ކޯޗުންގެ ވަޒީފާގައި ރިސްކު އޮންނާނެ: ޝާޒް
ކޯޗުންގެ ވަޒީފާގައި ރިސްކު އޮންނާނެ: ޝާޒް

ފުޓްބޯޅައިގައި ޔޫތު ޓީމެއް ނުވަތަ ސީނިއާ ޓީމެއް ގޮވައިގެން ނުކުތް ކަމުގައި ވިޔަސް ކޯޗުންގެ ވަޒީފާ އަކީ ރިސްކު އޮތް ކަމެއްގެ ގޮތުގައި ގަބޫލުކުރަންޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ކޯޗުންގެ ވަޒީފާގައި ރިސްކު އޮންނާނެ: ޝާޒް
ކޯޗުންގެ ވަޒީފާގައި ރިސްކު އޮންނާނެ: ޝާޒް

މާލީ މައްސަލަތަކާ ތަފާތު ސަބަބުތަކާ ހުރެ ޓީސީން މި ފަަހަރުގެ ސީޒަނަށް ނުކުތީ ނިސްބަތުން ބަލާއިރު އާދައިގެ ސްކޮޑަކާ އެކު އެވެ. އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ނަން މަޝްހޫރު ސީނިއާ ގިނަ ކުޅުންތެރިން ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. ތަފާތު ކަންތައްތަކެއް ދިމާވެ ޒުވާން ގިނަ ކުޅުންތެރިންތަކާ އެކު ޓީމެއް ހަދައިގެން މި ސީޒަނަށް ނުކުތްއިރު، ޝާޒް ވަނީ މުޅި ސީޒަނުގައި ޓީސީ އަށް ތަށްޓެއް ހޯދިދާނެ ކަމަށާއި އެއީ ޓާގެޓެއް ކަމަށް ބުނެފަ އެވެ.

މި ވަގުތު ޓީސީގައި އޮތް ޓީމު ގޮވައިގެން ވެސް ތަށްޓެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތްކަން ފާހަގަކޮށް ޝާޒް ބުނީ ފުޓްބޯޅައިގައި މޮޅުވުމުގެ ފުރުސަތު ހަމައެކަނި މި އޮންނަނީ މޮޅެތި ކުޅުންތެރިން ތިބެފައި ހަރަދުކުރާ ޓީމަކަށް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ޓީމެއްގެ ނަތީޖާ ނެރުމުގައި މެނޭޖްމަންޓާ ގުޅިގެން ދަނޑުމައްޗާ ހަމައަށް ޓީމު ގެނައުމުގައި ގިނަ ކަންތައްތަކެއް ރަނގަޅަށް ކޮށްގެން ނޫނީ ބޭނުންވާ އެންމެ ރަނގަޅު ކާމިޔާބު ނުހޯދޭނެ ކަމަށް ބުންޏެވެ.

"މިހާރު މި އޮތް ޓީމާ އެކު ވެސް އުއްމީދުކުރެވޭ އެކަން ކުރެވިދާނެ ކަމަަށް. މި ޕޮޒިޝަނަކީ ރިސްކީ ޕޮޒިޝަނެއް. ހިއެއްނުވޭ މި ވަރުގެ ރިސްކު ޕޮޒިޝަނެއް އޮތް ހެން. މިއާ ކޮމްޕެއާ ކުރާ ވަރުގެ ޕޮޒިޝަން ހުންނާނީ. ފުޓްބޯޅައިގައި ކޯޗެއްގެ ޕޮޒިޝަނަކީ ޔޫތު ޓީމެއް އޮތަސް ސީނިއާ ޓީމެއް އޮތަސް ސެކަންޑް ޑިވިޝަނުގައި އެކަން ކުރިޔަސް ޕްރިމިއާ ލީގު ޓީމަކަށް ކޯޗުކޮށްދިނަސް ކޯޗިން ޕޮޒިޝަނަކީ ރިސްކު އޮތް ކަމެއް،" ޝާޒް ބުންޏެވެ.

