ސަސް އާއި ދަ ގްރާންޑޭ އެއްވަރު
ސަސް އާއި ދަ ގްރާންޑޭ އެއްވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ 1-1 އިން އެއްވަރުވެއްޖެ އެވެ.

ސަސް ވަނީ ފުރަތަމަ މެޗުން ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެފަ އެވެ. ދަ ގްރާންޑޭ ވަނީ ފުރަތަމަ މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެފަ އެވެ.

މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލްތައް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލް ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

އެގޮތުން 8 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) ދިން ޕާހަކުން އެ ޓީމުގެ އޮޓަބެޗް ހައިދަރޯފް ފޮނުވާލި ބޯޅަ ސަސްގެ ގޯލްކީޕަރު މިރްޒޯހިދް ރަވަޝެންބެކް މަތަކުރި އެވެ. އޭގެ ފަހުން 29 ވަނަ މިނެޓުގައި އޭރިއާ ބޭރުން މުލަކޭ ފޮނުވާލި ޝޮޓެއް ވެސް ކީޕަރު މަތަކުރި އެވެ.

ސަސްގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ އޭގެ މިނެޓެއް ފަހުންނެވެ. ސަސްގެ ޔޫސުފް ޖުނައިދު ޒާހިރު ގޯލް ކުރިމަތިން ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިން ބޭރަށެވެ. އަދި ހާފުގެ ފަހު މިނެޓުގައި ޖުނެއިދު ފޮނުވާލި ބޯޅައެއް ވެސް ދަނޑި ކައިރިން ބޭރަށް ދިޔަ އެވެ.

ހާފުގެ ފަހުކޮޅު ދަ ގްރާންޑޭގެ އުމަރުޖޮނޯފް އަޚްރޯރް ފޮނުވާލި ހިލޭ ޖެހުމެއް ސަސްގެ ކީޕަރު މަތަކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން ލީޑު ނެގީ ދަ ގްރާންޑޭ އިންނެވެ. މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުގެ އުމަރުޖޮނޯފް، ސަސްގެ ޑިފެންޑަރުންތަކެއްގެ ތެރެއިން ފޮނުވާލި ބޯޅައަށް ހުހަށް އަރައި ގޯލަށް ބޯޅަ ވައްދާލީ އަލީ އިފާޒެވެ.

އޭގެ ފަހުން 63 ވަނަ މިނެޓުގައި ދަ ގްރާންޑޭ އަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ހައިދަރޯފް އަށް ސަސްގެ އަހުމަދު އައިހަމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ހައިދަރޯފް ޖެހުމުން ކީޕަރު މަތަކުރީ އެވެ.

އޭގެ ފައިދާ ނަގައި ދެ މިނެޓު ފަހުން ސަސް އަށް އެއްވަރުކޮށްދިނީ ޖަޕާނުގެ އަޓްޝުޝީ ޔޮނެޒޭވާ އެވެ.