23 ޑިސެމްބަރ 2020 - 10:26

މަރުގެ އަދަބު ދޭން ހުކުމްކޮށްފައި ފެޑެރަލް ޖަލުތަކުގައި ތިބި މީހުންގެ ތެރެއިން, ހަތްދިހަ ވަރަކަށް އަހަރު ތެރޭ މަރާލާ ފުރަތަމަ އަންހެނަކަށް ޖެނުއަރީ 12ގައި ލީސާ މޮންޓްގޮމެރީ ވެގެންދާނެ އެވެ.
ލީސާ ޑިސެމްބަރު 16, 2004ގައި މިޒޫރީގެ ސްކިޑްމޯ އަށް ދަތުރުކޮށް, ބޮބީ ޖޯ ސްޓިނެޓް ކިޔާ މާބަނޑު އަންހެނެއްގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލި އެވެ. އެއަށް ފަހު އޭނާގެ ބަނޑު ކަފާލައިގެން ކުއްޖާ ނަގައި, ކެންސަސްގައި ފިރިމީހާ ކެވިންއާ އެކު ދިރިއުޅޭ ގެއަށް ގެންދިޔައީ އެވެ. ތުއްތުކުއްޖާ މަރުނުވެ ސަލާމަތްވި އެވެ. މި މައްސަލައިގައި ހިމެނޭ ދެބަސްވެވެން ނެތް ހަގީގަތްތައް ގާތްގަނޑަކަށް މި ނިމުނީ އެވެ.
ހުކުމް އިއްވި ފަހުން ލީސާ ތަމްސީލްކުރަމުން އަންނަ ތިން ވަކީލުން ވަނީ އިންޓަ-އެމެރިކަން ކޮމިޝަން އޮން ހިއުމަން ރައިޓްސް އަށް ޕެޓިޝަނެއް ފޮނުވައިފަ އެވެ. އެ މީހުން ބުނާ ގޮތުގައި ލީސާގެ ޝަރީއަތް ކުރިއަށް ދިޔައީ އިންސާފުވެރިވުމުގެ މިންގަނޑުތަކާ އަރާހަމަކުރާ ވަރަށް ވުރެ މާ ދަށުން ކަމަށް ވާތީ އެ ޝަރީއަތް ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވުމުގެ އިތުރުން ލީސާ ކުރި ކުށުގައި އެމެރިކާ ސަރުކާރުގެ ޒިންމާ އެބަ އޮތެވެ. އެއީ ކުޑަކުއްޖެއްގެ ގޮތުގައި އޭނާ އަށް ކުރިމަތިވި ބޮޑެތި އަނިޔާތަކާއި ޖިންސީ އަނިޔާ އިން އޭނާ ސަލާމަތްކުރަން ސަރުކާރު ފެއިލްވެފައި ވާތީ އެވެ.
ޑިސެމްބަރު 1ގައި ކޮމިޝަނުން ކަނޑައެޅީ ލީސާ މަރާލައިފި ނަމަ "އިއާދަނުކުރެވޭ ވަރުގެ ގެއްލުން" ލިބިދާނެ ކަމަށެވެ. އަދި ޕެޓިޝަނާ މެދު ކޮމިޝަނަށް ގޮތެއް ނިންމެންދެން މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރަން އެދުނެވެ. ކޮމިޝަންގެ ނިންމުތަކަށް އަމަލުކުރުން ގާނޫނީ ގޮތުން ލާޒިމެއް ނޫނެވެ. އެކަމަކު ކުރީގެ ބައެއް ނިންމުންތަކާ ގުޅިގެން އޮހަޔޯ އާއި ޓެކްސަސްގައި މަރުގެ އަދަބު ތަންފީޒުނުކޮށް އެބަ ހުއްޓެވެ.
ހާހަކަށް ވުރެ ގިނަ ސަޕޯޓަރުން ވެސް ސިޓީތަކާއި ޕެޓިޝަންތައް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ލީސާ މަރާލުމައިގެން ކުރިއަށް ދިޔުން ހަގީގަތުގައި މިއިން އެއްވެސް ކަމަކަށް ބިނާވެގެނެއް ނުވެ އެވެ. އޭނާއަށް ލިބެން އޮތް މައާފުގެ ހަމައެކަނި ފުރުސަތު މުޅިން ވެސް އޮތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްމަތީގަ އެވެ.
ލީސާ އެ ކުށް ކުރި ކަމާ މެދު އެއްވެސް އިރެއްގައި ސުވާލެއް ނުއުފެދެ އެވެ. އެކަމަކު އޭނާ މަރަން ހުކުމްކުރީ ޝަރީއަތުގައި އޭނާ ތަމްސީލްކުރި ވަކީލުންނަށް, ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ނޭނގި ތިބެ, އޭނާ ދިފާއުކުރާނީ ކިހިނެއްކަން ނަގައިނުގަނެވުމުންނެވެ.
