20 ޑިސެމްބަރ 2020 - 10:50

ރާއްޖޭގައި އެންމެ ދުވަސް ސަރުކާރުގެ ކުންފުނި އެސްޓީއޯއަށް މިއަދު 56 ފުރުނީ އެވެ. އެ ކުންފުނި 1960ގެ އަހަރުތަކުގައި އެންމެ ފުރަތަމަ ފެއްޓީ ރާއްޖެއަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭށެވެ. އެއީ މާ ގިނަ ފިހާރަތަކެއް މާލޭގައި ހުރި ދުވަސްވަރެއް ނޫނެވެ. އެސްޓީއޯއިން މަޑުމަޑުން ވިޔަފާރި ފުޅާކޮށް، ރާއްޖޭގެ ކުރިއަރަމުން ދިޔަ އިގުތިސާދުގައި މައި ރޯލެއް ވެސް ކުޅެން ފެށި އެވެ.

ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ގިނަ ސާމާނު އެތެރެކުރަން ފެށި މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރީ އަމިއްލަ ވިޔަފާރިތަަކަށް ކުރަން އުނދަގޫ އެކަމަކު ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށެވެ. ކާޑުގެ ބާވަތްތަކާއި ތެލާއި ކޮންސްޓްރަކްޝަން ސާމާނައި ބޭސް ފަދަ ތަކެތި ގެންނަން ފެށުނީ ވެސް އެ މަގްސަދުގަ އެވެ.

