05 ނޮވެމްބަރ 2016 - 16:31

ނިއު ޔޯކް (ނޮވެމްބަރު 5) - އަންނަ އަންގާރަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ 25 މިލިއަން ވަޒީފާ އުފައްދާނެ ކަމަށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ވައުދެއް ތަކުރާރު ކުރައްވައިފި އެވެ.

ޓްރަމްޕް މިއަދު ދެއްވި ފުރަތަމަ ރޭޑިއޯ ތަގްރީރުގައި ވަނީ އަލަށް އުފައްދާނެ ވަޒީފާތަކުގެ އިތުރުން މެދު ފަންތީގެ މީހުންގެ އަތުން ނަގާ ޓެކްސް ކުޑަކޮށް ރައީސް ބަރަކް އޮބާމާގެ ހެލްތު ކެއާ ޕްލޭން ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިިކާ އަށް އެތެރެވާ މީހުން ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.
"ވޭތުވެދިޔަ 17 މަސް ދުވަހު ތެރޭ އަޅުގަނޑު ވާނީ އެމެރިކާގެ ހުރިހާ ހިސާބަކަށް ދަތުރުކޮށް މި ގައުމުގެ ރައްޔިތުންނާ ބައްދަލުކޮށްފައި. އެ މީހުންގެ އުއްމީދަކީ އަޅުގަނޑުގެ ވެސް އުއްމީދު. އެ މީހުންގެ ހުވަފެނަކީ އަޅުގަނޑުގެ ވެސް ހުވަފެން،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ މިއީ ހަމައެކަނި ކެމްޕޭނެއް ނޫން ކަމަށާއި މިއީ ހަރަކާތެއް ކަަމަށެވެ. އަދި އެހީދޭ މީހުންނަށް ބުރަ ނުވެ ބާރުތައް އެމެރިކާގެ ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލަން ލިބުމަކީ ހަޔާތުގައި އެއްފަހަރު ލިބޭނެ ފުރުސަތެއް ކަމަށެވެ.
ޓްރަމްޕުގެ ތަގުރީރުގައި ވަނީ މިއީ ހިލަރީ އާއި ބިލް ކްލިންޓަނަށް އެމެރިކާގެ ރައްޔިތުން އަލްވަދާއު ކިޔަން ޖެހޭ ވަގުތު ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު މި އެދެނީ ރިޕަބްލިކަންގެ އަޣުލަބިއްޔަތު އޮތް ކޮންގްރެސްއެއް އިނތިޚާބު ކުރުމަށް ތިޔަ ބޭފުޅުންގެ ވޯޓަށް. އޭރުން ހަލާކުވެފައި މިވާ ނިޒާމް އަލުން ގާއިމްކޮށްދެވޭނެ،" އިންތިޚާބަށް ތިން ދުވަހަށްވެފައި ވަނިކޮށް ޓްރަމްޕް ވިދާޅުވި އެވެ.