އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

ކުއްލިއަކަށް އުދުހިގެންފައި މަހްޒުން އެ ތަނުން ދިޔައެވެ. އިސްލާމްދީން ގަބޫލުކުރި ވާހަކައެއް ނުބުނެއެވެ. އިސްލާމްދީނަށް ވަނުމުގެ އެއްވެސް ވާހަކައެއް ވެސް ނުދައްކައެވެ. އޭނަ ދާއިރަށް އެހެން ޖިންނިޝައިތާނުން އަންނަން ފެށިއެވެ. ބައެއް ފަހަރު ފަހެތި ވެސް އާދެއެވެ. އެ ހުރިހާ ޖިންނިއެއްގެ ވެސް ބަސްމޮށުންތެރިކަން އެއްވަރުވެފައި، މިޒާޖު ވެސް ވަރަށް އެއްގޮތެވެ. އެކަމަކު، އެންމެ ޝައިތާނަކަށް ވެސް ކުރިއެއް ނުހޯދެއެވެ. ޝައުކަތު ކުޅަދާނަވެފައި ޢިލްމީ ފެންވަރު، އެތައް ގުނައެއް މައްޗެވެ.

ފާއިތުވެގެންދާ ކޮންމެ ދުވަހަކާ އެކު ޝައިތާނުންގެ ނުތަނަވަސްކަން އިތުރުވާކަން އަހަރުމެންނަށް އެނގެއެވެ. ހަނގުރާމަކޮށްގެން ނާކާމިޔާބުވެފައި ވާތީ، ކަނޑީގެ ބަދަލުގައި ޝައިތާނުން ފެށީ ފިކުރީ ހަނގުރާމައެކެވެ. އަންނަ ކޮންމެ ޝައިތާނަކާއެކު ތަފާތު ހުށައެޅުމެއް ގެނެއެވެ. އިންސާނާ ދަހިވެތިވާނެ ހުރިހާ ކުލައެއް އެ ހުށައެޅުމުގައި ޖައްސައިފައި ހުރެއެވެ. ޔިލްޒަމަކީ ފާހަގަކޮށްލެވުނު އެކަކެވެ.

"ކުރިއަށް ވުރެ ވެސް މާ ފުރިހަމަ ހުށައެޅުމެއް ހިފައިގެން މަ މި އައީ،" ޔިލްޒަމް ގެނައި ހުށައެޅުން ޝައުކަތަށް ކިޔައިދިނެވެ. "ކަލޭ ދޭ ކަލޭގެ ގެއަށް. ކަލޭގެ ކޮޓަރިއަށް. އެ ތާނގަ އޮންނާނެ ވަރަށް ރީތި އަންހެންކުއްޖެއް. ދުވަހަކު ވެސް ކަލޭ ނުދެކޭނެ އެހާ ރީތި ކުއްޖެއް. އޭނަ ގާތަށް ހުއްޓިފަ، ކަލޭ ލޯމަރައިފަ ލޯ ހުޅުވައިލަންވާއިރަށް، ކަލޭ ބޭނުންވާ ޤައުމެއްގެ ކުއްޖަކަށް އެ ކުއްޖާ ހަދައިދޭނަން. އެންމެ ރީތީ ކޮން ޤައުމެއްގެ ކުއްޖެއް؟ ބުނޭ!"

ޝައުކަތު ޖަވާބެއް ނުދިނެވެ.

"ޕޯޓަރީކޯ ކުދިން ވަރަށް ރީތިވާނެ،" ޔިލްޒަމް ވަރަށް ޖޯޝާއެކުގައި ބުންޏެވެ. "އެ ރަށުގެ ކުއްޖެއް ގެނެސްދޭނަން. ކަލޭ ބުނި ކަމެއް ކޮށްދޭނެ. އުމުރު ދުވަހަށް ކަލެއާ އެކީގަ އުޅޭނެ."

"ދެން މަ ވީ ފާފަކުރަން؟" ޝައުކަތު ނުރުހިފައި ބުންޏެވެ.

"ކާކަށް އެނގޭނީ؟" ޔިލްޒަމް ގަޔާވެލައިފައި އެހިއެވެ. "ފަޅައެއްނާރާނެ. ހުރިހާ ކަމެއް މަ ސިއްރުކޮށްދޭނަން. ކަލޭ އެ ކަމާ ހާސްނުވޭ!"

