ނޭހާ ބަނޑުބޮޑެއް ނޫން، އެއީ ލަވައެއްގެ ޕްރޮމޯޝަނަލް ސްޓަންޓެއް
ނޭހާ ބަނޑުބޮޑެއް ނޫން، އެއީ ލަވައެއްގެ ޕްރޮމޯޝަނަލް ސްޓަންޓެއް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް އަލަތު ދަރިފުޅަށް ބަނޑުބޮޑުކަމަށް ދޭހަވާ ގޮތަށް އިއްޔެ ސޯޝަލް މީޑިއާގައި ފޭނުން ހައިރާންކޮށްލުމަށް ފަހު، އެއީ އޭނާގެ ކުރިއަށް އޮތް ލަވަ އަށް ޖެއްސި ޕްރޮމޯޝަނަލް ސްޓަންޓެއް ކަމަށް ބުނެފި އެވެ.

މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ރޯހަން ޕްރީތު ސިންގްއާ ކައިވެނިކުރި ނޭހާ ބަލިވެއިންކަން ދައްކުވައިދޭން އިއްޔެ އާންމުރި ފޮޓޯގެ ބެކްގްރައުންޑް މުޅިން ތަފާތުކޮށްލައި އާ ލަވައިގެ ޕޯސްޓަރު ދައްކައިލީ މިއަދެވެ. އެ ލަވައިގެ ނަމަކީ އެ ދެ މީހުންގެ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓްތަކުގައި ވެސް ކެޕްޝަނަކަށް ޖަހާފައި އިން ނަމެވެ: "ޚިޔާލު ރައްކާ ކަރް" އެވެ. ޕޯސްޓަރުގައި ފެންނަނީ ބަނޑުބޮޑުކޮށް ހުރި ނޭހާ ފިރިމީހާގެ ގަޔަށް ލެނގިލައިން ހެވިފައި ތިބޭ ތަނެވެ.

މި މަހުގެ 22 ގައި އާންމުކުރާ މި ލަވަ ކިޔާފައި ވަނީ ވެސް ދެމަފިރިންނެވެ. ދެ މީހުންގެ ލޯބި ފެށުނީ ވެސް އެކީގައި ކުޅުނު އަދި އޮކްޓޯބަރު 24ގެ ކައިވެނީގެ ކުރިން ނެރުނު "ނޭހޫ ދާ ވިއާ" އެވެ.

އެ ލަވައިގެ މިޔުޒިކް ހަދައި އަދި ޅެން ވެސް ލިއުނީ ނޭހާ އެވެ.

މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ އަކީ ސޮނީ ޓީވީން މިހާރު ގެނެސްދޭ "އިންޑިއަން އައިޑޮލް" ސީޒަން 12 ގެ ޖަޖެކެވެ. އެ ޝޯގެ ގްރޭންޑް ޕްރިމިއާ މިރޭ ގެނެސްދޭނެ އެވެ.

ކައިވެނިކުރިތާ މާ ގިނަ ދުވަހެއް ނުވެ، މާ ބޮޑު ބަނޑަކާ އެކު ފެނުމުން ބައެއް މީހުން ނުބައި ތުހުމަތުތަކެއް ވެސް ކުރި އެވެ. އެގޮތުން އެ ފޮޓޯއިން ދައްކައިދެނީ ކައިވެނީގެ ކުރިން ބަލިވެއިންކަމުގެ އަލާމާތް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. އެކަމަކު މިހާރު މިއޮތީ އޭގެ ހަގީގަތް އެނގިފަ އެވެ.