އަބަދުވެސް ވިޔަފާރިތައް ކުރިއަރުވައި އާ ކަންކަން ކުރަން ހިތްވަރުދޭ ކުންފުނީގެ ހުންގާނުގައި މިއަދު ހުންނެވީ ހުސެއިން އަމްރެވެ. އާ ސަރުކާރާާ އެކު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތް އިރު، އޭނާ ވިދާޅުވީ، އެއީ ހިންގުމުގެ ރަނގަޅު އުސޫލުތައް ހުރި ޑިސިޕްލީން މުވައްޒަފުންތަކެއް މަސައްކަތް ކުރަމުން އައި ކުންފުންޏެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސަބްސިޑަރީތަކަކީ ވެސް ވަރަށް ޑައިވާސް [ތަފާތު] ކުންފުނިތަކެއް. އެސްޓީއޯގެ މައި ކުންފުނީގައި 2،000 ސްޓާފުން ތިބި އިރު ސަބްސިޑަރީތަކުގެ މުވައްޒަފުންނާ އެކު 4،500 މުވައްޒަފުންނާ އެކު މި މަސައްކަތް ކުރަނީ،" އަމްރު ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ޒިންމާއެއް. ވަރަށް ހުށިޔާރުކަމާ އެކު މަސައްކަތް ކުރަން ޖެހެނީ."
އެސްޓީއޯ ފަދަ ކުންފުންޏެއް ހިންގުމަކީ 24 ގަޑި އިރުގެ ވަޒީފާއެކެވެ. އަމްރު ވިދާޅުވީ އެ ބުރަ މަސައްކަތުގައި މިހާރު ވެސް އެތައް ކަމެއް އެސްޓީއޯ އިން ހާސިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަރަދު އަދިވެސް ކުޑަކޮށް ފައިދާ ބޮޑުކުރުމަކީ އޭނާގެ ވަރަށް ބޮޑު މަގުސަދެކެވެ.
އެސްޓީއޯ މެދު އަމްރު ދެކެވަޑައިިގަންނަވާ ހުވަފެން ބޮޑެވެ. އެގޮތުން އޭނާގެ އެއް އަމާޒަކީ ދުނިޔޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންނަށް ވެސް ހިއްސާ ގަނެވޭނެ ފަދަ ކުންފުންޏަކަށް ހެއްދެވުމެވެ.
މިހާރު ވެސް އެސްޓީއޯގެ ބައެއް ވިޔަފާރިތައް ބައިނަލްއަގުވާމީ ބާޒާރަށް ގެންދެވުމުގެ މަސައްކަތްތައް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ވަރަކަށް ކަމެއް މިހާރު ވެސް އިންނާނެ ޝޯޓް ލިސްޓް ކޮށްފައި. އެހެން ނަމަވެސް މިފަދަ ކަންކަމަކީ މުޅިން ފައިނަލައިޒް ނުވެ ހާމަކުރަން ރަނގަޅު ކަންކަމެއް ނޫން. މަސައްކަތްތައް އެބަ ކުރިއަށްދޭ،" ބޭރުގެ މާކެޓަށް އެސްޓީއޯ ނުކުންނާނީ ކޮން ދާއިރާތަކުންތޯ ކުރި ސުވާލަށް އަމްރު ޖަވާބުދެއްވި އެވެ.
އެސްޓީއޯ އިން މީގެ ކުރިން ވަނީ ސްރީ ލަންކާއިން ސާާފަތް ދަނޑުތަކެއް ގަނެ، ސައިފަތް އުފެއްދުމުގެ ވިޔަފާރިއެއް ހިންގާފަ އެވެ. އެކަމަކު އެ މަސައްކަތުން ގެއްލުންވާތީ ފަހުން އެ ދަނޑުތައް ވިއްކާލީ އެވެ. އަމްރު ވިދާޅުވީ އެސްޓީއޯ އިން ދެން ނުކުންނާނީ ކާމިޔާބުވާނެ ވިޔަފާރިއެއްތޯ ރަނގަޅަށް ބެލުމަށް ފަހު ކަމަށެވެ.
އެސްޓީއޯ އިން އަންނަނީ އިޔާދަކުރަނިވި ހަކަތައިގެ ވިޔަފާރިއަށް ވަދެ އެކަން ތަޖުރިބާ ކުރަން ތައްޔާރުވަމުންނެވެ. މިއީ ރާއްޖެއަށް މިވަގުތަށް މުހިއްމު ދާއިރާއެއް ކަމަށް އަމްރު ދެކެވަޑައިގަނެ އެވެ. އަދި ރާއްޖޭގެ ނާޒުކު ތިމާވެށި ދެމެހެއްޓެނެވި ގޮތެއްގައި ގެންދަން ވެސް، އެ ދާއިރާއިން ހޯދޭ ކުރިއެރުންތަކުން ވެސް ވަރަށް މުހިއްމު ފިޔަވަޅެއް އެޅޭނެ ކަމަށް، އޭނާ ގަބޫލުކުރަައްވަ އެވެ.
އަމްރުގެ މެނޭޖްމަންޓްގައި އެސްޓީއޯ އިން ވަނީ ގައުމީ ޝިޕިން ލައިނެއް އުފައްދައިފަ އެވެ. އެއީ ކާމިޔާބު ދަތުރެއް ކަމަށް، އޭނާ ދެކެވަޑައިގަނެ އެވެ.
"ކޮވިޑްގެ މި ހާލަތުގައި އަޅުގަނޑުމެންގެ ޝިޕިން ކުންފުންޏާ ހެދި ފްރައިޓްގެ އަގުތައް ވެސް ކުޑަ. އެހެން ބައެއް ކުންފުނިތަކުގެ ފްރައިޓް އަގުތައް ވީ ބޮޑު. އަޅުގަނޑުމެން އަބަދުވެސް ކަނޑައެޅިފައި އޮންނަ ތާރީހުގައި ދަތުރުކުރާނެ. އެ ހެޔޮ ބޯޓު ފުލް ނުވިއަސް،" މޯލްޑިވްސް ސްޓޭޓް ޝިޕިް (އެމްއެސްއެސް)އާ ބެހޭ ގޮތުން އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެސްއެސް އުފެއްދުމުން ދިވެހި ވިޔަފާރިވެރިން ބޭނުންވާ ދުވަހަށް ބޭރުން ތަކެތި ލިބޭނެކަމުގެ ޔަގީންކަން އޮންނާނެ އެވެ. އެހެން ބައެއް ބޯޓުފަހަރުގެ ޖާގައާ އެއްވަރަށް ކޮންޓެއިނާތައް ލިބެންދެން ތިން ހަތަރު ދުވަސް މަޑުކޮށްލަ އެވެ. އެކަމަކު 700 ކޮންޓެއިނާ އުފުލޭ ބޯޓުގެ ދަތުރުތައް އެގޮތަށް ފަސްނުކުރާނެ ކަމަށް، އަމްރު ވިދާޅުވި އެވެ.
މިހާރު އެސްޓީއޯއިން އަންނަނީ ބޭންކިން ދާއިރާއަށް ވަދެވޭނެ ފުރުސަތު ވެސް ހޯދަމުންނެވެ. އެކަމަށް ފުރަތަމަ ބޭނުންވާ ދިރާސާތައް ކުރަން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެގޮތުން އެސްޓީއޯ އިން ބޭނުންވަނީ ޑީޖިޓަލް ބޭންކިންއަށް ރާއްޖޭގައި ޑިިމާންޑް އޮތްވަރު ބަލައި، އެ ދާއިރާގެ ތެރެއިން މާލީ ވިޔަފާރިއަށް ވެސް ވަންނާށެވެ.
އަމްރު ގަބޫލުކުރައްވާ ގޮތުގައި އެސްޓީއޯގެ ދިގު މާޒީގައި ރާއްޖެއަށް ހޯދައިދިން ކާމިޔާބީތައް އިތުރު ހަރުފަތްތަކަކަށް އެރުވުމުގެ ފުރުސަތު އެބަ އޮތެވެ. އޭނާ އާއި އެސްޓީއޯގެ ޓީމުގެ އަމާޒަކީ، މާޒީއެކޭ އެއްގޮތަށް، ކުރިމަގުގައި ވެސް އެސްޓީއޯ އަކީ އާ ކަންކަމުން ނަފާ ހޯދާ ކުންޏަކަށް ބަދަލުކޮށްލުމެވެ.
"އަޅުގަނޑުގެ އުއްމީދު ވަރަށް ބޮޑު،" އަމްރު ވިދާޅުވި އެވެ.