ޓީސީ މެނޭޖްމަންޓަށް އޭނާގެ މަސައްކަތަށް އިތުބާރު އެބައޮތް ކަމަށް ޝާޒް ބުންޏެވެ. އޭނާ ބުނީ ތަށްޓެއް ހޯދުމުގެ ވާހަކަ ދައްކަނީ ހަގީގަތުގައި ވަރަށް ގިނަ ކަންކަމަށް ބަލާފައި ކަމަށާއި އެއީ ނުވާވަރުގެ ކަމެއްގެ ގޮތުގައި ނުދެކޭނެ ކަމަށެވެ.

"މީގެ އެހެން ބުނީމަ ފާހަގަކުރެވޭނެ ކަންނޭނގެ މި ލީގުގައި ކުޅެމުންދާއިރު މި ލީގުގައި އަދި ވަރަށް ގިނަ ކަންކަން ބަދަލުވެގެން އަންނާނެ. ޓީމު ލިސްޓަށް ވެސް ބަދަލުތަަކެއް އަންނާނެ. ޓީމުތަކަށް ވެސް ބަދަލު އަންނާނެ. ހަގީގަތުގައި ޓީސީ މި ވަގުތު ޒުވާން ކޮށް ނުކުތް ކަމަށް ވިޔަސް ޓީސީ ވާނީ ޓީސީ އަށް. ޓީސީގެ އަމާޒަކަށް ވެސް ވާންވާނީ އެކަށީގެންވާ ވަރުގެ ޓާގެޓެއް. މި ޓީމާ އެކު ތައްޓެއް ނަގާތަން ފެނުމަކީ ވަރަށް ބޮޑު އަމާޒެއް. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ ކަމަށް މި ބަލަނީ،" ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ޝާޒް ބުންޏެވެ.

މިރޭގެ މެޗުގައި ކުޅެން ޖެހޭ އީގަލްސް ޓީމު ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން އެ ޓީމަށް ވެސް ޓީސީ އެކޭ އެއްގޮތަށް މި މެޗުން މޮޅުވުން މުހިއްމެވެ.

ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ޝާޒް ބުނީ އީގަލްސް އަކީ މިދިޔަ ފަސް އަހަރަށް ބަލާއިރު ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި މި ވަގުތުގެ ހާލަތަށް ބަލާއިރު މިއީ ޓީސީ އަށް ވެސް ކަންތައްތަކެއް ހާސިލްކުރެވޭނެ މެޗެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ބޮލުގެ ރިހުމަކީ ޕްރެޝަރު މެޗުތަކަށް ލާން ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ނެތުމެވެ. ތިބި މުހިއްމު ބައެއް ކުޅުންތެރިން ވެސް އަނިޔާގައި ތިބުމާ އެއް މެޗު އަނެއް މެޗާ ދެމެދު މި ލިބޭ މުއްދަތުގައި ރިކަވަރީ އަށް މަސައްކަތްކޮށްފައި ރަނގަޅު ޓްރެއިނިންތަކެއް ހަދަން ވަގުތު ނޯންނަ ކަމަށް އޭނާ ބުންޏެވެ.

އެންމެ ބޮޑު ބިރަކީ ޓީމުގައި ތިބި މުހިއްމު ކުޅުންތެރިންނަށް ސީިރިއަސް އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތުން ކަމަށާއި ކަންތައްތައް ރާވާއިރު ބަލާނީ ވީހާވެސް ބޮޑަށް ކުޅުންތެރިންނަށް ލޯޑުކުޑަކުރުމަށް ކަމަށް އޭނާ ބުންޏެވެ.