"އެންމެރަނގަޅު. އޭރުން ކަލޭ އިސްލާމްވާނަންތަ؟" ޝައުކަތު އެހިއެވެ. "ކަލޭ ބުނާ ކަމެއް މަ ކޮށްފިއްޔާ މަ ބުނާ ކަމެއް ކަލޭ ކުރަންޖެހޭނެތާ."

"ކޮން ވާހަކައެއްތަ ތި ދައްކަނީ؟" އޭނަ އެއްބަހެއް ނުވިއެވެ. "އަދި އެބައޮތޭ ކަލެއަށް މަ ގެނައި ހަދިޔާއެއް."

ވާހަކަ އެ ހިސާބަށް މެދުކަނޑައިލައިފައި ޔިލްޒަމް ތުނބުންފުމޭން ފެށިއެވެ. ދެން ވާގޮތެއް ބެލުމަށް އަހަރެން ވަށައިގެން ހޯދައިލީމެވެ. ކައިރި ހިސާބަކު އެއްވެސް ހިލަމެއް ނެތެވެ. ފުރަތަމަ އިވެން ފެށީ އަޑުފަށްގަނޑެކެވެ. ވަރަށް ދުރުންނެވެ. އެއާ އެކު، ހިރަފުސްއަރާތަން ފެނުނެވެ. ދެން ފެނުނީ ޖަނަވާރުންގެ ގާފިލާއެކެވެ. އިވެމުންދިޔައީ އެ ސޮރުމެންގެ މޮށްގަނޑުތަކުން އިވޭ އަޑާއި، ޖަހައިފައި ހުރި ހިލިހިލާތަކުން އިވޭ އަޑެވެ. ސިފަތައް ވަކިވީ ކައިރިއަށް އައީމައެވެ. ހުރިހާ ޖަނަވާރެއްގެ ސިފަ ހުރީ ބަދަލުވެފައެވެ. އޫރެއްގެ ބޯ އޮތިއްޔާ ހަށިގަނޑު އޮންނަނީ ބަކައްޓެއްގެ ހަށިގަނޑުހެންނެވެ. އެތެއްގެ ފައިތައް ހުރިއްޔާ ރާމާމަކުނެއްގެ ހަށިގަނޑު ހުރެފައި ބޯ ވައްތަރީ ބުޅަލެއްގެ ބޮލާއެވެ. ހުރިހާ ޖަނަވާރެއް ވެސް ހުރީ އެކި ތަންތަން ބަދަލުވެފައެވެ. އަދަދު ބުނަން އެނގޭ ވަރަށް ވުރެ ގިނައެވެ. އެ ހުރިހާ ޖަނަވާރުތައް ހުއްޓުނީ ޝައުކަތު އިން ދިމާގައެވެ.

"މަ މި އައީ ކަލެއަށް ޤުރުބާން ހިފައިގެން." ފަޚުރުވެރިކަމާ އެކު ޔިލްޒަމް ބުންޏެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ޝައުކަތު އިރުކޮޅަކު އިނެވެ.

"ﷲ ފިޔަވާ އެހެން ފަރާތަކަށް ޤުރުބާން ކަތިލެވޭތަ؟" ޝައުކަތު އެހިއެވެ.

"އެހެންޏަ!" ވަރަށް ހަމަޖެހިލައިފައި ޔިލްޒަމް ޖަވާބުދިނެވެ. "ކަލޭ މަތިވެރިކުރާށޭ މަ މި އުޅެނީ. ކަލޭ ހާދަހާ މޮޅޭ."

"އުހުނ!" ޝައުކަތު އިންކާރު ކުރިއެވެ. "މަ ބޭނުމެއް ނޫން ތި ޤުރުބާނެއް."

ޔިލްޒަމް ކިތަންމެ ހަދިޔާއެއް ހުށައެޅިއެވެ. އެކައްޗެއް ވެސް ޝައުކަތު ގަބޫލެއް ނުކުރިއެވެ. ތަކުރާރުކޮށް ޝައުކަތު ގޮވައިލީ އިސްލާމްދީން ގަބޫލުކުރުމަށެވެ. ތެދު މަގު އިޚުތިޔާރު ކުރުމަށެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. ޔިލްޒަމާއި ޝައުކަތާ ދެމެދު ހޫނު މަޝްވަރާތަކެއް ކުރުމަށް ފަހު ޔިލްޒަމް ވެސް އިސްލާމްވިއެވެ.

