22 ޑިސެމްބަރ 2020 - 09:32

ބާސެލޯނާ (ޑިސެމްބަރު 22) - މި ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާ އެއްބަސްވުމެއްގައި ސޮއިކޮށް އެ ޓީމުގައި މަޑުކޮށްފާނެ ކަމުގެ އިޝާރާތެއްދީފި އެވެ.
އޭނާ ވަނީ މިދިޔަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށްލަން މަސައްކަތްކޮށްފަ އެވެ. މެސީ ބޭނުންވީ ކޮންޓްރެކްޓްގެ ވަކި މާއްދާ އަކަށް ރިއާޔަތްކޮށް ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކަށް ބަދަލުވާށެވެ. އެކަަމަކު ބާސެލޯނާގެ އޭރުގެ ރައީސް ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕުން އެންގީ މެސީ އެހެން ޓީމަކަށް ބަދަލުވެވޭނީ 700 މިލިއަން ޔޫރޯ އަށް ކަމަށެވެ.
ބާސެލޯނާ އިން އަގަކާނުލައި މެސީ ދޫކޮށްލަން ތަކުރާރުކޮށް ދެކޮޅު ހެދުމުން އެންމެ ފަހުން އޭނާ އެ ޓީމުގައި މަޑުކުރީ އެވެ. އެ ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ އެންމެ ލޯބިވާ ކްލަބް ގޮވައިގެން ކޯޓަށް ދާން ބޭނުންނުވާތީ ކަމަށް މެސީ އޭރު ބުންޏެވެ.
ސްޕެއިނުގެ ޓީވީ ޗެނަލް ލަ ސެކްސްޓާ އަށް ދިން އިންޓަވިއުއެއްގައި އުމުރުން 33 އަހަރުގެ މެސީ ބުނީ ކްލަބް ބަދަލުކުރަން އުޅުނު ދުވަސްވަރު ކުރިމަތިވީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އޭގެ ސަބަބުން ސީޒަންގެ ކުރީކޮޅުގައި އޭނާ އަށް އެކަމުން އަރައިގަންނަން އުނދަގޫވި ކަމަށެވެ.
"އަހަންނަށް ދިމާވި ކަންތައްތަކުގެ ސަބަބުން ސީޒަން ކުރީކޮޅުގައި ވެސް އޭގެ ގޯސް އަސަރުތަކެއް ހުރި. އެކަމަކު ހަގީގަތަކީ މި ވަގުތު އަހަރެން މިހުރީ ހަމަޖެހިގެން. މިހާރު އަހަރެން ބޭނުންވަނީ ކުރިމަތީގައި އޮތް ކޮންމެ މުބާރާތަކަށް ވާދަކުރަން،" މެސީ ބުންޏެވެ.
މި ސީޒަނުގައި 17 މެޗުން މެސީ ވަނީ ނުވަ ގޯލު ޖަހައިފަ އެވެ. ބާސެލޯނާ އޮތީ ސްޕެނިޝް ލީގުގެ ފަސް ވަނައިގަ އެވެ.
މާލީ ގޮތުން ބާސެލޯނާ އަށް ހުރި ގޮންޖެހުންތަކަށް ބަލާއިރު މެސީ ވިއްކާލިނަމަ އެއީ ގޯސް ނިންމުމެއްގެ ގޮތުގައި ނުވާނެ ކަމަށް ބާސެލޯނާގެ ވަގުތީ ރައީސް ކާލެސް ޓަސްކުއެޓްސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އެކަމާ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މެސީ ބޭނުންނަމަ އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން އޭނާ އިހުތިޔާރުކުރާ ޓީމަކާ އެކީ ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ. މެސީ ހޯދުމުގެ މަސައްކަތް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ މެންޗެސްޓާ ސިޓީން އަންނަނީ ކުރަމުންނެވެ.
ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރުންތަކެއް އެއްބަސްވާގޮތުގައި ބާސެލޯނާގައި ބާޓޮމެއުގެ ލީޑަޝިޕްގެ އިތުބާރުނެތްކަމަށް ފާސްވި ހިސާބުން މެސީ އެ ކްލަބްގައި މަޑުކުރުމުގެ ފުރުސަތު އޮތީ ބޮޑުުވެފަ އެވެ. އަދި ބާސެލޯނާގައި ހަމަޖެހިގެން ކަމަށް ބުނެ މެސީ މި ފަހަރު މި ދިން އިންޓަވިއުއަކީ ގިނަ ބަޔެއްގެ ނަޒަރުގައި އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމުގެ އިޝާރާތެކެވެ.
އަންނަ މަހު ބާއްވަން ނިންމާފައިވާ ބާސެލޯނާގެ އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު ކަހަލަ ގޮތަކަށް އަންނަނީ މެސީ ޓީމުގައި މަޑުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނަމުންނެވެ. ބައެއް ކެންޑިޑޭޓުން ވަނީ މެސީ ގަދަކަމުން ކްލަބްގައި މަޑުކުރުވުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.