20 ޑިސެމްބަރ 2020 - 11:25

ބުދަ ދުވަހާ ގުޅޭ
ހަމަ އެޔާ އެކު މަނާރަތުގެ ރަހުމަތްތެރިކަމުގެ ބާބު ނިންމާފައި އެހެން ބާބެއް ފަށަން ވެސް ޒިޔާން ހުރީ ބޭނުންވެފައެވެ. ބައެއް ފަހަރު ޒިޔާން ހިތަށްއަރައެވެ. ދެ ހިތް އޮންނާނެ ނަމައެވެ. އެކަކަށް ފިރިއެއްގެ ހިތް ދޭނީއެވެ. އަނެކަކަށް ލޯބިވެރިޔެއްގެ ހިތެވެ. އޭރުން ގެއްލުމެއް ނެތެވެ.
ގަޑިން ދޭއްޖެހި އިރު ވެސް ޒިޔާނަކަށް ނުނިދެއެވެ. ދީމާ އޮތީ ނިދާފައެވެ. ރޭގަނޑުގެ ފުން ހަމަހިމޭންކަމުގެ ތެރެއަށް، ދުރުދުރުން ފަތުރައިލި ގުުގުރިއެއްގެ އަޑާ އެކު ދީމާ ފުރޮޅިލިއެވެ. ޒިޔާންގެ ހިތް ބުންޏެވެ. ދީމާއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް އަހަރެން ދީމާއަކަށް ދެރައެއް ނުދޭނަމެވެ. ދަރިން ބިކަ ވިޔައެއް ވެސް ނުދޭނަމެވެ. އެކަމަކު މަނާރަތަކީ ދޫކޮށްލަން ފަސޭހަ މިތުރެއް ނޫނެވެ. ވާރޭ ވެހެން ފެށިއެވެ. ޒިޔާން ހިތަށްއެރިއެވެ. މަނާރަތަށް ގުޅާލަންވީ ހެއްޔެވެ؟ އެކަމަކު އެ ދަންވަރު މަނާރަތަށް ގުޅައިފިއްޔާ ޒިޔާނަށް އެ ދެވުނީ ކޮން ކަހަލަ މެސެޖެއް ހެއްޔެވެ؟ މަނާރަތު މަތިން ޒިޔާން ހަނދާންކުރި އިރު މަނާރަތުގެ ލޮލަކު ވެސް ނިދީގެ އަސަރެއް ނެތެވެ. މަނާރަތުގެ ހިތުގެ ގޮނޑުދޮށަށް ބީއްސަމުން ދިޔައީ ޒިޔާންގެ ހަނދާންތަކެވެ. އެއީ ވާ ގޮތެކެވެ. މީހެއް މަތިން ތިމާ ކުއްލިއަކަށް ހަނދާން ވެއްޖެ ނަމަ، އެ މީހަކަށް ވެސް އެ ވަގުތު ތިމާގެ ހަނދާންތަކުން އުނދަގޫ ކުރާނެއެވެ. ޒިޔާނަށް ގުޅާލަން މަނާރަތު ބޭނުންވިއެވެ. އެހެނަސް ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ޒިޔާނަކީ މީހެއްގެ ފިރިއެކެވެ. ޒިޔާންގެ މަގަތުގައި ނުވަތަ ބިއްދޮށުގައި ދީމާ އޮންނާނެއެވެ. ފޯނުން ޒިޔާންގެ ނަންބަރު ހޯދައިފައި، އެ ނަންބަރަށް ގުޅަންނުގުޅަން އޮއްވައި މަނާރަތުގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ޔަގީނުން ވެސް އެއީ މަނާރަތު ހައިރާން ކުރުވި ކަމެކެވެ. މަނާރަތަށް އެނދުން ތެދުވެވުނެވެ.
"ހައި!" މަޑު އަޑަކުން މަނާރަތު ބުންޏެވެ.
