22 ޑިސެމްބަރ 2020 - 10:00

އޮސްޓްރޭލިޔާގެ ފުލުހުންގެ ތެރޭގައި މިހާރު މަސައްކަތް ކުރައްވާ، ރާއްޖޭގެ ކުރީގެ ސީނިޔާ ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް ލަތީފަށް، ޝަރަފްވެރި އަދި މަތީ މެޑަލެއް ލިބިވަޑައިގެންފި އެވެ.

ދިވެހިން ފުލުހުންނާއި ސިފައިންގެ ހިދުމަތުގައި 23 އަހަރު އުޅުއްވުމަށް ފަހު، 2007 ވަނަ އަހަރު ވެސްޓަން އޮސްޓްރޭލިއާ ޕޮލިސްއާ ގުޅިވަޑައިގެންނެވި، ރާއްޖޭގައި މަޝްހޫރު ނަމުން ނަމަ ކެޕްޓަން ލަތީފަށް އެ މެޑަލް ލިބިވަޑައިގެންނެވީ، އޮސްޓްރޭލިޔާގެ ފުލުހުންގެ ދާއިރާގައި ކުރެއްވި ޚިދުމަތްތަކަށެވެ.

ވެސްޓަން އޮސްޓްރޭލިއާސް ކޮމިޝަނާސް އެވޯޑަކީ އެ ގައުމުގެ ފުލުހުންގެ ހިދުމަތުގައި އެންމެ ޝަރަފްވެރި އެއް އެވޯޑެވެ.

އާއިލާއާ އެކު މިހާރު އޮސްޓްރޭލިއާގައި ދިރިއުޅުއްވާ ލަތީފްގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ގިނަ ސަގާފަތްތަކާއި ނަސްލުތައް އޮންނަ އޮސްޓްރޭލިއާގެ މުޖުތަމައުއާ ފުލުހުން ގުޅުވައިދިނުމެވެ. އެގޮތުން އެކި ނަސްލުތަކާއި ދީންތަކާއި ސަގާފަތްތަކަށް ނިސްބަތްވާ އޮސްޓްރޭލިއާގެ މީހުންނަށް، ފުލުހުންގެ ތެރެއިން ލިބެން ވާ ހިދުމަތްތައް ފޯރުކޮށްދީ، އަދި ދޭން ޖެހޭ ހިދުމަތްތަކާ ގުޅޭ ލަފާ، އެ ގައުމުގެ އެކި ސަރަހައްދުތަކުގެ ވެރިންނާއި ކޮމިޝަނަރަށް ދެއްވަނީ އޭނާ އެވެ.

