މުސްލިމުން ވަޅުލަން ރާއްޖެއަކަށް ނުފޮނުވާނެ: ލަންކާ ސަރުކާރު
މުސްލިމުން ވަޅުލަން ރާއްޖެއަކަށް ނުފޮނުވާނެ: ލަންކާ ސަރުކާރު

ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާތީ އެ މައްސަލަ ބޮޑުވުމުން، ރާއްޖޭގައި ވަޅުލާން ފޮނުވުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް މިހާރު އެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ލަންކާ ސަރުކާރުގެ ކެބިނެޓް ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލާ ވިދާޅުވެއްޖެ އެވެ.

ކޮވިޑްގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އަދި އެކަމާ ގުޅިގެން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. ނަމަވެސް ލަންކާގެ އެ ހުށަހެޅުމާ އެކު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފަ އެވެ.

ތަފްސީލް ދެއްވުމެއް ނެތި ރަމްބުކްވެއްލާ ވިދާޅުވީ ރާއްޖެ އަށް މުސްލިމުގެ ހަށިގަނޑުތައް ފޮނުވަން މިހާރު މަަސައްކަތް ނުކުރާ ކަމަށެވެ.

ލަންކާ ސަރުކާރުގެ ވިސްނުން ބަދަލުވުމާ އެކު، ލަންކާގެ މުސްލިމުންގެ އިސް ބައެއް ބޭފުޅުން ވަނީ ކޮންކްރީޓް ވަޅުތަކެއްގައި މީހުން ވަޅުލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މީހުން ވަޅުލަން ހަދާ ތަންތަނުގެ ޑިޒައިން ފައިނަލްކޮށް ކުރިއަށް އޮތް ދެ ދުވަސް ތެރޭ އިއުލާނުކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ލަންކާގެ ނޫސްތަކުން މުސްލިމު ޖަމާއަތްތަކުގެ ލީޑަރުންނާ ހަވާލާދީ ބުނެފައިވެ އެވެ.

ކޮވިޑް ޖެހޭ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަންޖެހެނީ ފެނުގެ ތެރެއަށް ވައިރަސް ހިނގައިދާނެތީ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެކަން ލަންކާގެ އާންމުންގެ އެތައް ބަޔަކު ވެސް ގަބޫލުކުރެ އެވެ. ނަމަވެސް ވައިރަހަކީ ދިރޭ ސެލްގައި ދިރިހުންނަ އެއްޗަކަށް ވާތީ މީހާ މަރުވުމުން ކޮރޯނާވައިރަސް ވެސް މަރުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ޔަގީންކަމާ އެކު ވިދާޅުވެ އެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުން، އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި އަންދަމުންދާ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސް ލަންކާ ސަރުކާރަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.