ޒިޔާން ވާހަކައެއް ނުދެއްކިއެވެ. ޒިޔާން އިނީ ބޮޑުކޮޓަރީގެ ސޯފާގައި ނުގޮތަކަށް އިށީނދެލައިގެންނެވެ. ވާހަކަދައްކަން ޒިޔާން ބޭނުމެވެ. ނުދައްކަން ވެސް ބޭނުމެވެ. އެ ވަދެވެނީ ކިހާ ފުން ޖަންގައްޔަކަށްކަން ޒިޔާނަށް އެނގެއެވެ.
"ހަލޯ!" ދެން ވެސް ވާހަކަދެއްކީ މަނާރަތެވެ.
އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށް ފަހު ޒިޔާން ވާހަކަދައްކަން ފެށިއެވެ.
"ކީއްވެ އެ މައްސަލަ ހިންދާލީ؟" ޒިޔާން ސުވާލުކުރިއެވެ.
"ކޮން މައްސަލައެއް؟" މަނާރަތު ދެނަހުރި ކަމަކަށް ނުހެދުނެވެ.
"ސަޅި!" ސަމާސާ ރާގެއްގައި ޒިޔާން ބުންޏެވެ. "އެނގޭ ކަމަށް ވެސް ނަހަދާތި! ދެން ބުނޭ އަހަންނޭ ފިނޑީ. މަނާއަށް އެނގޭތަ؟ އަހަރެން އެންމެ ފުރަތަމަ ޖޮބަށް ނުކުތް ދުވަހު މަނާ ފެނުނީމަ އަހަރެން ވަރަށް އުފާވި. ކީއްވެ؟ މަނާގެ ޑިސިޕްލިން ސަޅިކަމުން. މަނާ ޓޯކްކުރާ ގޮތާ، ވޯކް ކުރާ ގޮތާ، ގަޓް ހުންނަ ވަރަށް އަހަރެން ހަމަ ސެލިއުޓްކުރިން. އެކަމަކު މިހާރު މި ފެންނަނީ މުޅިން އެހެން މީހެއް. ފިނޑި ކަމެއް ކޮށްފަ، އެ ވާހަކަ ދައްކަން ވެސް ނުކެރިގެން ތި އުޅެނީ. އަހަންނަކަށް ނުވިސްނޭ މަނާ ތިހާ ބިރުން ތި އުޅެނީ..."
"ނުވިސްނޭނެ!" މަނާރަތު ތަންކޮޅެއް ހަރުކަށިކޮށް ބުންޏެވެ. "ޒިޔާން މާ އަލީ. ޖޮބަށް ވެސް އަލީ. ރާއްޖެއަށް ވެސް އަލީ. ޕޮލިޓިކްސްއަށް ވެސް އަލީ. މީ ޔޫކޭއެއް ނޫނޭ ޑިއަރ. ގާނޫނުގަ އޮންނަ އެއްޗެއް އެކަނި ކިޔައިގެން މި ތާކު ނޫޅެވޭނެ. ދެ ފޮޅުވަތް ދޭތެރޭގަ އޮންނަ އެއްޗެއް ވެސް ކިޔަން އެނގެން ޖެހޭނެ."
"އަހަރެން މި ދައްކަނީ.." ޒިޔާނަށް ބުނެވުނީ އެ ހިސާބަށެވެ.
މަނާރަތު ބޭނުންވީ މަނާރަތުގެ ވާހަކަ ނިންމާލާށެވެ.
"އިހަށް އަޑުއަހާ!" ވިސްނައިދޭ ރާގެއްގައި މަނާރަތު ބުންޏެވެ. "ޒިޔާންއަކީ ތަފާތުކޮށް މަސައްކަތް ކުރާ މީހެއް. ޒިޔާނަށް އެނގޭނެ ފޮރެންޒިކު ލެބުގަ މަސައްކަތްކުރާ ގޮތް. އެ ތަނަށް އަންނާނީ އެވިޑެންސް. އަހަރުމެންގެ ޑިއުޓީއަކީ އެވިޑެންސާ ވާހަކަދެއްކުން. ބަހުރުވައެއް ނެތް އެއްޗެކަށް އަޑެއް ދިނުން. ދެޓްސް އިޓް! އެކަމަކު ޒިޔާން މަސައްކަތް ކުރަނީ އެހެން ގޮތަކަށް. އައި ލައިކް އިޓް! އެކަމަކު އަހަރެން ޒިޔާނަށް ހުއްދަ ދިނީ އެމްޕީއާ ވާހަކަދައްކަން. މީހެއްގެ ގެއިން ވައްކަންކުރާކަށް ނޫން. އަދި އެ ވެސް އެމްޕީއެއްގެ ގެއިން. ޒިޔާން ދިން ގޮތަށް އަހަރެން ރިޕޯޓު ފޮނުވައިލި ނަމަ ޒިޔާން މިހާރު އޮންނާނީ ޖަލުގަ. އެނގޭތަ އެ ކަން؟ އަހަރެން އެ ކޭސް ހިންދާލީ ޒިޔާނަށް ޓަކާ."
