21 ޑިސެމްބަރ 2020 - 17:49

މި ހިނގާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގައި ދަރިވަރުންނަށް ކޮންމެ ދުވަހަކު 4-5 ގަޑިއިރު ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން ތައުލީމީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް އައިފައި ވާއިރު މުޅި އަހަރު އެއް ޓާމުގެ ގޮތުގައި ވަނީ ބަލައިފަ އެވެ. ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ.
އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ މި އަންނަ ޖެނުއަރީ 10 އެވެ.
މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ސްކޫލުތަކުން މިހާރު އަންނަނީ ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ. މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ސްކޫލުތައް ހުޅުވައިގެން ކިޔަވައިދޭނީ އެ ރަށުގައި ސިއްހީ ހާލަތު ހުރިގޮތަށް ރިއާޔަތްކުރުމަށްފަހުގަ އެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުމަށް ތައްޔާރުވާން އެދިފައި ވެ އެވެ.
ލޮކްޑައުންގައި އޮންނަ ރަށްރަށުގެ ހުރިހާ ސްކޫލެއް ބަންދުވާއިރު، މޮނިޓަރިންގެ ހާލަތުގައި ކިޔަވައިދިނުން ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ. ކޮވިޑު ނެތް ރަށްރަށުގައި ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ. މިއީ، ކޮވިޑުން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށިއިރު ވެސް އަމަލުކުރި އުސޫލެވެ.
މިނިސްޓްރީން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހަކު 4-5 ގަޑިއިރު ކިޔަވައިދޭން ޖެހޭނެ ކަމަށެވެ. ޕްރީ ސްކޫލު ނުވަތަ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށް ކިޔަވައިދޭން ވަނީ އަންގައިފަ އެވެ. އެ ގަޑިއިރުގެ ތެރެއިން މަދުވެގެން 60 މިނެޓް، ދަރިވަރުންގެ ހުން ބެލުމާއި އަތް ދޮވުމާއި ފިޒިކަލް ހަރަކާތްތައް ހިންގުމަށް ހާއްސަކުރަން ޖެހެ އެވެ.
ކީ ސްޓޭޖް 1 (ގްރޭޑު 1،2 އަދި 3) އާއި ކީ ސްޓޭޖް 2 (ގްރޭޑު 4،5 އަދި 6) އަދި ކީ ސްޓޭޖް 3 (ގްރޭޑު 7 އަދި 8) ގެ ދަރިވަރުންނަށް ހަފުތާއަކު 25 ޕީރިއަޑް ނަގައިދޭން ހަމަޖައްސާފައި ވެ އެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް ތިނަކާ ހަމައަށް އާ ސްކީމެއް ތައްޔާރުކޮށް، މި އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައި ނުދެވި ހުރި ބައިތައް ފުރިހަމަކުރެވޭނެ ގޮތެއް ހަމަޖައްސަން ވެސް، ސާކިއުލާގައި ވަނީ އެދިފަ އެވެ.
ސްކޫލަށް ހާޒިރުވާން ނުޖެހޭ ކީސްޓޭޖް ދަރިވަރުންނަށް ޓެލިކިލާހާއި އޮންލައިން ކްލާސްތައް މަޖުބޫރުވާނެ އެވެ. ސްކޫލަށް ހާޒިރުވާ ދަރިވަރުން ވެސް އޮންލައިން ކްލާސްތައް ގެންދާ ނަމަ އޭގައި ބައިވެރިވާންޖެހޭނެ އެވެ.
މިނިސްޓްރީން ސްކޫލުތައް ބަހާލާފާއިވަނީ ތިން ބަޔަށެވެ. ފުރަތަމަ ބައިގައި ހިމެނެނީ، ގައިދުރުކަން ބަހައްޓައިގެން ވެސް އެއް ދަންފަޅިއަށް ހިންގާ ސްކޫލުތަކެވެ. ދެ ވަނަ ބައިގައި، ގައިދުރުކަން ބަހައްޓައިގެން ދެ ދަންފަޅިއަށް ހިންގާ ސްކޫލުތަކެވެ. މި ދެ ވައްތަރުގެ ސްކޫލުތަކުގެ ދަރިވަރުން ވެސް، ހަފުތާގެ ފަސް ދުވަހު ސްކޫލަށް ހާޒިރުވާންޖެހެ އެވެ.
ތިން ވަނަ ވައްތަރުގެ ސްކޫލަކީ، ދެ ދަންފަޅިއަށް ކިޔަވައިދީގެން ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ހާޒިރުވާންޖެހޭ ދަރިވަރުންނެވެ. އެ ދަރިވަރުންނަށް، ދެ ހަފުތާއިން ޖުމްލަ ފަސް ދުވަހު ސްކޫލަށް ހާޒިރުވެވެން ޖެހެ އެވެ. އެ ސްކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް އަދި ސީދާ ކްލާސްރޫމުގަ އެވެ.
މިނިސްޓްރީން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަކޮށްގެން ކަންކަން ރޭވުމަށް ސްކޫލުތަކަށް އަންގައިފަ އެވެ. އެ ދަރިވަރުން ކިޔާނެ ތަކެތި ދިވެހިންނާއި އިނގިރޭސި ބަހުން ފޯރުކޮށްދޭން ޖެހޭއިރު އޮންލައިން ކްލާސްތަކުގައި ރީޑިން ޓާސްކުތަކެއް ގެންދަންޖެހެ އެވެ.
ނާޒުކު ހާލަތުގައި ތިބި ބައެއް ކުދިންނަށް އެންމެ ރައްކާތެރި މާހައުލަކީ ސްކޫލަށް ވާއިރު، ނަފްސާނީގޮތުން ޖިސްމާނީގޮތުން އެ ކުދިންނަށް ހާއްސަ އެހީތެރިކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެގޮތުން ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުން ހޯދައި އެ ކުދިންގެ ކިޔެވުމުގެ ކަންކަން ބެލުމަށް ސްކޫލުގެ އިސް ލެވެލް އިން ފޯކަލް ޕޮއިންޓެއް ކަނޑައެޅުން ހިމެނެ އެވެ.
ސްކޫލުތައް ބަންދުކޮށް، ދިގުލައިގެން ދިއުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އަދި ކުރާނެ ބަޔަކީ ވެސް އެފަދަ ކުދިންނެވެ. ސަރުކާރުން ޓެބްލެޓް ފޯރުކޮށްދިނަސް މާލީގޮތުން ތަނަވަސްކަން ނެތުމުން އިންޓަނެޓް ނުލިބުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އޮންލައިން ކްލާސްތަކުގައި ބައިވެރިނުވެވުމެވެ. އޭގެ އިތުރުން، ސްކޫލުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ އެހީތެރިކަން ދިނުމަށް ގޮންޖެހުންތަކެއް ދިމާވެފައި ވެ އެވެ.