަތުރުކުރާ މީހުންނަށް ގާތްގަނޑަކަށް 30 ގައުމެއްގެ ބޯޑަރު މިހާރު ވަނީ ބަންދުކޮށްފަ އެވެ.