22 ޑިސެމްބަރ 2020 - 12:40

ވޮޝިންޓަން (ޑިސެމްބަރު 22) - ސްކޮޓްލޭންޑުގެ ލޮކަބީ މަތިން 1988 ވަނަ އަހަރު ޕޭން އޭއެމް ފްލައިޓް 103 ގޮއްވާލުމަށް ބޮން ހެދި ކަމަށް ބުނާ ލީބިއާގެ ރައްޔިތެއްގެ މައްޗަށް 32 އަހަރު ފަހުން ދައުވާ ކުރަން އެމެރިކާ އިން ނިންމައިފި އެވެ.
ލޮކަބީ ހާދިސާ އަށް 32 އަހަރު ފުރުނު ދުވަހު، އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވީ އަބޫ އަގީލާ މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާ ކުރަނީ ޓެރަރިޒަމާ ގުޅުން ހުރި ކުށެއްގައި ކަމަށެވެ. ދައުވާ ކުރުމަށްޓަކައި މަސްއޫދު އެމެރިކާ އަށް ގެންދިއުމަށް ޕްރޮސެކިއުޓަރުން މަސައްކަތް ކުރާނެ އެވެ. އެމެރިކާ އިން ތުހުމަތު ކުރަނީ މަސްއޫދަކީ ލީބިއާގެ ކުރީގެ ޖާސޫސީ އެޖެންޓެއް ކަމަށެވެ. އަދި ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އަމުރަށް ބައެއް ހަމަލާތައް އޭނާ ދީފައިވާ ކަމަށް ވެސް އެމެރިކާ އިން ތުހުމަތުކޮށްފައިވެ އެވެ.
ބާ ވިދާޅުވީ މަސްއޫދު މިހާރު ހުރީ ލީބިއާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ބޮއިން 747 ގެ ބޯޓު ގޮއްވާލުމުގެ ސަބަބުން 270 މީހުން މަރުވި އެވެ. އޭގެ ތެރޭގައި އެމެރިކާގެ 190 މީހުން ހިމެނެ އެވެ. އެ ހާދިސާގައި ސްކޮޓްލޭންޑުން ބިން މަތިން ވަނީ 11 މީހުން މަރުވެފަ އެވެ. ލަންޑަނުން ނިއު ޔޯކަށް ދަތުރުކުރަނިކޮށް ގޮއްވާލި ބޯޓަކީ އިނގިރޭސި ވިލާތުގައި ހިންގި އެންމެ ބޮޑު ޓެރަރިސްޓް ހަމަލާ އެވެ. އަދި އެމެރިކާގެ ތާރީޚުގައި މަތިންދާ ބޯޓަކަށް ދެ ވަނަ އަށް ދިން އެންމެ ބޮޑު ހަމަލާ އެވެ.
ލޮކަބީ ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ ލީބިއާގެ މީހުންގެ މައްޗަށް 1991 ވަނަ އަހަރު ދައުވާ އުފުލި އިރު ވެސް އެމެރިކާގެ އެޓާނީ ޖެނެރަލް އަކީ ވިލިއަމް ބާ އެވެ. ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ ވެރިކަމުގައި ބާ އެ މަސައްކަތް ހަވާލުކުރައްވާފައި ވަނީ ކްރިމިނަލް ޑިވިޝަންގެ ވެރިޔާ ރޮބަޓް މުލާއަށެވެ. އޭނާ އަކީ 2016 ވަނަ އަހަރުގެ އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވިތޯ ބެލުމަށް ހިންގި ތަހުގީގުގެ އެންމެ އިސް ފަރާތެވެ.
ލޮކަބީ ބޮމުގެ ހާދިސާގައި މިހާތަނަށް ކުށްވެރިވެފައި ވަނީ އެންމެ މީހެކެވެ. ލީބިއާގެ ރައްޔިތެއް ކަމަށްވާ އަބްދުލް ބާސިތު އަލް މަގްރާހީގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2001 ވަނަ އަހަރު އެވެ. ނަމަވެސް އޭނާ ގެންދިޔައީ ކުށެއް ނުކުރާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ސްކޮޓްލޭންޑުގެ ޖަލުން މަގްރާހީ ނެރެ ލީބިއާ އަށް ގެންދިޔައީ 2009 ވަނަ އަހަރު އެވެ. އޭނާ އަށް ލުއި ދިނީ ކެންސަރު ޖެހުމާ ގުޅިގެންނެވެ. އޭގެ ތިން އަހަރު ފަހުން މަގްރާހީ ވަނީ މަރުވެފަ އެވެ.