ލަތީފަކީ ފުލުހުންގެ ސްޓްރެޓީޖިކް ދާއިރާއިން އިނގިރޭސިވިލާތުގައި މާސްޓާޒް ހައްދަވާފައި ހުންނެވި ބޭފުޅެކެވެ.
ކުރިން ފުލުހުންގެ މަސްއޫލިއްޔަތުތައް ވެސް ސިފައިން އުފުލަމުން ދިޔަ އިރު ވެސް އެ ދާއިރާގައި އިސްކޮށް އުޅުއްވި އަދި ވަކި އިދާރާއެއްގެ ގޮތުގައި ފުލުހުން ހަމަޖެއްސި އިރު އެކަމުގައި ވެސް އިސް ރޯލެއް އަދާކުރެއްވި ލަތީފް، އޮސްޓްރޭލިއާގެ ފުލުހުންނާ ގުޅިވަޑައިގެންނެވީ ޕީއެޗް.ޑީ ހެއްދެވުމަށް އެ ގައުމަށް ވަޑައިގެންފަ އެވެ. ޔުނިވަސިޓީގެ ކިޔެވުން ފަށަން ތައްޔާރުވަނިކޮށް، އޮސްޓްރޭލިއާގެ ފުލުހުންގެ ފަރާތުން ވަޒީފާ ލިބުމުން ޕީއެޗު.ޑީގެ ބައި ކުރިއަށް ނުގެންދަވާ އޭނާ ނުކުންނެވީ އަނެއްކާވެސް މަސައްކަތަށެވެ.
އެކަމަކު ރާއްޖޭގެ ބަދަލުގައި އެހެން ގައުމެއްގައި ހިދުމަތް ކުރެއްވުމަކީ ލަތީފަށް އުނދަގޫވެވަޑައިގެންނެވި ކަމެކެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ބުރަކޮށް އުޅެއްވުމަށް ފަހު، އާއިލާއަށް އިތުރު ވަގުތު ދެއްވައި، އެ މީހުންނަށް ރަނގަޅު މުސްތަގްބަލެއް ހޯއްދަވައިދެއްވަން އެ ނިންމެވުން ނިންމެވީ ކަމަށް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ އޮސްޓްރޭލިއާގައި ހުންނެވިޔަސް، ދިވެހި ފުލުހުންނާއި ސިފައިންނާ ގާތް ގުޅުމެއް ބާއްވަވާ ކަމަށެވެ. ހާއްސަކޮށް، އޭނާ ފުލުހުންގެ އިސް މަގާމުގައި ހުންނެވި އިރު، އޭރު ފުލުހުންގެ ޖޫނިޔާ ލެވެލްގައި ހުންނެވި މިހާރު ކޮމިޝަނަރު މުހައްމަދު ހަމީދު ޕްރޮފެޝަނަލް އެކި ކަންކަމުގައި މަޝްވަރާ ހޯއްދަވާ ކަމަށް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ފުލުހުންގެ ހިދުމަތުގައި ހުންނަވައިގެން އޭނާ ވަނީ، ވޭތުވެ ދިޔަ ހަތް އަހަރު، ވިއްސަކަށް ދިވެހި ފުލުހުންނަށް އެ ގައުމުން ތަމްރީނާއި ކިޔެވުމުގެ ފުރުސަތު ހޯއްދަވައިދެއްވައިފަ އެވެ.
ލަތީފަކީ ސްކޫލް ނިންމެވުމަށް ފަހު މިލިޓަރީ ގިނަ ތަމްރީނުތަކެއް ހައްދަވައި، އަދި ފުލުހުންގެ ދާއިރާއިން ވެސް މަތީ ތައުލީމް ހާސިލްކުރެއްވި އޭރުގެ މަދު ބޭފުޅުންގެ ތެރެއިން އެކެވެ. މާފުށީ ޖަލުގައި 2003 ގައި ހިނގި އަނިޔާވެރި ހާދިސާއާ ގުޅިގެން މާލޭގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކާއި ސަރުކާރަށް ކުރިމަތިވި ސިޔާސީ ޕްރެޝަރުގައި ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ގާއިމްކުރަން ސަރުކާރުން ނިންމި އިރު އެ ދެ ދާއިރާގެ ތަފާތު އޭނާއަށް އެނގިވަޑައިގަންނަވަ އެވެ.
"ފުލުހުންނަކީ ރައްޔިތުންނާ ގުޅިގެން ހިދުމަތް ދޭ ބައެއް. ސިފައިންނަކީ ދުޝްމިނުންނާ ކުރިމަތިލައި، އުދުވާނީ ހަމަލާއަކަށް ތައްޔާރުވުމަށް އަބަދުވެސް ތަމްރީނުވެ، ސިކުނޑި އާއި ހަށިގަނޑު ވެސް އެގޮތަށް ބައްޓަން ވެގެން ތިބޭ ބައެއް،" ފުލުހުން 2004 ގައި ފުލުހުން އުފެއްދިއިރު އެކަން ހިންގަވައި ބެލެހެއްޓެވުމުގައި އިސް ރޯލެއް އަދާކުރެއްވި ލަތީފް ވިދާޅުވި އެވެ.
