އާ ވައިރަހާ ގުޅިގެން ސައުދީގެ ބޯޑަރުތައް ބަންދުކޮށްފި
އާ ވައިރަހާ ގުޅިގެން ސައުދީގެ ބޯޑަރުތައް ބަންދުކޮށްފި

ރިޔާޒް (ޑިސެމްބަރު 21) - ޔޫރަޕުގެ ބައެއް ގައުމުތަކުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ބާވަތާ ގުޅިގެން ސައުދީ އަރަބިއާގެ އެއްގަމާއި ކަނޑާއި ވައިގެ ބޯޑަރުތައް ބަންދުކޮށްފި އެވެ.

ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ބައިނަލްއަގުވާމީ ފްލައިޓް ދަތުރުތައް ހުއްޓާލީ ހަފުތާއަކަށް ކަމަށެވެ. އަދި ހާލަތަށް ބެލުމަށް ފަހު އިތުރު ހަފުތާއަކަށް ދައްމާލަން ޖެހިދާނެ ކަމަށް ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ފްލައިޓް ދަތުރުތައް މަނާކުރި ނަމަވެސް ސައުދީ އަށް ޖައްސާފައިވާ ބޯޓުތައް ފުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ބައިނަލްއަގުވާމީ ދަތުރުތައް ސައުދީ އަރަބިއާ އިން މަނާކޮށްފައި ވަނީ އިނގިރޭސި ވިލާތުގައި ފެތުރޭ ކޮރޯނާވައިރަހުގެ އާ ބާވަތާ ގުޅިގެން އެ ގައުމުގެ ބޯޓުތަކާއި ޓޫރިސްޓުން ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކަށް މަނާކޮށްފައިވާކަން އިއްޔެ އިއުލާންކޮށްފައި ވަނިކޮށެވެ. އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ ވިދާޅުވެފައި ވަނީ އާ ވައިރަސް ވަނީ ކޮންޓްރޯލުން ނައްޓާފައި ކަމަށެވެ.

އިނގިރޭސި ވިލާތުގެ ފްލައިޓްތައް މިހާރު ވަނީ ސައުދީއާ އަވަށްޓެރި ކުވޭތުން ވެސް މަނާކޮށްފަ އެވެ.

ސައުދީ އަރަބިއާގައި މިހާރު ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފަ އެވެ.

ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 361,010 މީހުން ޕޮޒިޓިވްވެ 6,122 މީހުން މަރުވެފަ އެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ 162 މީހުންނެވެ.