ވައިރަހުގެ އާ ވައްތަރަކާ ގުޅިގެން އިނގިރޭސި ޓޫރިސްޓުން މަނާކުރަނީ
ވައިރަހުގެ އާ ވައްތަރަކާ ގުޅިގެން އިނގިރޭސި ޓޫރިސްޓުން މަނާކުރަނީ

ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ވިލާތުގައި ފެތުރޭ ކޮރޯނާވައިރަހުގެ އާ ސްޓްރެއިން ނުވަތަ ވައިރަހުގެ ސެލްތައް މިއުޓޭޓްވެ ޖީންއަށް ބަދަލު އައުމުން އުފެދުނު އާ ވައްތަރަކާ ގުޅިގެން އިނގިރޭސި ވިލާތުގެ ޓޫރިސްޓުންނާއި އެ ގައުމުން ދަތުރުކުރާ ފްލައިޓްތައް ގިނަ ގައުމުތަކަކުން ހުއްޓުވައިފި އެވެ.

އަލަށް ފެނިގެން އުޅޭ ވައްތަރަކީ މާ ފަސޭހައިން ފެތުރޭ އެއްޗެއް ކަމަށް ސައެންސްވެރިން ބުނެ އެވެ. އިނގިރޭސި ވިލާތުން ބުނެފައި ވަނީ އާ ވައިރަސް މިހާރު "ކޮންޓްރޯލުން ނައްޓާފައިވާ" ކަމަށެވެ. ސިއްހީ އޮފިޝަލުން ބުނަނީ އާ ވޭރިއަންޓަކީ ފަސޭހައިން ފެތުރުމުގެ 70 ޕަސެންޓް ޗާންސް ބޮޑު އެއްޗެއް ކަމަށެވެ. އެކަމަކު އެއީ އެހާ ނުރައްކާ ވައިރަހެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅިގެން އިނގިރޭސި ވިލާތުގެ ފްލައިޓްތައް އެންމެ ފުރަތަމަ މަނާކުރި ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ފްރާންސް ހިމެނެ އެވެ. ޗެނަލް ޓަނަލްގެ ރޭލް ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

ޔޫކޭ ހެލްތު ސެކްރެޓަރީ މެޓް ހަންކޮކް ވިދާޅުވީ އާ ވޭރިއަންޓް ކޮންޓްރޯލުން ނައްޓާލާފައިވާ ކަމަށެވެ. ޑެންމާކް، އިޓަލީ އަދި ނެދަލޭންޑްސް އިން ވެސް ބުނެފައި ވަނީ އާ ވޭރިއަންޓް އެ ގައުމުތަކުން ވެސް ފެނިފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ފްލައިޓްތައް މިހާތަނަށް މަނާކުރި ގައުމުތަކުގެ ތެރޭގައި ފްރާންސް، ޖަރުމަން، އިޓަލީ، އަޔަލޭންޑް، ކެނެޑާ، ނެދަލޭންޑްސް، ބެލްޖިއަމް، އޮސްޓްރިއާ، ސްވިޑަން، ފިންލޭންޑް، ސްވިޒަލޭންޑް، ބޯލްޓިކްގެ ތިން ގައުމު ކަމަށްވާ އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ އަދި ބަލްގޭރިއާ، ރުމޭނިއާ، ކްރޮއޭޝިއާ، ތުރުކީ، އީރާން، އިޒްރޭލް، ސައުދީ އަރަބިއާ، ކުވޭތު، އެލް ސަލްވަޑޯ ހިމެނެ އެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް ވަނީ 2,040,147 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 67،401 މީހުން މަރުވެފަ އެވެ.