20 ޑިސެމްބަރ 2020 - 23:00

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދެ ވަނަ ހާފްގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޓީސީ ސްޕޯޓްސް ކްލަބުން 0-2 އިން ކްލަބް އީގަލްސް ބަލިކޮށްފި އެވެ.
މި ސީޒަނުގެ ޗެރިޓީ ޝީލްޑް އުފުލާލި އީގަލްސް ލީގުގައި ކުޅުނު ފުރަތަމަ ވަނީ އަލަށް މި ފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ވެސް ބަލިވެފަ އެވެ. ނިސްބަތުން ބަލާއިރު ޒުވާން ގިނަ ކުޅުންތެރިންނާ އެކު ކުޅޭ ޓީސީ ވަނީ ފުރަތަމަ މެޗުން ދަ ގްރާންޑޭ އަތުން ބަލިވެފަ އެވެ. މިރޭގެ ނަތީޖާއާ އެކު މިދިޔަ އަހަރުގެ ލީގުގެ ރަނަރަޕް އީގަލްސް އަށް މި ފަހަރުގެ ލީގު ފަށަން ޖެހިފައި މި ވަނީ ޕްރެޝަރުގަ އެވެ. އީގަލްސް އިން އަދި މެޗުތައް ކުޅެނީ ބިދޭސީ ކުޅުންތެރިން ނުލަ އެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ އެ ޓީމުން ވަރަށް ދަށްކޮށް ކުޅުނު މެޗެއް ކަމަށާއި ހަގީގަތުގައި މެޗަކަށް ފަހު މެޗެއް މިދިޔައީ ހީކުރި ގޮތާ ހިލާފަށް ކަމަށެވެ. މިދިޔަ ސީޒަނުގެ ލީގުގައި ޖުމްލަ އެއްކޮށް އީގަލްސް އިން ދެ މެޗުން ބަލިވިއިރު، މި ފަަހަރު ލީގުގައި މިހާތަނަށް ކުޅުނު މެޗުން ބަލިވެފައި އޮތުމުން މިހާރު އޮތީ އުނދަގޫ ފައްތަރެއްގައި ކަމަށް މޯހަން ބުންޏެވެ.
"ވަރަށް ބޮޑު ޗެލެންޖެއް ދެއްތޯ މިހާ ކުރީކޮޅުގައި ދެ މެޗުން ބަލިވުމަކީ. ދެން މިއާ އެކީގައި ދެން އިތުރަށް މަސައްކަތްކުރަން ޖެހޭނީ ކިހިނެއްތޯ. ރަނގަޅުކުރަން ހެދޭނީ ކިހިނެއްތޯ ބަލަންޖެހޭނީ. މިހާރު މި އޮތް ސްކޮޑުގައި ކުޅުންތެރިންގެ ވީކްނަސް އެބަފެނޭ އަލަށް އަރުވާ ކުޅުންތެރިންގެ ފަރާތުން ވެސް. އެ ކަހަލަ ކަންތައްތަކަށް ވެސް އެބަޖެހޭ. މިކަން ހައްލުކުރަން ދެން ޓީމުގައި ތިބި ކުޅުންތެރިން އެބަ ބޭނުންވޭ،" މޯހަން ބުންޏެވެ.
ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އީގަލްސްގެ އެއް ވަނަ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ނުލައި ކުޅެން ޖެހުމަކީ ދިމާވާ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މޯހަން ބުންޏެވެ. ރިޒޭ ނުލައި ކުޅުނު ދެ މެޗުގައި ފުރުސަތު ލިބި ލަނޑެއް ނުޖެހުމުން އީގަލްސް އަށް އޭނާ މުހިއްމުވާ މިންވަރު އެބަ އެނގޭ ކަމަށް ބުންޏެވެ.
ދެ ޓީމު ވެސް މިރޭގެ މެޗަށް ނުކުތީ ފުރަތަމަ މެޗުން ބަލިވިއިރު ބޭނުންކުރި ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ.