ޒިޔާނަށް ކުޑަކޮށް ވިސްނެން ފެށިއެވެ. އެކަމަކު އެ ވަގުތު އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. ދިމާ ގޮވައިލި އަޑު އިވުމުންނެވެ. ޒިޔާން ފޯނު ކަނޑައިލީއެވެ. އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.
"ކީއްތިކުރަނީ؟" ނިދި އަޑަކުން ދީމާ އެހިއެވެ.
"ފެން ބޮއިގެން މި އައީ." އެނދުގައި އޮށޯވެލަމުން ޒިޔާން ބުންޏެވެ.
މެންދުރު ނަމާދު ނިންމައިފައި، ފުލުސް އޮފީހުގެ ނަމާދު ކޮޓަރިން ޒިޔާން ނުކުތް އިރު އަހުސަން ވެސް ފަހަތުން ނުކުތެވެ.
"އެނީ ލަކް؟" އަހުސަން ސުވާލުކުރިއެވެ.
އެ ދުވަހަކީ، ލޮނުޒިޔާރަތްކޮޅު އަތިރިމައްޗަށް ކަށްބޮލެއް ލައްގައިގެން އުޅޭ ދުވަހެކެވެ. އެއީ ކާކުގެ ބޮލެއްކަން ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޒިޔާނާއެވެ. އެ މައްސަލަ ހައްސާސް ވާ ސަބަބަކީ، މާލެއިން ގެއްލިފައިވާ ޒުވާނެއްގެ ބޮލާއި އެ ކަށްބޮލުގެ އުމުރާ ދިމާވާހެން ހީވާތީއެވެ. ކަށީގެ ޒަރިއްޔާއިން އާންމުކޮށް ހޯދަނީ ދެ އުމުރެކެވެ. އެއީ މަރުވި އިރު އޭނަގެ އުމުރާއި، ކަށިގަނޑު ފެނުނު އިރު ހޭދަވެފައިވާ މުއްދަތެވެ. ކަށްބޮލަކުން އެންމެ ގިނަ ސިއްރު ކިޔައިދެނީ ދަތްތަކެވެ. ދަތް ހުރި ވަރާއި، ނެތް ވަރާއި، ފަޅާފައި ހުރި ދަތާއި، ނުފަޅާ ހުރި ދަތުންނެވެ.
"ރާއްޖޭގަ ވެއްޖެ އެޑްވާންސް ޑެންޓަލް ރެކޯޑު ސިސްޓަމެއް ހަދަން،" ކުޑަކޮށް ހިތްހަމަނުޖެހިފައި ޒިޔާން ބުންޏެވެ. "އޭރުން ހާދަ ފަސޭހަ ވާނޭ. ލަކް އަންނާނީ އެ ކަމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރީމަ ދޯ! ދެން އެ ވާހަކަ އިހަށް ބާއްވަމާ ހިނގާ! އަހަރެން ހިތަށްއަރަނީ އަހަރެންގެ ފީލްޑަކީ ހަމަ މީ ބާއޭ."
ވާހަކަދައްކަމުން ދެ މީހުން ވަނީ މެސްރޫމަށެވެ. ކިޔު ވަރަށް ދިގެވެ. އެހެންކަމުން ޒިޔާނާއި އަހުސަން ގޮސް މޭޒު ކައިރީގައި އިށީނދެލިއެވެ.