ލީސާއަކީ ބައިޕޯލާ ޑިސްއޯޑާ, އެޕިލެޕްސީ, ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ, ޑިސޯސިއޭޓިވް ޑިސްއޯޑާ އަދި ސައިކޯސިސް ހުންނަ މީހެކެވެ. ބޮލަށް އަނިޔާ ލިބިގެން ސިކުނޑި އަށް ގެއްލުންވެފައިވެ އެވެ. މަންމަގެ ބަނޑުގައި އޮތް އިރު ރަލުގެ އަސަރުކޮށްގެން ގެއްލުން ލިބިފައިވާނެ ކަމަށް ވެސް ބެލެވެ އެވެ. އޭނާ އުފަންވީ ނަފްސާނީ ބަލިތައް ގިނަ އާއިލާއަކަށެވެ. އޭގެ ތެރޭގައި ސްކިޓްޒޮފްރީނިއާ, ބައިޕޯލާ ޑިސްއޯޑާ އަދި ޑިޕްރެޝަން ހިމެނެ އެވެ. އަމިއްލަ ބައްޕަ ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ލީސާގެ މަންމަ ޖޫޑީ ޝޮނެސީ ބުނެފައިވެ އެވެ.
ލީސާގެ ބައްޕަ ވަނީ އޭނާގެ އުމުރުން ދެތިން އަހަރުގައި އެ މީހުން ދޫކޮށް ގޮސްފަ އެވެ. މަންމަގެ ފަރާތުން އިންތިހާ ދަރަޖައިގެ އަނިޔާ ލީސާއަށް ލިބިފައިވެ އެވެ. ކާއެއްޗެހި ކައި ހުސް ނުކޮށްފި ނަމަ ހައިޗެއާގައި އެތައް ގަޑިއިރެއް ވަންދެން ބައިންދަ އެވެ. އަޑެއް އިއްވިޔަ ނުދޭން އަނގައިގައި ޓޭޕު އަޅަ އެވެ. ލީސާ ވަނީ ނުރޮއެ އުޅެން ދަސްކޮށްފަ އެވެ. ތަހުގީގުކުރި މީހެއް ގާތު ޝޮނެސީ ބުނެފައިވާ ގޮތުގައި ލީސާ ވާހަކަދައްކަން ފެށި އިރު ދުލުން ނުކުތް ފުރަތަމަ ޖުމްލައަކީ "އަހަރެންގެ ފޫކޮޅުގައި ނުތަޅާ، ތަދުވެއޭ" އެވެ.
ލީސާ އުމުރުން 13 އަހަރުން ފެށިގެން ދޮންބައްޕަ ޖެކް ކްލައިނާ ވަނީ ޖިންސީ އަނިޔާކުރަން ފަށައިފަ އެވެ. އެ އާއިލާ ދިރިއުޅެމުން ގެންދިޔަ ޓްރެއިލާއާ ޖެހިގެން, ޖިފުޓިއެއް ކަހަލަ ތަނެއް ވަކިން ވަދެވޭ ގޮތަށް ހަދައި ލީސާ އެ ތަނަށް ލި އެވެ. ފަހުން އޭނާގެ ވަކީލުންނަށް އެނގިފައިވާ ގޮތުގައި އަބަދު ރާ ބޮއެބޮއެ ހުންނަ ކްލައިނާ އޭނާގެ ރައްޓެހިން އެ ތަނަށް ގެންގޮސްގެން ވެސް ލީސާ ރޭޕްކުރުވަ އެވެ. ބައެއް ފަހަރު އެތައް ގަޑިއިރެއް ވަންދެނެވެ. ބައެއް ފަހަރު އެއްފަހަރާ ތިން މީހުން ވެގެންނެވެ. އަދި ޝޮނެސީ, ގޭގެ ކަރަންޓާއި ފެނުގެ މަސައްކަތްތައް ކޮށްދޭ މީހުންނަށް އަގު ދޭން, ދަރިފުޅުގެ ހަށިވިއްކުވަ އެވެ. (ލީސާގެ ފަހުގެ ވަކީލުންނާ ވާހަކަދައްކަން ޝޮނެސީ ވަނީ ދެކޮޅުހަދައިފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ މަރުވެފަ އެވެ.)