"ދެން މިހިރަ ޤުރުބާންތަކަށް މަ ކިހިނެއް ހަދަނީ؟" ޔިލްޒަމް ސުވާލުކުރިއެވެ.

"އެއީ ކޮންކަހަލަ ޖަނަވާރެއް؟" ޝައުކަތު އޮޅުންފިލުވަން ބޭނުންވިއެވެ. "އާންމުކޮށް ފެންނަ ކަހަލަ އެންމެ އެއްޗެއް ވެސް ނެތް."

"އެއީ ޖަނަވާރެއް ނޫން،" ޔިލްޒަމް ތަފުސީލުކޮށްދިނެވެ. "އެއީ ޖިންނީން. ސިހުރު ހަދާފަ ބަދަލުކޮށްފަ."

"ޖަނަވާރުތަކަށް" ވެސް ޝައުކަތު އިސްލާމްދީނަށް ދަޢުވަތު ދިނެވެ. އެ ސޮރުމެން ދަޢުވަތު ގަބޫލުކުރިއެވެ. އިސްލާމްވިއެވެ. ޖަނަވާރުތައް ވާހަކަދެއްކިއިރު އަހަންނަށް އިވެނީ ހަމަ އެ ޖަނަވާރުގެ އަޑެވެ. ޝަހާދަތް ލައިދިނުމުން ކިޔާ އަޑު އިވެނީ ވެސް އެ ޖަނަވާރެއްގެ އަޑުންނެވެ. ގެރިބަކަރި، ދޫނިސޫފާސޫފިން ފެށިގެން ބަރުވެއްޔާއި ކަކުނި ވެސް ތިއްބެވެ. އިސްލާމްވުމާއެކު ޖަނަވާރުންގެ ސިފަތަކުން މިނިވަންވެ، ގައިގައި ނޫރެއް ލެވެއެވެ. މުޅި ތަން ވިދާބަބުޅަމުންދިޔައެވެ. އަހަރެން އޮތް ހަމަހިމޭން ކޮޓަރިތެރޭގައި ކިހާ ކަމެއް ހިނގާކަން އެނގެނީ އަހަންނަށެވެ. އެހެން މީހުންނަށް ކިޔައިދިން ނަމަވެސް އެ މަންޒަރެއް އެ މީހުންނަކަށް ނުފެންނާނެއެވެ.

"ކަލޭމެންނަށް ކިހިނެއް ތިހެންވީ؟" ޝައުކަތުގެ އެދުމަށް އަހަރެން އެހީމެވެ.

"އެއީ އަހަރުމެންނަށް ދެވުނު އަދަބެއް،" އެ ތަނުން އެކަކު ބުންޏެވެ. "އިބިލީސް ސިހުރު ހަދައިގެން އަހަރުމެން ބަދަލުކުރީ. އަހަރުމެން ކޮންމެ މަހަކު ވެސް އިބިލީހަށް ޖެހޭ ޖިޒީދޭން. އެ ނުދިނީމަ ހެދި ގޮތް އެއީ."

"ﷲގެ އިރާދަފުޅުން ކަލޭމެން ހުރިހާ އެންމެން ވެސް މިހާރު ތި މިނިވަންވީ." އުފަލަކާ އެކުގައި ޝައުކަތު ބުންޏެވެ.

އެއްދުވަހަކު ވަރަށް ބާރުގަދަ، ވަރަށް ބިޔަ ޖިންނިއެއް އައެވެ. އެއީ، ކުރިން އަހަރެން ނުދެކޭ ކަހަލަ އެއްޗެކެވެ. އެ ޖިންނީގެ ބޮލުގެ މެދުގަ ބޮޑު ދަޅެއް ފަޅައިފައި ހުއްޓެވެ.

"މަގޭ ނަމަކީ ޒަލްތޫން،" ގުގުރިއެއް ކަހަލަ ވަރުގަދަ އަޑަކުން އޭނަ ބުންޏެވެ. "މަށަކީ އިބިލީހުގެ ދަރުބާރުގެ މެންބަރެއް. ވަރަށް ޚާއްޞަ މެހުމާނެއް."

