19 ޑިސެމްބަރ 2020 - 22:46

މާލެ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވި ދިހަ މީހުންނާއެކު، މިއަދު އެ ބަލި ޖެހުނު މީހުންގެ އަދަދު 30އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރޭ އިރުއޮއްސި ހަޔަކުން މިއަދު ހަޔަކަށް ޓެސްޓު ކުރި، 3،768 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ، ޖުމްލަ ގޮތެއްގައި މަދު އަދަދެކެވެ. މާލޭން މަދު ބަޔަކަށް ބަލި ޖެހުނު އިރު، ހަތް މީހަކު ޕޮޒިޓިވްވެފައިވަނީ ހަދަމުން އަންނަ ރަށަކުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން ހަ މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން ފަސް މީހަކަށް ބަލި ޖެހިފައި ވެ އެވެ.
ރާއްޖޭގައި ކޮވިޑް ހާލަތު ރަނގަޅުވަމުން އަންނައިރު މިހާރު ބަލި މީހުންގެ ގޮތުގައި ތިބީ ވެސް 541 މީހުންނެވެ. އޭގެ ތެރެއިން 47 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު، 12،878 މީހަކު ރަނގަޅު ވެއްޖެ އެވެ.
ބަލީގައި މިހާތަނަށް މަރުވެފައިވަނީ 48 މީހެކެވެ.
މާލޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު، ކާފިއު އުވާލައި ގިނަ ލުއިތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ކަރަންޓީނުގެ މުއްދަތު ދިހަ ދުވަހަށް ކުރުކޮށް، ރާއްޖޭން ބޭރުން އަންނަ މީހުން ކަރަންޓީނުވާން ނުޖެހުން ހިމެނެ އެވެ.