20 ޑިސެމްބަރ 2020 - 22:03

ހުޅުމާލޭ މޫދުގައި ރެދަންލައި އެ މަންޒަރުގެ ފޮޓޯތައް މިއަދު ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އެ މަންޒަރު ބަލަން މިރޭ ގިނަ ބަޔަކު ޖަމާވެއްޖެ އެވެ.

މީގެކުރިން ރިސޯޓްތަކާއި އަތޮޅު ތެރޭގެ ބަައެއް ރަށްރަށުން ގޮނޑުދޮށުގައި ރެދަންލައި، އޭގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ، ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެކަމަކު މިއީ މާލޭގައި އުޅޭ މީހުންނަށް މާ ގިނައިން ހަމަ ލޮލަށް ބަލައިލަން ލިބޭ މަންޒަރަކަށް ނުވާތީ މިރޭ އެތައް ސަތޭކަ ބަޔަކު ހުޅުމާލޭ އަތިރިމައްޗަށް ވަނީ ގޮސްފަ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފޭހުގެ އިރުމަތީފަރާތާއި ދެ ވަނަ ފިޔަވަހީގައި ވެސް މިރޭ ގިނަ ބަޔަކު ގޮނޑޮދޮށަށް ގޮސް އެބަ ތިއްބެވެ. ރެދަން ލާފައިވާ މަންޒަރު ބަލަން އާއިލާތައް އެކުގައި ގޮސް އެ ހިތްގައިމު މަންޒަރު ފޮޓޯ ނަގައި ވީޑިއޯކުރެ އެވެ. ރެދަން ލާފައި ހުންނައިރު ޖަހާ ރާޅާއެކު ނޫކުލައިން ދިއްލިގެންދާ ވަގުތު، އެތަނަށް އެއްވެ ތިބި މީހުންގެ އަޑު ގަދަވެ، ރީތިކަމުގެ ވާހަކަ ދައްކަ އެވެ.

އެއްބަޔަކު، ތެތް ވެލިގަނޑުމަތީ ލިޔެ އެކި ބައްޓަންތައް ކުރަހާލުމުން އެ ބައްޓަމަކަށް ވެލިގަނޑުމަތިން ދިއްލޭތީ އެކަން މަޖާވެގެން އުޅެ އެވެ. އަދި އެ ހާއްސަ ވަގުތުކޮޅު ފޮޓޯ ނަގަ އެވެ.
ރެދަން އެންމެ ރީއްޗަށް ފެންނާނީ ދިޔަވަރު ބޮޑުވާ ވަގުތު ކަމަށް ވާތީ މިރޭ ދެން އެންމެ ރީއްޗަށް އެ މަންޒަރު ފެންނާނެ ކަމަށް ބެލެވެނީ ފަތިހު އެވެ. ނަމަވެސް މާބޮޑަށް އަލިކޮށް ހުންނަ ތަންތަނުން، ކުދިކުދި ތަރިތަކެއް ފަދަ މި ދިއްލުންތަކެއް ރީއްޗަކަށް ނުފެންނާނެ އެވެ. އެހެންވެ ހުޅުމާލޭ ފޭސް 2 ގައި އަނދިރި ހިސާބުން މަންޒަރު ރީއްޗަށް ފެނެ އެވެ.
ވަކި ދުވަސްވަރަކާ ދިމާކޮށް ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. އެއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ކުޑަ ވަގުތުކޮޅަކަށް ދިއްލޭ ދިރުމެކެވެ.