މާލޭން ކޮވިޑްގެ 4 ކޭސް، މުޅި ރާއްޖޭން 8 ކޭސް ފެނުނު ދުވަހެއް
މާލޭން ކޮވިޑްގެ 4 ކޭސް، މުޅި ރާއްޖޭން 8 ކޭސް ފެނުނު ދުވަހެއް

މިދިޔަ 24 ގަޑިއިރު ތެރޭ މާލޭ ސަރަހައްދުން ފެނުނީ ކޮވިޑް-19 ގެ ޕޮޒިޓިވްވީ އެންމެ ހަތަރު މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއީ މި ބަލި މާލެތެރޭގައި ހަލުއިކޮށް ފެތުރެން ފެށިފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވި އެއް ދުވަހެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖޭން ވެސް މިއަދު ފެނުނީ ކޮވިޑްގެ ޕޮޒިޓިވް 8 ކޭހެވެ. މިއީ ވެސް ރެކޯޑް ދަށް އަދަދެކެވެ. މާލޭގެ އިތުރުން ޕޮޒިޓިވްވީ، މީހުން ދިރިއުޅޭ ރަށަކުން މީހަކާއި ރިސޯޓަކުން ތިން މީހުންނެވެ.

މިއީ އިއްޔެ އިރުއޮއްސި ހަޔަކުން މިއަދު ހަޔަކަށް ޓެސްޓްކުރި 2،613 ސާމްޕަލުން ފެނުނު ކޭސްތަކެވެ. ހިސާބުތަކުން ދައްކާގޮތުގައި، ބަލިޖެހުނު މީހުންގެ ތެރެއިން 95 ޕަސެންޓަށް ވުރެ ގިނަ މީހުން ރަނގަޅުވެ މިހާރު ފަރުވާ ހޯދަމުން އަންނަނީ 517 މީހެކެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 40 މީހަކަށެވެ.

ކޮވިޑްގެ ކޭސްތައް މަދުވުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ލުއިތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ކާފިއު އުވާލުމާއި ކަރަންޓީނުގެ މުއްދަތު ކުރުކުރުން ހިމެނެ އެވެ.

އެކަމަކު އެޗްޕީއޭގެ އިލްތިމާސަކީ ބަލި އަދިވެސް ފެތުރުމުގެ ފުރުސަތު އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމެވެ.