20 ޑިސެމްބަރ 2020 - 13:20

މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދަން ހާއްސަ ކެމްޕެއިނެއް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއެލްއައިސީ) އިން އިއްޔެ ފަށައިފި އެވެ.
ޕީއެލްއައިސީ އާއި ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގުޅިގެން ފެށި "ނެޝަނަލް ސޭފްޓީ އެންޑް ހެލްތު ކެމްޕެއިން" ގެ ހަރަކާތްތައް އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މާލެގެ މޭޔަރު ޝިފާ މުހައްމަދެވެ.
މި ކެމްޕެއިނުގެ ޝިއާރަކީ "ހަނު ނުތިއްބަވާ، ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އެބަ އޮތް" އެވެ. ޕީއެލްއައިސީގެ ބޯޑު މެމްބަރު އަބްދުﷲ ނާހިދު "މިހާރު" އަށް ވިދާޅުވީ މި ކެމްޕެއިނުގެ ޝިއާރު ހަމަޖެއްސީ މަސައްކަތުގެ މާހައުލުގައި ހިނގާ އެކްސިޑެންޓުތައް ފަދަ ނުރައްކާތެރި ކަންކަމާ ގުޅުވައިގެން ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުން މުހިއްމު ކަމަށާއި މި ކަމުގައި އެންމެންގެ ވެސް ޒިންމާއެއް އެބަ އޮތް ކަމަށެވެ.
"މަސައްކަތުގެ މާހައުލުގައި ހިނގާ އެކްސިޑެންޓުތަކުގައި އެއްބައި މީހުންގެ ފުރާނަ އެބަ ހުރި ގެއްލިފައި، އަދި ނުކުޅެދޭ މީހުންނަށް ވެސް ބައެއް މީހުން އެބަ ހުރި ވެފައި، އެކަން ހުއްޓުވަން މި މަސައްކަތްކުރަނީ،" ނާހިދު ވިދާޅުވި އެވެ.
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ގާނޫނެއް ނެތުމުން ގިނަ ގޮންޖެހުންތަކެއް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ކަމަށް ހާއްސަ ބިލެއް މީގެ އަށް ވަރަކަށް އަހަރު ކުރިން އެކުލަވާލާފައިވާ ކަމަށާއި މި ކެމްޕެއިނުގެ ދަށުން އެ ބިލް އަލުން މުރާޖާއާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސްޓޭކްހޯލްޑަރުންނާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުން ދެނެގަނެވުނު މިކަމަށް ހާއްސަ ގާނޫނެއްގެ މުހިއްމުކަން. އެ ބިލް އަލުން މުރާޖައާއަކޮށް، ގާނޫނަކަށް ހަދަން އަޅުގަނޑުމެން އެބަ މަސައްކަތްކުރަން،" ނާހިދު ވިދާޅުވި އެވެ.
އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ގިނަ ދާއިރާތަކުން ރާއްޖޭގައި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެތެރޭގައި ކެމިކަލް ގެންގުޅުމާއި މަސްވެރިކަމާއި ފައިބާ ގްލާސްގެ މަސައްކަތްތައް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މީހުން ހޭލުންތެރިކުރުމުގެ ހާއްސަ ހަރަކާތްތަކާއި ތަމްރީންކުރުމުގެ ކަންތައްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކަށް ހާއްސަ ތަމްރީންތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.