20 ޑިސެމްބަރ 2020 - 12:32

ބެންކޮކް (ޑިސެމްބަރު 20) - ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ތައިލެންޑުން ފެނުނު އެންމެ ބޮޑު ކްލަސްޓާއާ ގުޅިގެން އެ ގައުމުގެ އެންމެ ބޮޑު ސީފުޑް މާކެޓް ބަންދުކޮށްފި އެވެ.

ވެރިރަށް ބެންކޮކުގެ ހުޅަނގު ދެކުނުން 40 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ސަމުތު ޗަކޮން ޕްރޮވިންސްގެ ސީފުޑް މާކެޓާ ގުޅޭ 576 މީހަކު ހޮނިހިރު ދުވަހުގެ ރޭ ވަނީ ޕޮޒިޓިވްވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ މާރުކޭޓުގެ އިތުރުން، ވަށައިގެންވާ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.
"ސީފުޑް މާކެޓަކީ ޑިޒީޒް ކޮންޓްރޯލް އޭރިއާއެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައި،" ޕްރޮވިންޝަލް ގަވަރުނަރު ވީރަސަކް ވިޖިޓްސައެންގްސްރީ ވިދާޅުވި އެވެ.
މާކެޓް ވަށައިގެންވާ ސަރަހައްދުތަކުގައި ވަނީ ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް ހަރުކަށި ލޮކްޑައުން އިއުލާންކޮށްފަ އެވެ. ސްކޫލްތަކާއި ސްޓޭޑިއަމްތައް، ޕްލޭ ގްރައުންޑްތައް އަދި ޝޮޕިން މޯލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ބޭރުގެ މަސައްކަތު މީހުން ޕްރޮވިންސް އިން ނުކުތުން ވަނީ މަނާކޮށްފަ އެވެ.
މާރުކޭޓާ ގުޅިގެން ހުރި 576 ޕޮޒިޓިވް މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީން ކޮރޯނާވައިރަސް ފެނުނު ފަހުން އެ ވައިރަސް ޗައިނާ ނޫން ގައުމަކުން ފުރަތަމަ ފެނުނީ ތައިލެންޑުންނެވެ. ނަމަވެސް އެ ގައުމުން ވަނީ ވަރަށް ރަނގަޅަށް ބަލި ކޮންޓްރޯލް ކޮށްފަ އެވެ. ތައިލެންޑުން މިހާތަނަށް 4,907 މީހުން ޕޮޒިޓިވްވި އިރު މަރުވެފައި ވަނީ 60 މީހުންނެވެ.