"އެހެންވެ އެފަދަ ބަޔަކު ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ތަފާތު މައްސަލަތަކެއް ނުކުންނާނެ ކަމަކަށް ވާތީ، އަޅުގަނޑުމެން އެ ދެ ބައި ވަކިކުރަން ނިންމީ."
އެކަމަކު ލަތީފް ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ކަންކަން ހިނގާ ގޮތުން އޭނާ ހިތާމަކުރައްވާ ކަމަށެވެ. އެގޮތަށް ކަންކަން ދިމާވަނީ މިހާރަކަށް އައިސް ފުލުހުންނާއި ސިފައިންގެ ތެރެއަށް ކޮންމެވެސް ވަރަކަށް ސިޔާސީ ނުފޫޒު ވަދެފައިވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ލަތީފު ވިދާޅުވި ގޮތުގައި އެންމެ ކުރިން ވެސް، ސިފައިންގެ އިސް މީހުންނަށް ސިޔާސީ ނުފޫޒު ކުރިމަތިވެ އެ އެވެ. އެކަމަކު އޭރުގެ ވެރިން ތިއްބެވީ ވަކި އުސޫލުތަކާއި ހަމަތަކެއްގެ މަތީގައި ކަމަށާއި ގާނޫނީ ވާޖިބާއި ދައުރު އޮންނަ ހިސާބު އެނގިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހިދުމަތް ވެސް ނިންމާލީ މާ ބޮޑު ކުންޏެއް ނުޖެހި. އަޅުގަނޑުމެން ތިބީ ވަކި އުސޫލެއްގެ މަތީގައި، ހަމަތަކެއްގައި ހިފަހައްޓައިގެން،" ރާއްޖޭގައި މަސައްކަތް ކުރެއްވި ދުވަސްތައް މަތިން ހަނދާން ކުރައްވަމުން ލަތީފް ވިދާޅުވި އެވެ.
"މިހާރު ވެސް ކަންކަން ގޯސްކޮށް ދާ ނަމަ އަޅުގަނޑު ބައެއް ފަރާތްތަކާ ގުޅައި އެ ވާހަކަ ދައްކަން. ނަސޭހަތް ދެން."
އޭނާ ވިދާޅުވީ ގައުމާއި ފުލުހުންނަށް ކަމެއް ގޯސްވާ ދަނޑިވަޅުތަކުގައި މިހާރު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެހެން ގައުމެއްގައި އޭނާގެ ދާއިރާއިިން މަތީ ޝަރަފުތައް ލިބިވަޑައިގަތަސް އަބަދުވެސް ގައުމާ މެދު ފިކުރުކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އިލްމާއި ހިލްމު ހުރި މީހުން ގިނަ ތަނެއް. އެކަމަކު އެ ތަފާތު ނުފެންނަނީ، ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް، ގައުމުގެ ކަންކަމާ މަޝްއޫލުވެ އުޅުމުގެ ފުރުސަތު ކުޑަވެފައި، ސިޔާސީ ނުފޫޒު މާ ބޮޑަށް ވަދެފައި އޮތުމުން،" ލަތީފް ވިދާޅުވި އެވެ.
"އެންމެންނެއް ބޭނުމެއް ނުވާނެ ބަދުނާމުތައް ބޮލުގައި އަޅައިގެން ތާށިވެފައި ހުންނާކަށް. އެހެންވެ އެހެން ގައުމުތަކުން ލިބޭ ފުރުސަތުގެ ބޭނުންހިފާނެ."
ލަތީފު ވިދާޅުވީ ރާާއްޖޭގައި ހިދުމަތްކުރަައްވަން އަދިވެސް ބޭނުން ކަމަށެވެ.
"އަޅުގަނޑު ގައުމާ މެދު ވިސްނަން ބޭނުންވަނީ ރަނގަޅަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ގައުމުގެ ކަންކަން ރަނގަޅުވާނެ،" ލަތީފް ވިދާޅުވި އެވެ.