"ތި ދަރުބާރަށް އަހަރުމެންނަށް ދެވޭނެތަ؟" އަހަރެން އެހީމެވެ.

"ނުދެވޭނެ!" ޒަލްތޫން ޖަވާބުދިނެވެ. "ކާފިރުންގެ ތެރެއިން ވެސް ވަކި ފެންވަރެއްގެ މީހުންނަށް އެ ތަނަށް ދެވޭނީ. އިބިލީސް ފޮނުވާ ޚާއްޞަ ކަންކަމުގަ މެންބަރުން ދާނީ. މަ މި އައީ، އިބިލީސް ފޮނުވާ ހުރިހާ އެންމެން ކަލޭ އިސްލާމް ކުރާތީ އެ ކަމަށް ޙައްލެއް ހޯދަން. އިސްލާމް ނުކޮށް އެންމެން މަރާލިޔަސް މައްސަލައެއް ނެތް. ޖިންނިތައް އިސްލާމް ނުކުރަން އެއްބަސްވާމަތިން ހަދިޔާއެއް ވެސް ހިފައިގެން މި އައީ. ކަލޭ ބޭނުމީ އަންހެނުންތަ؟ ފައިސާތަ؟ ވެރިކަންތަ؟ ކަލެއަކީ އިންސާނެއް. ހުންނާނެ ބޭނުންވާ ކަންކަން. އެ ކަންކަމަށް އެތަކެއް ހާސް ޖިންނީންނެއް ބައިތިއްބަދީފާނަން. ހަމައެކަނި ކަލޭގެ ޚިދުމަތުގަ."

"ބޭނުމެއް ނޫން!" ޝައުކަތު އިންކާރު ކުރިއެވެ.

"އެހެން ހުށައެޅުމެއް،" ޒަލްތޫން އަނެއްކާ ވެސް ބުންޏެވެ. "އަންހެނުން ބޭނުމެއް ނޫންތާދޯ؟ ކަލެއަކީ އަސްލު ވަރަށް ރަނގަޅަށް އުޅޭ މީހެއް. ޗުއްޓީއެއް ނަގަންވީނު. އެންމެ ހަފުތާއަކަށް. ކަލޭ ކިހާ ގިނަ ރަނގަޅު ކަންތަކެއް އެބަ ކުރަން؟ އެހާ ގިނަ ރަނގަޅު ކަންތައް ކުރާ މީހާކު ހަފުތާއެއް ވަންދެން ފާފަ ކޮށްލިޔަސް އެއީ މައްސަލައެއް ނޫނޭ. އެ ވަރުން ވެސް ކަލޭގެ ހެޔޮ ކަންތައް މާ ގިނަވާނެ. ގަބޫލުކުރަންތަ؟"

"ނުކުރަން!" ޝައުކަތު ދެން ވެސް ކުރީ އިންކާރެވެ.

ޝައުކަތުގެ ނިޔަތާ ނުކުޅެވޭނެކަން އެނގޭއިރު ވެސް ޝައިތާނުން ވަރުބައްޔެއް ނުވެއެވެ. ގޮތް ހުހެއް ވެސް ނުވެއެވެ. އަހަރެން ހިތަށްއެރިއެވެ. ވީއިރު އާދައިގެ އިންސާނެއް މަގުފުރެއްދުމަށްޓަކައި ޝައިތާނަކު ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟

"މައްސަލައެއް ނެތް،" ޒަލްތޫން ދެވަނަ ވިސްނުމަކަށް ދިޔައެވެ. "ކަލޭ އެއް ދުވަހުގެ ޗުއްޓީއެއް ނަގަންވީނު. މި ދުނިޔެމަތިން ކަލެއަށް ދުވަހަކު ވެސް ނުލިބޭހޭ އަރާމު މަ ހޯދައިދޭނަން."

