21 ޑިސެމްބަރ 2020 - 21:30

ޒިނޭގެ ކުށް ސާބިތުކުރުމުގައި ޑީއެންއޭ ހެކި ބޭނުން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމަކަށް ފަހު އުފެދިފައިވާ ބަހުސްތަކާ ބެހޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ޝާއިއުކުރެއްވި ލިޔުމެއްގައި ޒިނޭގެ ތެރޭގައި ގާނޫނީ ޒިނޭ އާއި ޝަރުއީ ޒިނޭ ހިމެނޭ ކަމަށް ލިޔުއްވާފައި ވާތީ އިސްލާމިކް މިނިސްޓްރީން އެކަމަށް ރައްދު ދީފި އެވެ.
ޒިނޭގެ ކުށް ސާބިތުކުރުމުގައި ރާއްޖޭގައި އަމަލުކުރަމުން އައި ގޮތާއި ގާނޫނުލްއުގޫބާތު އެކުލަވާލުމުގައި އެކަމަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން ޝަމީމް ލިޔުއްވާފައިވާ ވާއިރު ޒިނޭގެ ވައްތަރުތައް ކަމަށް ވިދާޅުވެ "ޝަރުއީ ޒިނޭ" އާއި "ގާނޫނީ ޒިނޭ" އޮންނަ ކަމަށް ލިޔުއްވާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ މުޞްޠަލަޙުތައް (ލަފްޒުތައް) ބޭނުން ކުރަންވާނީ ޝަރުއުގައި އެ އެ ބޭނުން ކުރަމުން އަންނަ ގޮތަށް ކަމަށެވެ. ގާނޫނީ ގޮތުން ވެސް މި ލަފްޒުތައް ބޭނުންކުރަމުން އަންނަނީ ޝަރުއުގައި އޮންނަ ގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"މިސާލަކަށް: ޒިނޭ ވާނީ ޒިނޭއަށެވެ. ކައިވެނި ވާނީ ކައިވެންޏަށެވެ. ލިވާޠު ވާނީ ލިވާޠަށެވެ." މިނިސްޓްރީގެ ޓްވީޓެއްގައި ލިޔެފައިވެ އެވެ.
އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު މަސްދަރު ކަމަށް ވެފައި، މިފަދަ ޝަރުއީ މުޞްޠަލަޙުތަކުގެ ޝަރުޢީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުން ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ޚިލާފު ކަމަށާއި އެ ލަފްޒުތައް ބޭނުންކުރަންވާނީ ޝަރުއުގައި އެ ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ ޒިނޭގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުންނާ ތަފާތު ކުރެވޭކަމަށް ހީވަނީ، ޒިނޭ ސާބިތުކުރުމުގެ މިންގަނޑު އޮންނަ ގޮތުން ކަމަށެވެ. ޒިނޭ ސާބިތުކުރުމަށް އަބަދުވެސް ބޭނުންކުރަމުން އައީ އިސްލާމީ ޝަރީޢަތުގައި އޮންނަ، އަމިއްލަ އިޢުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަސް ކަމަށާއި އެކަމަށް އިންކާރު ކުރިޔަސް، އޭރު ނިޒާމު އޮތް ގޮތުން "ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ" ކުށުގެ ދައުވާ ކުރާކަން ފާހަގަކުރައްވާފައިވެ އެވެ. އެކަމަކު ދެމީހަކު ބައިވެރިވެގެން ޒިނޭ ކުރާއިރު އެކަމުގައި ހަމައެކަނި އަންހެން މީހާގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުކުރުމަށް ފަސޭހަގޮތެއް އޮތުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް، ގާނޫނުލްއުގޫބާތު އަލުން އެކުލަވައިލި އިރު ފެނުނު ކަމަށް ލިޔުއްވާފައިވެ އެވެ.
މި މައްސަލައަށް ގެނައި ހައްލެއްގެ ގޮތުގައި ގާނޫނުލްއުގޫބާތުގައި ލިޔުނީ، ޝަމީމް ވިދާޅުވި ގޮތުގައި ދެ ވައްތަރެއްގެ ޒިނޭ ތައާރަފް ކުރުމެވެ. އެއީ އިސްލާމީ ޝަރީޢަތުގައި އޮތް ޒިނޭ އާއި ގާނޫނީ ޒިނޭ އެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ޒިނޭ ސާބިތު ކުރުމަށް، އެ ޝަރީއަތުގައި އޮންނަ މިންގަނޑު ކަނޑައެޅި އިރު، ގާނޫނީ ޒިނޭ ސާބިތު ކުރުމުގައި ޒިނޭކުރި ކަމަށް އިންކާރުކޮށްފި ނަމަ، އެހެނިހެން ހެކީގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ފުރުސަތު ލިބޭ ކަމަށް ވިދާޅުވި އެވެ.