"ކޮބާ ތީގެ މާނައަކީ؟" އަހުސަން ސުވާލުކުރިއެވެ.
"ދެން އެނގޭނެއްނު މި ބުނާ އެއްޗެއް،" ޒިޔާން ބުންޏެވެ. "އަހަރެން ބޭނުންވާ ގޮތަކަށް މި ތާ ކަންކަމެއް ނުކުރެވޭނެ. މި ތާގެ ސިސްޓަމް އަހަންނަކަށް ކަމަކުނުދޭ! އަހަރެންގެ މަސައްކަތް އެޕްރިޝިއޭޓް ކުރާހެން ހަމަ ހީނުވަނީ."
"ކޮންމެ އޮފީހެއްގަ ވެސް އޮންނާނެ ރެޑް ޓޭޕެއް،" އަހުސަން ވިސްނައިދިނެވެ. "މިސާލަކަށް ވިސްނާލަބަލަ! ރާއްޖޭގެ އެއްވެސް ނޫހެއް ނޫނީ ޗެނަލެއް އެއްކޮށް މިނިވަން ވާނެތަ؟ ނޫސްތަކާ، ޗެނަލްތައް މި ހަދަނީ ކީއްކުރަން؟ އެ ބައެއްގެ ޕާޓީ ޕްރަމޯޓުކުރަން. ޕްރޮޕެގެންޑާ ފަތުރަން. ނޫންތަ؟ މިނިވަން މަހުޖަނުންގެ ތެރޭގަ ޗެނަލެއް ހަދާ ވަރުގެ މޮޔައަކު ނެތް. އިވޭނެ ފަސް ކާފެއްގެ ވާހަކަ. އެކަމަކު ނިކަން ޚަބަރެއް ކިޔާލަބަލަ، އަޑުއަހާލަބަ! ހިތަށްއަރާނެ މި މީހުން މި ކުރަނީ ނޫސްވެރިކަން ބާއޭ. ދެން ޒިޔާން ކަހަލަ މީހުން އެ ކަހަލަ ތަނަކަށް ވަދެއްޖެއްޔާ ކިހިނެއް ވާނީ؟ މި ތަނުން ކެނޑިގެން އެ ތަނަށް. އެ ތަނުން ކެނޑިގެން މި ތަނަށް."
ކިޔުގައި މީހުން ތަންކޮޅެއް މަދުވުމުން އެ ދިމާއަށް ދެ މީހުން ހިނގައިގަތެވެ.
"ދެން އަހުސަން ތި ބުނަނީ އަހަރެން ބޭކާރު މަސައްކަތެއް ކޮށްލަކޮށްލާ ހުންނާށޭ؟" ޒިޔާން އެހިއެވެ.
"އަހަރެން މި ބުނަނީ، ޕޮލިހަކީ ޕޮލިސްކަން ދަނެގެން އުޅޭށޭ،" ތަށްޓަށް އެއްޗެހި އަޅަމުން އަހުސަން ބުންޏެވެ. "ކޮންމެ ތަނެއްގަ އުޅުނަސް ނުފެންނަން ޖެހޭ ކަންކަން ފެންނާނެ. ނީވެންޖެހޭ އަޑުތައް އިވޭނެ. ނުކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ. އެނގޭ ދޯ މި ބުނާ އެއްޗެއް. ނޯ ކުލޫ ބީ ބްލޫ! ދެން މި ވަރުން ޖެހޭނެ ގެޓްވާން."