ކްލައިނާ 2009ގައި މަރުވުމުގެ ކުރިން އަނިޔާގެ ތުހުމަތަށް އިންކާރުކުރި އެވެ. އެކަމަކު އޭނާ އަށް ވަޒީފާ ދިން މީހަކު ވަނީ ލީސާ ރޭޕްކުރި ކަމަށް ކްލައިނާ އެއްބަސްވެފައި އޮތް ކަމަށް ހެކިބަސްދީފަ އެވެ. ލީސާގެ އެއްބަނޑު ޓެޑީ ކްލައިނާ ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭނާ ރޭޕްކުރާ ވަގުތެއް ނަމަ މަންމަ އެހެން ކުދިން ގެއިން ބޭރަށް ފޮނުވައިލަ އެވެ.
ލީސާގެ 2007ގެ ޝަރީއަތުގައި ޖޫރީންނަށް މިއިން އެއްވެސް ކަމެއްގެ މައުލޫމާތު ދީފައި ވަނީ ނުހަނު ކުޑަކޮށެވެ. އެތައް ޒަމާނަކަށް ދިގުދެމިގެންދިޔަ މި އަނިޔާތަކުގެ ފުރިހަމަ ތަސައްވުރެއް ހުށަހަޅައިދޭން ލީސާގެ ފިރިހެން ވަކީލުން ވަނީ ނުކުޅެދިފަ އެވެ. އޭގެ ބަދަލުގައި ވަކީލުން ކުރި ކަމަކީ ގާތިލަކީ ލީސާގެ އެއްބަނޑު ޓޮމީ ކްލައިނާ ކަމަށް ތުހުމަތުކުރުމެވެ. އެއީ މާބަނޑު މީހާ މަރާލި ވަގުތު ޓޮމީ ހުރީ އެހެން ތަނެއްގައި ކަމަށް އޭނާގެ ޕްރޮބޭޝަން އޮފިސަރު ބުނަމުން ވެސް ދަނިކޮށެވެ.
ލީސާގެ ސިކުނޑި އަށް ލިބިފައި ހުރި ގެއްލުންތައް ފެންނަން ހުރި އެމްއާރުއައި ސްކޭންތަކެއް ޖޫރީއަކަށް ނުދައްކަ އެވެ. އޭނާގެ ސިކުނޑި ހިނގާ ގޮތް ގޯސްކަން ދޭހަކޮށްދޭ ސްކޭންތަކެއް ވެސް އެ މީހުން ނުދެކެ އެވެ. އިޖުތިމާއީ އަދި ނަފްސާނީ ގޮތުން މީހާގެ އުޅުން ހުންނަ ގޮތާއި ހަނދާންތައް ބަލަހައްޓައިދޭ ސިކުނޑީގެ އެ ތަންތަނަކަށް އަނިޔާގެ ސަބަބުން އަސަރު ފޯރުމުގެ ނުރައްކާ އޮވެ އެވެ.
ޖިންސީ އަދި ގެވެށި އަނިޔާގެ ސަބަބުން މީހާގެ ނާރުގެ ނިޒާމަށާއި އުޅުމަށާއި އަމިއްލަ ނަފްސާ މެދު ދެކޭ ގޮތަށް އަންނަ ނުބައި ބަދަލުތައް އޭނާގެ ވަކީލުން ރަނގަޅަށް އޮޅުންފިލުވައެއް ނުދެ އެވެ. ދޮންބައްޕަ އޭނާ ރޭޕްކުރަމުން ގެންދިޔަ އިރު ލީސާގެ ރުހުން އޮތް ކަމަށް ވެސް ސަރުކާރު ކޮޅަށް ހެކިބަސް ދިން މާހިރަކު ބުނެފައިވެ އެވެ.
ފަސް ގަޑި އިރު ހަމަނުވާ މަޝްވަރާތަކަކަށް ފަހު ޖޫރީން ނިންމީ ލީސާގެ ކުށް ސާބިތުވާ ކަމަށެވެ. އަދި ދުވަސްތަކެއް ފަހުން މަރުގެ އަދަބު ދޭން ލަފާދިނެވެ. ފަނޑިޔާރު އެ ގޮތަށް ހުކުމް އިއްވި އެވެ.
އުމުރުން 18 އަހަރު ފުރުމުން ލީސާ ވަނީ މަންމަގެ ހަތަރު ވަނަ ފިރިމީހާގެ ދަރި ކާލް ބޯމަންއާ ކައިވެނިކޮށްފަ އެވެ. ބޯމަންގެ ފަރާތުން ވެސް ކުރިމަތިވީ އިންތިހާ ދަރަޖައިގެ ޖިސްމާނީ އަދި ޖިންސީ އަނިޔާތަކެވެ. އެކަމަކު އެ ވާހަކަ ވެސް ޝަރީއަތާ ހިސާބަކަށް ނުދެ އެވެ. އުމުރުން 23 އަހަރު ފުރުނު އިރު ލީސާގެ ހަތަރު ކުދިން ތިއްބެވެ. އޭރު އޭނާގެ ސިކުނޑި ގޯސްކަމުން ރަނގަޅަކަށް ވާނުވާއެއް ނޭނގެ އެވެ. އެންމެ ފަހުން ދެމަފިރިން ވަރިވި އެވެ. ފަހުން ލީސާ ކައިވެނިކުރީ ކެވިންއާ އެވެ.