"...އަންހެން މީހާގެ މައްޗަށް ވަކި މީހަކަށް ނުލައްވާ ވިހެއުމުގެ ކުށުގެ ދައުވާ ކުރުމުގެ ބަދަލުގައި، ވިހެއުމަކީ، ޤާނޫނީ ޒިނޭ ސާބިތުކުރާނެ ޤަރީނާއެއް ކަމަށް ބެލީ އެވެ. ހަމަ އެގޮތަށް، އަންހެން މީހާއާއި ފިރިހެން މީހާގެ މައްޗަށްވެސް ޑީއެންއޭ ހެކި އެއީ ބަލައިގަނެވޭނެ ހެއްކެއްކަމަށް ކަނޑައެޅީ އެވެ." ބްލޮގްގައި ޝަމީމް ލިޔުއްވާފައިވެ އެވެ.
"މިގޮތަށް ބަދަލު ކުރުމުން، ޒިނޭކުރާ ފިރިހެން މީހާގެ މައްޗަށް ވެސް ޤާނޫނުން އަދަބެއް ދިނުމަށް ފަހިވެ އެވެ. ހަމަހަމަކަން ގާއިމުކުރެވެ އެވެ."
ޝަމީމް ވިދާޅުވި ގޮތުގައި ޝަރުޢީ ޒިނޭ، އޭގެ ޒާތުގައި އެގޮތަށް ބާއްވަން އޭރު ނިންމީ، އެއީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅައިފައިވާ ކުށަކަށްވާތީ އާއި އެއީ، ގާނޫނެއްގެ ތެރެއިން ވެސް ބަދަލު ކުރެވޭނެ ކަމަކަށް ނުވާތީ އެވެ.
ފުރަތަމަ ގާނޫނުލްއުގޫބާތުގެ ދިވެހި ޑްރާފްޓް ލިޔުނު އިރު "ޒިނޭ"ގެ ބަސް ނެތް ކަމަށާއި، އޭރު ބޭނުންކޮށްފައި އޮތީ ރުހިގެންނާއި ރުހުމެއް ނެތި "ޖިމާއުވުން" ކަމަށް ވިދާޅުވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެނައި ބަދަލުތަކާއެކު "ޒިނޭ"ގެ ބަސް އަނބުރާ ގެނެސް، ޒިނޭގެ ދެ ވައްތަރެއްގެ ކުށް ބަޔާންކުރާ ގޮތަށް ގާނޫނުލްއުގޫބާތު ފާސްކުރި ކަމަށް ވިދާޅުވި އެވެ.
"ހައިކޯޓުގެ ފަނޑިޔާރުން، މިމައްސަލަ ބެއްލެވިއިރު އަޅައިގަތީ ވެސް ނަމުގައެވެ. ޒިނޭ ކިޔާތީ އެވެ. މިކުށަށް 'ޖިމާއުވުން' ކީ ނަމަހީ، ހައި ކޯޓުގެ ފަނޑިޔާރުންނަށް ފަސޭހަފުޅުވީހެވެ. މި ސުވާލެއް ކުރިމައްޗަށް ނުވީހެވެ." ޝަމީމް ވިދާޅުވެފައިވެ އެވެ.
ޝަމީމްގެ ބްލޮގްގައި މިގޮތަށް ލިޔުއްވާފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓްތަކަށް ފަހު ޝަމީމް ވެސް، އެޔަށް ރައްދެއް ކަމަށް ބެލެވޭ ޓްވީޓެއް ކުރެއްވި އެވެ. އެއީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެއްވުމުން އެ މަނިކުފާނުގެ ކެންޑިޑެސީއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން ބަޔަކާ އެކު ކުރެއްވި ޓްވީޓެކެވެ. ނަޝިދުގެ މައްޗަށް، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ވައްކަމުގެ ކުށެއް ސާބިތުވެފައި އޮތް ކަމަށާއި އެހެންވެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ނަޝީދާ އެއްކޮޅަށް ހުކުމް ކުރި އިރު އެއީ އިސްލާމީ ޝަރީއަތުގައި ހައްދު ގާއިމުކުރެވޭ ވައްކަމުގެ ކުށެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ވައްކަމުގެ ކުށް އިސްލާމީ ޝަރީއަތުގައި ދެ ބަޔަކަށް ބެހިފައިވާ ކަމަށާއި އެއީ ހައްދު ލާޒިމުވާ ވައްކަމާއި ތައުޒީރީ އަދަބު ލާޒިމުވާ ވައްކަން ކަމަށް އެ ހުކުމުގައިވެ އެވެ. ޝަރީއަތުގައި މި ދެ އަދަބު އަންނަ ގޮތް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް ފަހުން ޝަމީމް ވަނީ މި ޓްވީޓް ޑިލީޓް ކުރައްވައިފަ އެވެ.