"މިސާލަކަށް ރިޒޭ ވެސް ކުރީ ދުވަހު ހަގީގަތުގައި ނުކުޅުވީ ކޮންމެހެން ދަނޑަށް އަރައި ނުކުޅެވޭތީކީ ނޫން. އެހެން ނަމަވެސް ރިސްކު ނަގަން ނުކެރިގެން ބެންޗަށް ވެސް ނުޖެހީ. އެއީ ބެންޗަށް ޖަހައިފިކަމަށް ވަންޏާ ޕްރެޝަރަށް ދާ ގަޑީގައި އަރުވަން ދިމާކުރެވިދާނެ. އަޅުގަނޑު ވީހާ ވެސް ބޮޑަށް ބަލާނީ އެހެން ފެންނަ ކުޅުންތެރިން ރެސްޓް ކުރެވޭތޯ،" މޯހަން ބުންޏެވެ.

"ނަތީޖާ ވެސް ނެރެންޖެހޭ. އެކަމަކު އެ އަށް ވުރެން މުހިއްމު އަޅުގަނޑުމެންގެ ކުޅުންތެރިން ރަނގަޅު ސިއްހަތެއްގައި ތިބުން. އެއީ އެ ކުޅުންތެރިންގެ މުސްތަގުބަލަށް އެކަން ވަރަށް މުހިއްމު. ފޯކަސް ކުރަނީ އެ ދިމާލަށް،"

އަނިޔާގެ ސަބަބުން އީގަލްސް އިން މިރޭގެ މެޗުގައި ވެސް ކުޅޭނީ މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ރިޒޭ ނުލަ އެވެ. މޯހަން ބުނީ އީގަލްސް އިން ޓީސީއާ ދެކޮޅަށް ނުކުންނާނީ އެޓޭކިން ގޭމެއް ކުޅެން ކަމަށާއި އުއްމީދަކީ ޓީސީން ވެސް ފަހަތުގައި މަޑުނުކޮށް އެ ފަދަ ގޭމެއް ކުޅުން ކަމަށެވެ.

އީގަލްސް އިން ރީތި ފުޓްބޯޅައެއް ކުޅެން މަސަައްކަތްކުރި ނަމަވެސް އެންމެ މުހިއްމު ކަމަކީ ނަތީޖާ ނެރުން ކަމަށްވާއިރު ލީގަށް ވާދަކުރުމުގެ ވިސްނުމުގަިއ ތިބިއިރު މެޗުތަކުން މޮޅުވާން ޖެހޭކަން މޯހަން ފާހަގަކުރި އެވެ. ބަލިވާއިރު ރީތިކޮށް ކުޅުނީ ވަކި ޓީމެކޭ ބުނެ ވާހަކަ ދައްކާނެ ބަޔަކު ނުތިބޭނެކަމަށް މޯހަން ބުންޏެވެ.

ފުރަތަމަ މެޗުން ބަލިވި ނަމަވެސް އީގަލްސް އިން އަދި ކަންބޮޑުވާންޖެހޭ ހާލަތަށް ކަންތައްތައް ނުދާ ކަމަށް މޯހަން ބުންޏެވެ.

"ލީގު ކާމިޔާބުކުރުމުގެ އަޒުމުގައި އަދިވެސް މި ތިބީ. އަދި އެއްވެސް ޕްރެޝަރެއް ނެތް. އަޅުގަނޑަށް ވެސް އީގަލްސް ކުޅުންތެރިންނަށް ވެސް ނެތް ޕްރެޝަރެއް. ވަރަށް ދިގު ލީގެއް މިއީ. އަދިވެސް ކޮންމެ ޓީމަކަށް 20 މެޗު އެބައިން އެހެންވީމަ އެއީ ވަރަށް ގިނަ މެޗު. އުއްމީދު ކަނޑާލަން އަދި ކައިރި ވެސް ނުކުވޭ. އެކަމަކަށް ވިސްނަންދާ ހިސާބަކަށް ވެސް ނުދޭ. އަޅުގަނޑުމެން ލީގަށް ފައިޓްކުރާނަން،" ނިއު ރޭޑިއަންޓާ އެކު ލީގު ކާމިޔާބުކުރި މޯހަން ބުންޏެވެ.

އީގަލްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.