މާބަނޑުމީހާ މަރާލި ދުވަސްވަރު ލީސާ އެކި ފަހަރު މަތިން އުޅުނީ ބަލިވެއިން ކަމަށް ހެދިގެންނެވެ. ކޮންމެ ފަހަރަކު ވެސް ބުނެ އުޅުނީ ދަރިފުޅު މަރުވެއްޖެއޭ އެވެ. އެކަމަކު އެއީ ދޮގެއްކަން ބޯމަން އަށް އެނގެ އެވެ. އެއީ ހަތަރު ވަނަ ދަރިފުޅަށް ފަހު ލީސާ ނުވިހާ އޮޕަރޭޝަން ކޮށްފައި ވާތީ އެވެ. ލީސާއަކީ އަނިޔާވެރި، ދަރިންނަށް އަޅާނުލާ އުޅުނު މައެކެވެ. އޭނާގެ އަމިއްލަ ސާފުތާހިރުކަމަށް ވެސް، ވިސްނައެއްނުލެވެ އެވެ. ނިދީގައި ބައެއް ރޭރޭ ދަންވަރު ގެއިން ވެސް ނުކުމެ އެވެ. މި ހާލަތުގައި ލީސާގެ ދިރިއުޅުން ކުރިއަށް ގޮސް، އެންމެ ފަހުން އެ ބޮޑު ކުށަށް އަރައިގަން އިރު، ބޯމަން އޭނާގެ ދަރިންނަށް ހަމްދަަރުދީވި އެވެ. އެގޮތުން އޭގެ ތެރެއިން ދެ ކުއްޖަކު އޭނާގެ ބެލުމުގެ ދަށަށް ގެންދަން ޑިސެމްބަރު 2004ގައި ބޯމަން ކޯޓަށް ވެސް ދިޔަ އެވެ. އެއީ މާބަނޑުމީހާ މަރާލިތާ ވަރަށް ކައިރީގަ އެވެ.
އެތައް ކުޑަކުދިންނަކަށް ސިއްރިޔާތުގައި އަނިޔާކުރެ އެވެ. ލީސާގެ އާއިލާ ތެރޭގައި ހިނގި އަނިޔާތަކުން ހާމަވަނީ އެކަން އެނގޭ ނުވަތަ ޝައްކުވާނެ އެތައް ބަޔަކު ތިބި ކަމެވެ.
އެކަމަކު ނިޒާމުތައް ދިޔައީ ލީސާއަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަހަރަކަށް ފަހު ފަހަރެއް ފެއިލްވަމުންނެވެ. ޗައިލްޑް ޕްރޮޓެކްޓިވް ސާވިސަސް އާއި ތައުލީމީ ނިޒާމާއި ގާނޫނު ތަންފީޒުކުރާ ފަރާތްތައް ފެއިލްވީ އެވެ. އޭނާ ބޮޑު މީހަކަށް ވީ ފަހުން ނަފްސާނީ ސިއްހަތުގެ ޚިދުމަތްތަކާއި ގެވެށި އަނިޔާއާ ދެކޮޅު އަޑުތައް ވެސް އޭނާ އަށް އެހީތެރިވުމުގައި ފެއިލްވީ އެވެ. އެންމެ ފަހުން މި ހުރިހާ ފެއިލްވުންތަކެއްގެ ސަބަބުން ބޮޑު ޖަރީމާއެއް ހިނގީ އެވެ.
ލީސާ މޮންޓްގޮމެރީ ޖަލުން މިނިވަންކުރާށެކޭ އެކަކު ވެސް ނުބުނެ އެވެ. އެކަމަކު ތަހައްމަލްކުރަން ޖެހުނު އަނިޔާތަކުގެ ސަބަބުން އޭނާ މަރުގެ އަދަބުން ސަލާމަތްވާން ޖެހޭނެ އެވެ.
މިއީ އެމެރިކަން ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ރޭޗަލް ލުއީޒް ސްނައިޑާ، ނިއު ޔޯކް ޓައިމްސް އަށް ލިޔުއްވި މަޒުމޫނެއްގެ ޚުލާސާއެކެވެ. ގެވެށި އަނިޔާއާ ބެހޭ ގޮތުން "ނޯ ވިޒިބަލް ބްރޫޒެސް"ގެ ނަމުގައި އޭނާ ފޮތެއް ލިޔުއްވާފައިވެ އެވެ.