05 ނޮވެމްބަރ 2016 - 18:52

ސޯލް (ނޮވެމްބަރު 5) - އެހެން މީހެއްގެ ނުފޫޒު ސަރުކާރު ތެރެއަށް ވަދެ އޭނާ ބުނާހާ ގޮތަކަށް ސަރުކާރު ހިންގާކަން ފަޅާއެރުމުން މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ދެކުނު ކޮރެއާގެ ރައީސާ ޕާކް ގެއުން ހައި ގެ އިސްތިއުފާ އަށް ގޮވާލަން އެތައް ހާސް ބަޔަކު ވެރިރަށް ސޯލުގެ މަގުތަކަށް މިއަދު ނުކުމެއްޖެ އެވެ.

ޕާކަށް މާބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ސަރުކާރުގައި ވެސް ނުހިމެނޭ މީހެއް ކަމަށްވާ ޗޮއި ސޫން-ސިލް އެވެ. ކްރިސްޓިއަން ލީޑަރެއްގެ ދަރިއެއް ކަމަށްވާ ޗޮއި އަކީ ޕާކުގެ ވަރަށް ޒަމާންވީ ގާތް ރަހުމަތްތެރިއެކެވެ. އޭނާގެ ނުފޫޒު ހުރި މިންވަރަށް ބަލާއިރު ޕާކުގެ އެހީތެރިންގެ ގޮތުގައި ވަޒީފާ އަށް މީހުން ހަމަޖެއްސުމާއި ޕާކު ބޭނުން ކުރައްވާނެ ހެދުމުގެ ކުލަ ވެސް އިޚްތިޔާރު ކުރަނީ އޭނާ އެވެ. އަދި ރައީސާގެ ތަގްރީރުތައް ވެސް ޗޮއި އެޑިޓް ކުރާ ކަމަށްވެ އެވެ.

ޕާކުގެ މައްސަލަތައް ފަޅާ އެރުމުން އެކަމަނާ ހުކުރު ދުވަހު ވަނީ ޓީވީ މެދުވެރިކޮށް ދެކުނު ކޮރެއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. ފެންކަޅިވެ އިންނަވާ ޕާކް ވިދާޅުވީ ޗޮއި އަށް ހުރިހާ ކަމެއް ދޫކޮށްލެއްވުމުގެ ޒިންމާ އެކަމަނާ އުފުއްލަވާ ކަމަށެވެ. އަދި އެކަމުގެ ކުށްވެރިއަކީ އޭނާ ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

ޗޮއި ވަނީ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލަން ވަނީ ނިންމައިފަ އެވެ.
ޕާކްއާ ދެކޮޅަށް މިއަދު ވަނީ 40،000 އަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެފަ އެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 20،000 ފުލުހުން ވަނީ ނެރެފަ އެވެ. އެއްވުން އިންތިޒާމްކުރި ފަރާތްތަކުން ބުނެފައި ވަނީ ލައްކައެއްހާ މީހުން ސަރުކާރާ ދެކޮޅަށް ނުކުތް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ޕާކް އިސްތިއުފާ ދިނުމަށް ނޫނީ އެކަމަނާގެ ނައިބެއްގެ ގޮތުގައި ޕާލަމެންޓުން ބޮޑު ވަޒީރަކު އިޚްތިޔާރު ކުރުމަށް ގޮވާލައިފަ އެވެ.