ޒިޔާން ކިޔާ ލަވަތައް ހަދަނީ ޒިޔާން އަމިއްލަޔަށެވެ. އޭރަކު ހިތަށްއެރި މައުލޫއަކަށް، ގަޔާވާ ލަފުޒުތަކެއް ބޭނުންކޮށްގެން ލަވައެއް ހަދަނީއެވެ. ބައެއް ފަހަރު އެކުވެރިން އެދިގެންނެވެ. އަނެއްބައި ފަހަރު އަމިއްލަ އިހުސާސްތައް ހާމަކުރުމަށެވެ. ވަޒީފާއަށް ވަނުމަށް ފަހު ޒިޔާން ހެދީ ގައުމީ ލަވައެެވެ. އޭގެ ސަބަބު ޒިޔާނަށް ވިސްނެއެވެ. ފުލުހުންނަކީ ގައުމީ ހިދުމަތުގައި ދެމިތިބޭ ބަޔެކެވެ. ގައުމީ ވިންދު ހިތުގައި ނުޖަހާ މީހަކަށް ފުލުހަކަށް ނުވެވޭނެއެވެ. އެކަމަކު ނޫ ކުލައިގެ ޔުނީފޯމެއް ލައިގެން ދެކޮޅަށް ހިނގިދާނެއެވެ. އެފްބީއާއި، އިންސްޓަގްރާމާއި، ޓުވިޓަރގައި ދިވެހި ދިދަ ހިމަނައިގެން އެކިއެކި ލިޔުންތައް ހިއްސާ ކުރެވިދާނެއެވެ. އެއީ މުޅިން އެހެން ކަމެކެވެ. ޒިޔާނަށް ނުވިސްނުނީ، ކުއްލިއަކަށް ޒިޔާންގެ ޅެންވެރިކަން ބަދަލުވި ސަބަބެކެވެ. އިޝްގީ ލޯތްބާ ދިމާއަށެވެ. އަންހެނަކަށް ތައުރީފުކުރުމާއި، އަމިއްލަ އެކަނިވެރިކަން ފާޅުކުރުމަކީ ޒިޔާން ނޭދި ހުއްޓައި ޒިޔާންގެ ހިތް އިސްނަގައި އެދުނު ކަމެކެވެ. ކުއްލިއަކަށް ގަޔާވި ކަމެކެވެ. ރަސްމީ ސިފައެއްގައި ޒިޔާން ފުރަތަމަ އިޝްގީ ލޯބީގެ ލަވައެއް ހުށައެޅީ ފުލުހުންގެ އަހަރީ ދުވަހު އޮތް ޝޯގައެވެ.
"ޒިޔާން ރޮމޭންޓިކު ލަވަ ހަދާކަން އަދި ކިރިޔާ މި އެނގުނީ،" ލަވަޔަށް ފަހު ހަފުލާ ތެރެއިން ދިމާވެގެން މަނާރަތު ބުނެލިއެވެ. "ކޮބައިބާ ސިއްރަކީ؟"
"ނޭނގެ!" ލާނެތް ރާގެއްގައި ޒިޔާން ބުނެލިއެވެ. "ސަބަބެއް އޮންނަން ޖެހޭތަ؟"
"މަ ބުނެފާނަން ސަބަބު،" މަނާރަތު ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ދިމާވެއްޖެއްޔާ އެއްބަސްވާން ޖެހޭނެ."
"އެއް ފަހަރުން ދިމާކުރަން ޖެހޭނެ!" ޒިޔާން ޝަރުތެއް ހުށައެޅިއެވެ. "އެންމެ ޗާންސެއް ލިބޭނީ."
"ސަބަބަކީ އަހަރެން." ޖެހިލުމެއް ނެތި މަނާރަތު ދިމާއަށް ބުނެލިއެެވެ.
ހިނިތުންވެލުން ފިޔަވައި އިތުރު އިޝާރާތެއް ޒިޔާން ނުކުރެއެވެ. ޒިޔާން ކުރި ހަމަ އެކަނި ކަމަކީ، ހަޔާތުގެ ހުންގާނު ހިތާ ހަވާލުކުރުމެވެ. މަންޒިލު ކަނޑަނާޅައި ދާނެ މިސްރާބަކަށް ދާން ދޫކޮށްލުމެވެ. ނަތީޖާ ކިހާ ހިތިވާނެކަމެއް އޭރަކު ޒިޔާނަކަށް ނޭނގެއެވެ. މަނާރަތުގެ ކެހިވެރި ރޭވުމެއް ވެސް ޒިޔާނަކަށް އޭރަކު ނުވިސްނެއެވެ.
ނުނިމޭ