"އަންތިމް" ގެ ޓީޒާއިން ސަލްމާނާއި އާޔޫޝްގެ ކުރިމަތިލުމެއް
"އަންތިމް" ގެ ޓީޒާއިން ސަލްމާނާއި އާޔޫޝްގެ ކުރިމަތިލުމެއް

ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފެންނާނެ ފިލްމު "އަންތިމް: ދައި ފައިނަލް ޓުރުތު" ގެ ފުރަތަމަ ޓީޒާ ދެ ތަރިންގެ ވަރުގަދަ ކުރިމަތިލުމަކާ އެކު ދައްކާލައިފި އެވެ.

ތިރީސް ފަސް ސިކުންތުގެ ޓީޒާ އިން ފެންނަނީ މީހުންތަކެއް އެއްވެފައި އޮންނަ ތަނަކުން އާޔޫޝް ވަރަށް ރުޅިގަދަވެފައި ދުވަމުން އައިސް ސަލްމާނަަށް ހަމާލާ ދޭން އުޅުމުން އޭނާގެ އަތުގައި ހިފާ ތަނެވެ. "އަންތިމް" ގައި ސަލްމާނީ ފެންނާނީ ފަގުޑި އެޅި ފުލުހެއްގެ ރޯލުންނެވެ. އާޔޫޝް ކުޅެނީ ގޭންގްސްޓާރެއްގެ ރޯލުންނެވެ. އޭނާ ވަނީ މި ފިލްމަށް ހަށިގަނޑު ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ޓީޒާ އިން އެކަން އެނގެ އެވެ.

މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރާ "އަންތިމް" އިން ދެ ތަރިންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެ އެވެ. "އަންތިމް" އަކީ 2018 ގައި ރިލީޒްކުރި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް ބޮލީވުޑަށް ނުކުތީ ސަލްމާން 2018 ގައި ޕްރޮޑިއުސްކުރި "ލަވްޔާތުރީ" އިންނެވެ. "އަންތިމް" އަކީ ވެސް ސަލްމާން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަންނަ އަހަރު މި ފިލްމު ސިނަމާތަކަށް ގެންނާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

އާޔޫޝްގެ އަތުގައި މިހާރު "ކްވާތާ" ކިޔާ ފިލްމެއް ވެސް އެބައޮތެވެ. އޭނާ ސިފައިންގެ މީހެއްގެ ރޯލު ކުޅޭ އެ ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފެވެ.

ރިޕޯޓްތައް ބުނާގޮތުން "އަންތިމް" ގައި ދެ ބަތަލާ އެކު ހިމެނޭނެ އެވެ. އޭގެ ތެރެއިން އެކަކީ މިދިޔަ އަހަރު ސަލްމާންގެ "ދަބަންގް 3" އިން ތައާރަފުކުރި ސައީ މަންޖްރޭކަރެވެ. އޭނާ އަކީ "އަންތިމް" ގެ ޑައިރެކްޓަރި މަހޭޝްގެ ދަރިއެކެވެ.

މި ފިލްމުގެ އަނެއް ބަތަލާ އަކީ ޓީވީ ބަތަލާ މަހީމާ މަކްވާނާ ކަމަށްވެ އެވެ. އެކަމަކު "އަންތިމް" ގެ ޓީމުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ.