19 ޑިސެމްބަރ 2020 - 18:07

މާލޭގެ މަގުތައް އަލުން މިހާރު ހަދަން ފަށާފައިވާއިރު، ލޯފަން މީހުންނަށް ފަސޭހައިން ހިނގޭ ގޮތަށް، ބްރެއިލް ބްލޮކްސް ބޭނުން ކުރަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުންނާއި ރޯޑް ޑިވެެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މިހާތަނަށް ހަދާ ނިމިފައިވަނީ ކަނބާއައިސާރަނި ހިނގުމެވެ. އެ މަގުގެ ދުވާރުގައި އެއް ފޫޓުގެ ފުޅާމިނަށް ބްރެއިލް ބްލޮކްސް ޖަހާފައިވާއިރު، އޭގެ ސަބަބުން ލޯފަން ނުވަތަ ލޮލަށް ނުފެންނަ މީހުންނަށް ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ "މާލޭ ރޯޑް ސްކޭޕިން" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ކަނބާއައިސާރަނި ހިނގުމާއި އެ މަގާ ގުޅުން ހުރި ގޯޅިތައް ހަދާނެ ކަމަށެވެ. އަދި އެ މަގުތަކުގައި ބްރެއިލް ބްލޮކްސް ޖަހާއިރު، އެހެން މަގުތައް ވެސް ލޯފަން މީހުންނަށް ހާއްސަ ކުރާނެ ކަމަށް އެތަނުން ބުންޏެވެ.
މާލޭގެ މަގުތައް އަލުން ހަދަން މި ފެށީ ބޮޑު މެދުކެނޑުމަކަށް ފަހު މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. މަސައްކަތް މެދުކަނޑާލީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ.
މި އަހަރުގެ ޖެނުއަރީ 26 ގައި މާލޭ ސިޓީ ކައުންސިލުން އާރްޑީސީއާ ހަވާލުކުރި އެ މަޝްރޫއުގެ އަގު 462 މިލިއަން ރުފިޔާ އަށް އަރަ އެވެ. މަޝްރޫއުގައި، 18 ކިލޯ މީޓަރުގެ މަގު ހަދާނެ އެވެ. އެއީ އެކި ސަރަހައްދުތަކުން 416 މަގެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ދެ އަހަރާއި ބައިގެ މުއްދަތެކެވެ.