ވިކްރަމްގެ "އަނާމިކާ" އަކީ ސަނީ ލިއޯނީ
ވިކްރަމްގެ "އަނާމިކާ" އަކީ ސަނީ ލިއޯނީ

ބަތަލާ ސަނީ ލިއޯނީއާ އެކު ޑައިރެކްޓަރު ވިކްރަމް ބަޓް "އަނާމިކާ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

ޖުމްލަ 10 އެޕިސޯޑަށް ހަދާ މި ސީރީޒަކީ ސަނީއާ އެކު ވިކްރަމް މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. ގުން ފޫ އެކްޝަން ޖޯންރާ އަށް ހަދާ "އަނާމިކާ" ވެގެން ދާނީ ސަނީ ވަރަށް ތަފާތު ކެރެކްޓާއަކުން ފެންނާނެ އެއްޗެއް ކަމަށް ވިކްރަމް ބުންޏެވެ.

މީގެ ޝޫޓިން މުމްބާއީގައި މިހާރު ކުރިއަށްދާ އިރު މި މަސް ނިމުމުގެ ކުރިން ފުރަތަމަ އެޕިސޯޑް ޝޫޓްކޮށް ނިންމަން ހަމަޖެހިފައިވެ އެވެ. އެކަމަކު ސަނީއާ އެކު "އަނާމިކާ" ގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ހާމައެއްނުކުރެ އެވެ.

ވިކްރަމް ބުނީ ބެލުންތެރިން ވަރަށް ޝައުގުވެރިވާ އެއްޗަކަށް މި ސީރީޒްވާނެ ކަމަށެވެ.

"ސަނީގެ ކެރެކްޓާ ހަމަ ޔަގީނުން ވެސް ވަރަށް ތަފާތުވާނެ. އޭނާގެ ވަރަށް ގިނަ އެކްޝަންތައް ފެންނާނެ. ހާއްސަކޮށް މާޝަލް އާޓްސްގެ ހުނަރު،" ރާޒް ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

އެމްއެކްސް ޕްލެޔާ އިން ސްޓްރީމްކުރާ ގޮތަށް ހަދާ "އަނާމިކާ" އަކީ ވިކްރަމް ލިޔެ، ޑައިރެކްޓްކޮށް އަމިއްލަ ކުންފުނި ލޯންރޭންޖާ އިން ޕްރޮޑިއުސްކުރާ އެއްޗެކެވެ.

ވިކްރަމް އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ ޓީވީ ބަތަލާ ހީނާ ޚާނާ އެކު ފެބްރުއަރީގައި ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ. މި ފަހުން ވިކްރަމް އަންނަނީ ވެބް ސީރީޒްތަކަށް މާ ބޮޑަށް ވަގުތު ދެމުންނެވެ.

އެގޮތުން އޭނާ ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށް ވެސް މި ފަހުން ގިނަ ވެބް ސީރީޒްތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި "ޓްވިސްޓެޑް" އާއި "ޑޭންޖަރަސް" އާއި "މާޔާ" އާއި "ނޭކެޑް" އަދި "ފޭސްލެސް" ފަދަ އުފެއްދުންތައް ހިމެނެ އެވެ.

"އަނާމިކާ" ގެ މަސައްކަތް ފެށި އިރު ސަނީގެ ކުރިއަށް ހުރި ފީޗާ ފިލްމުތަކުގެ ތެރޭގައި އަރުޖުން ރާމްޕާލާ އެކު ފެންނާނެ "ދަ ބެޓްލް އޮފް ބީމާ ކޮރެގާއޯ" ހިމެނެ އެވެ. ސަނީ ބޮލީވުޑަށް ތައާރަފުވީ 2012 ގެ "ޖިސްމް 2" އިންނެވެ.