20 ޑިސެމްބަރ 2020 - 21:43

މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނެސްދީފައިވާ 5ޖީ ނެޓްވޯކް، މާލޭގެ ބޮޑު ސަރަހައްދަކަށް އުރީދޫން ތައާރަފްކޮށްފި އެވެ.

މީގެތެރޭގައ ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލްތަކާއި އާންމު ސަރަހައްދުތައް ހިމެނެ އެވެ. އުރީދޫން 5ޖީ ނެޓްވޯކް އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި އެ ކުންފުނިން ވަނީ 5ޖީ ހޯމް ބްރޯޑްބޭންޑް އެއަފައިބާ 10 ގުނަ އިތުރު ސްޕީޑާ އެކު މުޅިން އަލަށް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.

ރާއްޖޭގެ ޑިޖިޓަލް ވިއުގައަށް އުރީދޫން މިގެނެސްދިން 5ޖީގެ އިންގިލާބީ ހިދުމަތް ތައާރަފް ކޮށްދެއްވީ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ 5ޖީ ޓެކްނޮލޮޖީ އަކީ މުޅިދުނިޔެ ބަލާލި ކަމުގައިވިޔަސް އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކެއް ހުރިހާ ދާއިރާއަކަށްވެސް ލިބިގެން ދިއުމުގެ ގާބިލްކަން ހުރި ޓެކްނޮލޮޖީއެއްކަން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ. ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް އިންޓަނެޓް ގެ ހިދުމަތުގެ މުހިންމުކަން އިތުރުވެފައިވާ އިރު 5ޖީ ޓެކްނޮލޮޖީއާ އެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑިޖިޓަލް މޯލްޑިވްސްއެއް ގާާއިމުކޮށް ވަރުގަދަ ނެޓްވޯކްއަކާ އެކު އާ އީޖާދީ ޓެކްނޯލޮޖީ އާއި ދިވެހިން ގުޅުވާލަދިނުމަށް އުރީދޫގެ މެނޭޖްމަންޓް އަދި ސްޓާފުން މެދުކެޑުމެއްނެތި ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވީ ފާއިތުވެދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުން ވެސް ޑިޖިޓަލް ނިޒާމަށް ބަރޯސާވެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"އަލަށް ތައާރަފް ކުރި މި ހިދުމަތާ އެކު ފައިބާ އޮޕްޓިކް މެދުވެރިކޮށް އިނަޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި ވައިގެ ޒަރިއްޔާއިން އެތައް ގުނައަކަށް އިތުރު ސްޕީޑާ އެކު ފުރިހަމަ އިންޓަނެޓްގެ ފައިދާތަށް މުޖުތަމައުތަކަށް ލިބިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
އުރީދޫން 5ޖީޓެ ޓެކްނޮލޮޖީއާ އެކު އިންޓަނެޓާ ކަނެކްޓްރުމުގައި ދިމާވާ ލަސްތައް ވެސް ކުޑަވެގެންވާނެ އެވެ. މި ކުރިއެރުމާ އެކު، ޑްރައިވަރުންނާ ނުލައި ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވަރީ ކުރުން ފަދަ އީޖާދީ ހިދުމަތްތަކާއި އިންޓަނެޓް ކަނެކްޓިވިޓީއަށް ބަދަލުތަކެއް އަންނާނެ އެވެ.
ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް 5ޖީ ފޯރުކޮށްދޭއިރު، މާލޭގެ ބޮޑު ސަރަހައްދަކުން، 5ޖީ ޑިވައިސްތައް މެދުވެރިކޮށް މިހިދުމަތް ލިބޭނެ އެވެ. ރަސްމީކޮށް ހިދުމަތްދޭން ފެށުމަށް ފަހު، އަދިވެސް އިތުރު ޑިވައިސްތަކަށް މި ހިދުމަތް ފޯރުކޮށްދިނުމަށް، ދުނިޔޭގެ އެކި އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫން 5ޖީ ފޯރުކޮށްދޭ ސަރަހައްދުތަކުގެ ޗާޓު، ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
އުރީދު އާއި މުޅި ދުނިޔެއަށް ވެސް އިންގިލާބެއް ގެނެސް ދިން 5ޖީ ނެޓްވޯކް، މުޅިން އަލަށް ގަތަރުގައި ތައާރަފް ކުރީ 2018ގަ އެވެ.