މޮޑާނާގެ ވެކްސިން އަށް ވެސް ހުއްދަ ދީފި
މޮޑާނާގެ ވެކްސިން އަށް ވެސް ހުއްދަ ދީފި

ވޮޝިންޓަން (ޑިސެމްބަރު 19) - ކޮރޯނާވައިރަހަށް މޮޑާނާ ކުންފުނިން އުފެއްދި ވެކްސިނަށް އެމެރިކާ އިން ހުއްދަ ދީފި އެވެ.

މިއީ އެމެރިކާގައި ކޮރޯނާވައިރަހަށް ހުއްދަ ދިން ދެ ވަނަ ވެކްސިނެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ، ފައިޒާ އާއި ބަޔޯއެންޓެކުން އުފެއްދި ވެކްސިނަށް ވެސް ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފަ އެވެ.

އެމެރިކާ އިން ވަނީ މޮޑާނާގެ ވެކްސިންގެ 200 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވި އެމެރިކާ އިން ވަނީ 17.8 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ. އެމެރިކާ އިން ވަނީ ކޮވިޑުގައި 320،845 މީހުން މަރުވެފަ އެވެ.

އެފްޑީއޭގެ ކޮމިޝަނަރު ސްޓެފަން ހާން ވިދާޅުވީ މޮޑާނާގެ ވެކްސިނަށް ހުއްދަ ދިނުމަކީ ކޮރޯނާވައިރަހާ ދެކޮޅަށް މުޅި ދުނިޔޭގައި ކުރާ މަސައްކަތުގައި ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ކޮރޯނާވައިރަހުން 94 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށް ރެގިއުލޭޓަރުން ވަނީ މި ހަފުތާގެ ކުރީކޮޅު ބުނެފަ އެވެ. އެފްޑީއޭ އިން ހާމަކުރި ލިޔުމުގައި ބުނެފައި ވަނީ އަޖުމަ ބެލުމުގައި ބޭނުންކުރި 30،000 މީހުންގެ ތެރޭން ވެކްސިންގެ ކާމިޔާބު ރޭޓަކީ 94.1 ޕަސެންޓް ކަމަށެވެ. އެންމެ އާއްމު ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން އަދި މަސްގަނޑަށާއި ހުޅުތަކުގައި ރިއްސުން ހިމެނެ އެވެ.

މޮޑާނާގެ ވެކްސިންގެ ޓްރަޔަލްގައި ބޭނުންކުރި 30،000 މީހުންގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނެ އެވެ. ޓްރަޔަލްގައި ވަނީ 15،000 މީހުންނަށް އަސްލު ވެކްސިން އަދި ބާކީ ތިބި މީހުންނަށް އަސްލު ނޫން ވެކްސިން ދީފަ އެވެ. ޓްރަޔަލްގައި ސީރިއަސް އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި މޮޑާނާ ކުންފުނީގެ އެއްވެސް އުފެއްދުމަކަށް އެފްޑީއޭ އިން މިހާތަނަށް ހުއްދަ ދީފައެއް ނުވެ އެވެ.

މޮޑާނާގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. ޓްރަޔަލްގައި ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯރަޓަރީގައި ޓެސްޓް ހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓްވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ. ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.

މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.

މޮޑާނާގެ ވެކްސިން ރައްކާތެރިކަމާ އެކު ގެންގުޅެވޭނީ 20-ޑިގްރީ ސެލްސިއަސްގަ އެވެ. ފައިޒާގެ ވެކްސިން ގެންގުޅެވޭނީ 75- ޑިގްރީ ސެލްސިއަސްގަ އެވެ.

މޮޑާނާގެ ވެކްސިންގެ ވެސް ދެ ޑޯޒް ދޭން ޖެހެ އެވެ. ދެ ވަނަ ޑޯޒް ދޭނީ 28 ދުވަސް ފަހުންނެވެ.

މޮޑާނާ އިން ބުނެފައި ވަނީ ހުއްދަ ލިބުމާ އެކު ވެކްސިން އުފައްދާނީ އެމެރިކާގެ މެސަޗޫސެޓްސްގެ ކެމްބްރިޖުގައި ހުންނަ މޮޑާނާގެ މައި މަރުކަޒުން ކަމަށެވެ. ފައިޒާގެ ވެކްސިން އެކި ގައުމުތަކުގައި އުފައްދަ އެވެ. އޭގެ ތެރޭގައި ޖަރުމަން އަދި ބެލްޖިއަމް ހިމެނެ އެވެ. މޮޑާނާ އިން ބުނެފައި ވަނީ އަމާޒަކީ އަންނަ އަހަރު މުޅި ދުނިޔޭގައި ބޭނުން ކުރުމަށް އެއް ބިލިއަން ޑޯޒް އުފެއްދުން ކަމަށެވެ.

އެމެރިކާ އިން ވަނީ މޮޑާނާގެ ވެކްސިންގެ 200 މިލިއަން ޑޯޒް ގަންނަން އެއްބަސްވެފަ އެވެ. އެފްޑީއޭ އިން ހުއްދަ ލިބުމާ އެކު ހަ މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށްވެ އެވެ. ކެނެޑާ އިން ވަނީ 56 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އަދި މި މަސް ނިމުމުގެ ކުރިން 168،000 ޑޯޒް ލިބޭނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފަ އެވެ.

މޮޑާނާގެ ވެކްސިންގެ ހަތް މިލިއަން ޑޯޒަށް އިނގިރޭސިވިލާތުން ވެސް ވަނީ އޯޑަރުދީފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން ވަނީ 80 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވެފަ އެވެ. ޖަޕާނުން 50 މިލިއަން ޑޯޒް އަދި ސައުތު ކޮރެއާ އިން 20 މިލިއަން ޑޯޒް ގަންނަން ވަނީ އޯޑަރުދީފަ އެވެ. ސްވިޒަލެންޑުން ވެސް 7.5 މިލިއަން ޑޯޒް ގަންނާނެ އެވެ.