ކެމްޕޭން ހަރަކާތްތައް ބޭއްވޭ ގޮތަށް އެޗްޕީއޭގެ އުސޫލް އާއްމުކޮށްފި
ކެމްޕޭން ހަރަކާތްތައް ބޭއްވޭ ގޮތަށް އެޗްޕީއޭގެ އުސޫލް އާއްމުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ފުލުހުންގެ ހުއްދަ ހޯދައިގެން ސިޔާސީ ޕާޓީތަކަށް ކެމްޕޭން ހަރަކާތްތައް ރަށްރަށުގައި ބޭއްވޭ ގޮތަށް އުސޫލް އާއްމުކޮށްފި އެވެ.

އަންނަ އެޕްރީލް މަހުގެ ކުރީކޮޅު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އިންތިޚާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ކެމްޕޭން ކުރަން ހުރަސްއެޅިފައިވާ ކަމުގެ ކަންބޮޑުވުންފާޅުކުރަނިކޮށް އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި، ބައްދަލުވުންތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތަކަށް މާލެއިން ރަށްރަށަށް މީހުން ގޮސްގެން ބޭއްވުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެ އެވެ.

ރަށްރަށުގައި ބައްދަލުވުންތައް ބާއްވާ ނަމަ އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިއުމުން ހޯދަން ޖެހެ އެވެ.

އެކަމަކު ކޮވިޑް-19ގެ ހާލަތަށް ސަމާލުކަންދީ، ހުރިހާ ހަރަކާތްތަކެއް ވެސް ރައްކާތެރިކަމާ އެކު ކުރިއަށް ގެންދަން އެޗްޕީއޭ އިން އުސޫލްގައި ވަނީ ކަނޑައަޅައިފަ އެވެ. މަރުހަބާ ކިއުމުގައި ރަށުގެ ރައްޔިތުން ބައިވެރިވާ ނަމަ މާސްކް އެޅުމާއި ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓުމާއި ސައިބޯނިލައިގެން އަތްދޮވުމުގެ އިތުރަށް ބަލީގެ އަލާމާތްތައް ހުރި އެއްވެސް މީހަކު މިފަދަ ހަރަކާތެއްގައި ބައިވެރިނުވާން އެދިފައިވެ އެވެ.

ދަތުރުތައް ދުރާލައި ހަމަޖެއްސުމާއި އެ ރަށެއްގައި ކަނޑައަޅާފައިވާ އުސޫލްތަކަށް ބަލައި، ދަތުރުކުރުމުގެ ކުރިން ރަށުގެ ކައުންސިލަށް އަންގަންވާނެ ކަމަށް ވެސް އުސޫލްގައިވެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކުގައި ކެއިންބުއިމުގެ އިންތިޒާމް ހަމަޖެއްސުން އެޗްޕީއޭ އިން އޮތީ މަނާކޮށްފަ އެވެ. ކައިވެނި ހަފުލާތަކުގައި ބުފޭ ބެހެއްޓުމުގެ ބަދަލުގައި ހަމަޖައްސަން ޖެހޭނީ ވަކިން ސާވް ކުރެވޭނެ އިންތިޒާމެކެވެ.

އިނާމް ދިނުމުގެ ހަފުލާތަކުގައި ސަލާންކުރުމާއި ބޯފެން ފުޅި ފަދަ ތަކެތި އަމިއްލައަށް ގެންދިއުމަށް އެޗްޕީއޭ އިން ބާރުއަޅާފައިވެ އެވެ. ރަށެއްގައި މަޑުކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ވެސް މީހުން ދިރިއުޅޭ ގެތަކާ ވަކިން ނިދުން ހަމަޖެއްސުމާއި ގެތަކުގެ މީހުންނާ އެކުގައި ކައިބޮއެ ހެދުން ފަދަ ކަންކަން ނުކުރަން ވެސް އުސޫލްގައި ބާރުއަޅާފައިވެ އެވެ.

ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭ އިން ލުއި ދެމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދޭން އިލްތިމާސްކުރަމުންނެވެ. މާލެ ސަރަހައްދުގައި ނުވަ މަސް ދުވަސް ވަންދެން އިއުލާންކޮށްފައި އޮތް ކާފިއު ވެސް މިހާރު އޮތީ އުވާލައިފަ އެވެ.