"ދުނިޔެމަތީގެ އަރާމު މަށަކަށް މުހިންމެއް ނޫނޭ،" ޝައުކަތު އެއްބަހެއް ނުވިއެވެ. "ސުވަރުގެ މާ ރަނގަޅު. ކަލޭ އިސްލާމް ވީމަ ކަލެއަށް ވެސް މާ ރަނގަޅުވާނެ. އިބިލީހަކީ ފައްކާ ފިނޑިއެކޭ. އިބިލީސް ގާތަށް ސުލެއިމާންގެފާނު ދިޔަ ހަނދާނެއް ނުވޭތަ؟ އެ ފަހަރު އިބިލީސް ފިނޑިވި ވަރު ކަލެއަކަށް ކިޔައެއް ނުދޭތަ؟ ބަދުރު ހަނގުރާމައިގެ ދުވަހު ކަންތައް ވީ ގޮތް ހަނދާންކޮށްބަލަ! މަލާއިކަތުންގެ ލަޝްކަރު ފައިބާވަޑައިގަންނަވާ ތަން ފެނުނީމަ އިބިލީސް ކިހިނެއް ކަންތައް ކުރީ؟ ކަލޭމެންނަށް ނުފެންނަ އެއްޗެހި ތިމަންނައަށް އެބަ ފެނެއޭ ކިޔާފަ ރައްކާވީ."

ޒަލްތޫން ބިރުން ތެޅިފޮޅިގަތެވެ. އެއްބަސްވިއެވެ.

"އާނ!" ޒަލްތޫން ކުއްލިއަކަށް ބުންޏެވެ. "ހަމަ ތިހެން ވީ! ކަލޭ ހާދަ މޮޅޭ."

ކުރިއަށް ވުރެ ފުންކޮށް ޒަލްތޫން ވިސްނަން ފެށިއެވެ. ޝައުކަތު ބުނާ ހާދިސާތަކަކީ ހިނގައިފައިވާ ހާދިސާތަކެއްކަން ޒަލްތޫނަށް ވެސް އެނގޭތީއެވެ. އޭނަގެ މޫނުމަތިން އަހަންނަށް ފެނުނީ ބަދަލެއް އަންނަންއުޅޭ ކަމުގެ ހެކިތަކެވެ.

"މަށަށް ކިޔާދީބަލަ ޤުރުއާންގަ ހުރި ހާދިސާތައް،" ޒަލްތޫން ޝައުޤުވެރިކަމާ އެކުގައި ބުންޏެވެ. "އިތުރަށް ސާބިތުކޮށްދީބަލަ ތީ ކިހާ ތެދު ފޮތެއްކަން. އަވަސްއަވަސް."

ޝައުކަތު މުޅީން ވެސް ކިޔައިދިނީ ސުވަރުގޭގެ އުފާވެރި ޚަބަރުތަކުގެ ވާހަކައެވެ. އެ ތަނުގައި ހުރި ނިޢުމަތްތަކާއި، ހިތްހަމަޖެހުމުގެ ވާހަކައެވެ. ވަކި ހިސާބަކަށް ކިޔައިދިނުމުން ޒަލްތޫނަކަށް ނީނދެވުނެވެ.

"މަ ބޭނުން އިސްލާމްވާން،" ޒަލްތޫން ބުންޏެވެ. "އެކަމަކު ހިއެއްނުވޭ މަ އިސްލާމްވިޔަދޭނެހެނެއް. އަހަރުމެންނަކީ އިބިލީސް އެންމެ އިތުބާރުކުރާ ފައުޖުގެ މެންބަރުން. އަވަހަށް މަ އިސްލާމްދީނަށް ވައްދާ."

ޝައުކަތު ވަރަށް އުފާކުރިއެވެ. ޒަލްތޫނަށް އިސްލާމްދީން އޮޅުންފިލުވައިދީ، ދީނުގެ ރުކުންތައް ކިޔައިދިނެވެ. ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ބުނެދިނެވެ. އެހެންނަމަވެސް، ކަންތައް ވެގެންދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. ޒަލްތޫނަށް އިސްލާމްދީނަށް ނުވަދެވިގެން އުޅެނިކޮށް، ވަރަށް ބިރުވެރި އަޑަކުން އެއްޗެއް ހޭރިގަތް އަޑު އިވުނެވެ. އެ އަޑު ވަރުގަދަކަމުން އަހަރެންގެ ގައިން ދިޔައީ ހީބިހިނަގައިގެންނެވެ. އެއީ ކޮން އަޑެއްކަން ޒަލްތޫނަށް އެނގުނު ކަހަލައެވެ. ސިއްސައިގެން ގޮސްފައި މައްޗަށް ބަލައިލިއެވެ. އަހަރެން ވެސް ބަލައިލީމެވެ.

ނުނިމޭ