ޔޫވީ އަތުން ވެލެންސިއާ އަށް ފަސޭހަ މޮޅެއް
ޔޫވީ އަތުން ވެލެންސިއާ އަށް ފަސޭހަ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ ކުޅުނު ދެ ވަނަ މެޗުން މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

ޔޫވީ އަތުން ވެލެންސިއާ އަށް ފަސޭހަ މޮޅެއް
ޔޫވީ އަތުން ވެލެންސިއާ އަށް ފަސޭހަ މޮޅެއް

ވެލެންސިއާގެ ދެ ލަނޑު އަލީ ފާސިރު (ސެންޓޭ) ޖެހިއިރު އަނެއް ދެ ގޯލް ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ.

ބައިކޮޅަށް ވަން އަށް ގޯލާ އެކު ފުރަތަމަ ދެ މެޗުން ބަލިވުމުން ޔޫވީ އަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ހަތް ވަނަ މިނެޓުގައި ވެލެންސިއާ އިންނެވެ. މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އާއި ދަގަނޑޭގެ ކޮމްބިނޭޝަން ޕާސްތަކުން އުފެއްދި ހަމަލާގައި ބޮކުރީ ފޮނުވާލި ބާރު ޝޮޓް ޔޫވީގެ ގޯލްކީޕަރު ރުސްލާން އާމިރޯފް މަތަކުރި އެވެ.

ދެން ފެނިގެން ދިޔައީ ޔޫވީގެ ހަމަލާ އެކެވެ. އެކަމަކު އަހުމަދު ބައްސާމް ދިން ޕާހަކަށް އަރައި އިސްމާއިލް އީސާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ.

އޭގެ ފަހުން 32 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ހަނި އޭންގަލުން ޔޫވީގެ ތިން ކުޅުންތެރިން ކައިރިން ސަލާމަތްވެ ދަގަނޑޭ ފޮނުވާލި ޝޮޓެއް ވެސް ކީޕަރު މަތަކުރި އެވެ.

ވެލެންސިއާ އިން ގޯލް ހުޅުވާލީ 39 ވަނަ މިނެޓުގައި ދަގަނޑޭ ދިން ބޯޅައަކަށް ހުހަށް އަރައި ސެންޓޭ ޖެހި ގޯލުންނެވެ.

ވެލެންސިއާ އިން ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ލީޑު ފުޅާކުރި އެވެ. ބޮކުރީ ނެގި ހުރަހަށް ދަގަނޑޭ އަރައި ފްރީ ހެޑާއަކުން ގޯލަށް ބޯޅަ ވައްދާލީ އެވެ.

އޭގެ ފަހުން 64 ވަނަ މިނެޓުގައި ސެންޓޭ ފޮނުވާލި ޝޮޓެއް ކީޕަރު މަތަކުރި އެވެ. އެކަމަކު 68 ވަނަ މިނެޓުގައި ދަގަނޑޭ ދިން ބޯޅައަކުން ސެންޓޭ ވަނީ ގޯލް ޖަހައިފަ އެވެ.

ދެން ފެނިގެން ދިޔައީ ޔޫވީން ނުރައްކާކުރި ތަނެވެ. އަހުމަދު ނިޒާމް ނެގި ހުރަސް އަހުމަދު ރަޝީދު (އައްމަޑޭ) ބޮލުން ފޮނުވާލުމުން ޗެކް މަތަކުރީ ގޯލް ރޮނގު މަތިންނެވެ.

ވެލެންސިއާގެ ފަހު ގޯލް ކާމިޔާބުކުރީ 80 ވަނަ މިނެޓުގަ އެވެ. ދަގަނޑޭ ދިން ބޯޅައެއް ސެންޓޭ ހަމަޖެހިލާފައި އޭރިއާ ތެރޭ ހުރި ބިޗަޑަށް ދިނުމުން އޭނާ ވަނީ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ގޭމް ޕްލޭނާ އެއްގޮތަށް ކުޅެ، ދެ މެޗުން ހަ ޕޮއިންޓް ހޯދުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އަދި ފިޓްނަސް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ ޕްރެކްޓިހުގައި ބޭނުންކުރި ފޯވާޑް ލައިނަށް އަނިޔާވުމުން، އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ކުރިއަށް އޮތް މެޗުތަކުގައި ފޯމޭޝަން ބަދަލުކޮށްގެން ވެސް ނަތީޖާ ނެރެން މަސައްކަތްކުރާނެ ކަމަށެވެ.