އެންމެ ފުރަތަމަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލީ އީގަލްސް އިންނެވެ. ޓީސީގެ އޭރިއާ ތެރެއިން، އީގަލްސްގެ މެދުތެރެއަށް ކުޅޭ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
އީގަލްސް އިން ޓީސީ ހާފުގެ ތެެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރަން މަސައްކަަތްކުރަމުން ދަނިކޮށް ދެން ފެނިގެންދިޔައީ ޓީސީން ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތުގެ ބޭނުންހިފައި ލީޑުނެގިތަނެވެ. މެޗުގެ 15 ވަނަ މިނިޓްގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޓީސީގެ ކެޕްޓަން މުހައްމަދު އައްޒާމް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ޓީސީން ލީޑުނެގުމާ އެކު އީގަލްސް އިން ޓީސީ ހާފް ތެރޭގައި ބޯޅަ އަވަސްކޮށް ކުޅެން ފެށި އެވެ. އަދި ނަތީޖާ ހަަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ގޮތުން މެޗުގެ 21 ވަނަ މިނިޓްގައި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
އީގަލްސް އިން ވަނީ ފުރަތަމަ ހާފުގައި ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ހަމްދާން އަބްދުލް ސައްތާރުގެ ބަދަލުގައި އަހުމަދު ނޫމާން (ހެލްމެޓް) އެރުވި އެވެ. ހެލްމެޓް ނުލައި ފެށީ އޭނާ ވެސް އަނިޔާއެއްގައި ހުރުމުންނެވެ. ހެލްމެޓު އަރުވައި ޑިފެންޑަރަކަށް ކުޅެމުންދިޔަ ހިސާމް ސަލީމް (ކޮކީ) ވަނީ ފަޅިއަކަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން ކޮކީ އަށް ލިބުނު ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ ޓީސީގެ ގޯލްކީޕަރު މަމަދޯފް އާޒާދް ވަނީ މަތަކޮށްފަ އެވެ. ލީޑުފުޅާކުރަން ޓީސީގެ އަބްދުލްވާހިދު އިބްރާހިމް (ވާޑު) އޭރިއާ ބޭރުން ޖެހި ބޯޅައެއް އީގަލްސްގެ ކީޕަރު އިބްރާހިމް ސިނާހު މަތަކުރިއިރު، ކޯނަރެއްގައި މުހައްމަދު އަޖުފާން ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި އީގަލްސްގެ ހައިޝަމް ހަސަން އަށް ޓީސީ އޭރިއާ ތެރެއިން ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައިރު ރަނގަޅު ވަގުތުގައި ފޮނުވާނުލެވުމުން އެ ބޯޅަތައް ގެއްލުނީ އެވެ.
ބޯ ވިއްސާރައިގެ ތެރޭގައި ދެ ވަނަ ހާފްގެ ބޮޑުބައި ކުޅުނުއިރު ޓީސީ އަށް ޕްރެޝަރު ބޮޑުވީ މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުގެ އަލީ ސާމިސް (ތޮއްޕޭ) އަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ތޮއްޕޭ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ މެޗު ރޮނގުކައިރިން އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު (ކުރޯ) އަށް ފައުލުކުރުމުންނެވެ.
ދެ ވަނަ ހާފްގައި ލަނޑެއް ޖަހައިދޭން އެންމެ ފުރަތަމަ ހުސް ފުރުސަތު ލިބުނީ 17 އަހަރުގެ ފޯވާޑް ޒައިން ޒަފަރު އަށެވެ. އޭރިއާތެރެއިން ޒައިން ޖެހި ބޯޅަ ޓީސީގެ ކީޕަރު މަމަދޯފް ވަނީ މަތަކޮށްފަ އެވެ. އީގަލްސް އިން ލަނޑެއް ޖަހަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 88 ވަނަ މިނިޓްގައި ޓީސީގެ ޒުވާން ފޯވާޑް ޒަޔާން ނަސީރު ވަނީ އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. ކީޕަރު ސިނާހު އަތުގައި ޖެހިފައި ލިބުނު ބޯޅަ ޒަޔާން ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
މުޅި މެޗުގައި އީގަލްސް އަށް ލަނޑެއް ޖަހަން ލިބުނު އެންމެ ހުސް ފުރުސަތުގައި ކުރޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މި މެޗުގައި ޓީސީ ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށާއި އެއް ކުޅުންތެރިއަކު މަދުވުމުން ވެސް އެކަތިގަނޑެއްގެ ގޮތުގައި މޮޅުވުމުގެ ރޫހުގައި އެ ކުރި މަަސައްކަތް ފާހަގަކުރާ ކަމަށެވެ.
"މި މޮޅުގެ ހުރިހާ ކްރެޑިޓެއް ދޭނީ ކުޅުންތެރިންނަށް. އެއީ ކުރިން ވެސް ބުނިހެން އީގަލްސްގައި އެ އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް. މިއީ ހަގީގަތުގައި ކޮންމެ ކޮންމެ ދުވަހަކު ހޯދޭނެ މޮޅެއް ވެސް ނޫން. ހުރިހާ ގޮތަކުން ބެލިޔަސް ޓީސީ ކުޅުންތެރިން އެ ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ،" ޝާޒް ބުންޏެވެ.
ކުރިން ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ އަށް އިރުޝާދުދިން ޝާޒް ވަނީ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައްޒާމްގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.