19 ޑިސެމްބަރ 2020 - 12:54

ރިޔާޒް (ޑިސެމްބަރު 19) - ސައުދީ އަރަބިއާގައި ފުޅާ ދާއިރާއެއްގައި ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.
ފައިޒާ އާއި ބަޔޯއެންޓެކުގެ ވެކްސިން އެންމެ ފުރަތަމަ ދިން މީހުންގެ ތެރޭގައި ސައުދީގެ ހެލްތު މިނިސްޓަރު ތައުފީގު ރާބިއާ ހިމެނެ އެވެ. ފައިޒާގެ ވެކްސިނަށް ސައުދީން ހުއްދަ ދިނީ މިދިޔަ ހަފުތާގަ އެވެ.
ވެކްސިން ޖެހުމަށް ފަހު ހެލްތު މިނިސްޓަރު ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި "މިއީ ލިބުނު ކާމިޔާބީއެއް ކަމަށް" ވިދާޅުވެފަ އެވެ.
"ވޭތުވެދިޔަ ނުވަ މަސް ދުވަހު އަޅުގަނޑު ދިޔައީ ރަޖިސްޓަރީ ކުރާ ކޭސްތައް މޮނިޓާ ކުރަމުން. އެކަމަކު މިއަދު އަޅުގަނޑު އުފާވަނީ ވެކްސިން ދޭ މީހުންގެ އަދަދު މޮނިޓާ ކުރަން ޖެހޭތީ،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
ސައުދީގައި ވެކްސިން ދެނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ވެކްސިން ދޭނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނަށެވެ. އޭގެ ފަހުން 50 އަހަރުން މަތީގެ މީހުންނަށެވެ. ތިން ވަނަ ސްޓޭޖުގައި ވެކްސިން ދޭނީ ދެން ބާކީ ތިބި އެންމެންނަށެވެ.
ސައުދީގެ ރައްޔިތުންނާއި އެ ގައުމުގައި އުޅޭ ބޭރު މީހުންނަށް ވެސް ވެކްސިން ޖަހައިދެނީ ހިލެ އެވެ.
ސައުދީ އަރަބިއާ އިން ވަނީ މިހާތަނަށް 360,690 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 6،101 މީހުން މަރުވެފަ އެވެ.
ބަހުރޭނުގައި ވެސް ވަނީ ބުދަ ދުވަހުން ފެށިގެން ކޮވިޑް ވެކްސިން ދޭން ފަށައިފަ އެވެ. ބަހުރޭނުން ވަނީ ޗައިނާގެ ސިނޯފާމްގެ ވެކްސިން އަށް އާދިއްތަ ދުވަހު ހުއްދަ ދީފަ އެވެ. އޭގެ ކުރިން ވަނީ ފައިޒާގެ ވެކްސިނަށް ވެސް ހުއްދަ ދީފަ އެވެ.