21 ޑިސެމްބަރ 2020 - 14:19

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، އަންނަ ޖެނުއަރީ މަހު ސްކޫލުތައް ހުޅުވައި ކިޔަވައިދޭނީ، އެ ރަށެއްގައި އާއްމު ސިއްހީ ހާލަތު ހުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޖެނުއަރީ 10، 2021 ގައި ފަށާއިރު، މިނިސްޓްރީން ވަނީ ސްކޫލު ހުޅުވައިގެން ކިޔަވައިދިނުމަށް ތައްޔާރުވުމަށް ސްކޫލުތަކަށް އަންގައިފަ އެވެ. އެއާއެކު، ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އަމަލުކުރާނެ ސާކިއުލާއެއް ފޮނުވާފައި ވެ އެވެ.
އެ ސާކިއުލާގައި ބުނީ، އާއްމު ހާލަތަށް ދިއުމަށް ރާއްޖެ އިން މަސައްކަތް ކުރިއަސް ކޮވިޑް-19 ގެ މި ހާލަތު ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ. އެގޮތުން ސްކޫލުތަކުގައި ކިޔަވައިދޭނީ ކޮވިޑާ ގުޅިގެން އެ ރަށެއް އޮތް ހާލަތަށް ބެލުމަށް ފަހު ކަމަށް ބުންޏެވެ.
ކޮވިޑުން ރައްކާތެރިވުމަށް މި އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ މިދިޔަ ޖުލައި 1 ގަ އެވެ. ނަމަވެސް އޭރު ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފެށީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ސްކޫލުތަކުގައި އެކަންޏެވެ.
ދަރިވަރުން ގިނަ މާލެ ސަރަހައްދުގެ ސްކޫލުތަކުގައި އެންމެ ފުރަތަމަ ކިޔަވައިދިނީ ގްރޭޑު 9-12 އަށެވެ. އެކަމަކު ކޮވިޑުގެ ކޭސްތައް އަނެއްކާ ވެސް އިތުރުވާން ފެށުމުން ދޮޅު މަހުގެ ބަންދަކަށް ފަހު އަލުން ކިޔަވައިދޭން ފެށީ އޮކްޓޯބަރު 4 ގަ އެވެ. އޭގެ ފަހުން ގްރޭޑު 7 ގެ ދަރިވަރުންނަށް އަދި ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ކުޑަ ދުވަސްކޮޅަކު ކިޔަވައިދީފައި ވެ އެވެ.
ދިރާސީ އަހަރު ނިމުނުއިރު، މާލެ ސަރަހައްދުގެ ގިނަ ގްރޭޑުތަކަށް ކިޔަވައިދީފައި ވަނީ އޮންލައިންކޮށެވެ.
އާ އަހަރާ އެކު، ސްކޫލު އަލުން ހުޅުވުން ބަހާލާފައިވަނީ ތިން ފިޔަވައްސަކަށެވެ. ފުރަތަމަ ކެޓަގަރީގައި، ކޮވިޑާ ގުޅިގެން ލޮކްޑައުން ކޮށްފައިވާ ރަށްރަށުގެ ސްކޫލުތައް ބަންދުވާއިރު، ދެ ވަނަ ކެޓަގަރީގައި، މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ.
ކޮވިޑްގެ ކޭސް ނެތް ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ.