ޔޫވީގެ ޕްރެޝަރު ކަޑުވާލަން ވެލެންސިއާ ބަލިކުރަންޖެހޭ: މުހައްމަދު
ޔޫވީގެ ޕްރެޝަރު ކަޑުވާލަން ވެލެންސިއާ ބަލިކުރަންޖެހޭ: މުހައްމަދު

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން މި ސީޒަނަށް ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވުމަށް މި ވަގުތު އޮތް ޕްރެޝަރު ކަޑުވާލަން ވެލެންސިއާ ބަލިކުރުން ނޫން ގޮތެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

ޔޫވީގެ ޕްރެޝަރު ކަޑުވާލަން ވެލެންސިއާ ބަލިކުރަންޖެހޭ: މުހައްމަދު
ޔޫވީގެ ޕްރެޝަރު ކަޑުވާލަން ވެލެންސިއާ ބަލިކުރަންޖެހޭ: މުހައްމަދު

ގަދަ ތިނެއްގެ ޓާގެޓެއް ޔުނައިޓެޑް ވިކްޓްރީގެ މެނޭޖްމަންޓުން ދިން ނަމަވެސް މުހައްމަދުގެ އަމާޒަކީ ލީގަށް ވާދަކުރުމެވެ. ޔުނައިޓެޑް ވިކްޓްރީ މި ފަހަރު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަތުން 4-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރާ ވެލެންސިއާ އަކީ ލީގުގެ ރޭހުގައި ވާދަކުރާނެ ޓީމެކެވެ.

ޕްރީ ސީޒަނުގެ ޕްރެކްޓިސް ފެށިއިރާއި މިހާރު އޮތް ވެލެންސިއާ ސްކޮޑު ތަފާތެވެ. މުހައްމަދު ބުނީ އެފްއޭއެމުން ޓީމު ލިސްޓަށް ބަދަލު ގެންނަން ދިން ތިން ދުވަހުގެ މުއްދަތުގެ އެންމެ ރަނގަޅަށް ބޭނުންހިފައި ވެލެންސިއާ ވަނީ ވަރަށް ވަރުގަދަކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ހާލަތަށް ބަލާއިރު މި މެޗުން ތިން ޕޮއިންޓް ނެގުން ޔުނައިޓެޑް ވިކްޓްރީ އަށް ވަރަށް މުހިއްމުކަމަށް މުހައްމަދު ބުންޏެވެ.

"ވެލެންސިއާ ޓީމަކީ ދެރަ ޓީމެއް ނޫން. އެހެން ނަމަވެސް ޔުނައިޓެޑް ވިކްޓްރީ އަށް ތިން ޕޮއިންޓް ނޫން ގޮތެއް ނެތް ބޭނުންވާ ޓާގެޓް ހާސިލްކުރަން ބޭނުންވާ ކަމަށްވަންޏާ. ޔުނައިޓެޑް ވިކްޓްރީ ނުކުންނާނީ ތިން ޕޮއިންޓް ހޯދަން،" މިދިޔަ ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވި މުހައްމަދު ބުންޏެވެ.

ނަން މަޝްހޫރު ކުޅުންތެރިންތަކެއް ޔުނައިޓެޑް ވިކްޓްރީ އަށް ގެނެސްފައިވާތީ އެ ޓީމާ މެދު ކުރެވޭ އުއްމީދުތައް ވެސް މަތިވެފައިވާ ކަމަށާއި ހަގީގަތުގައި އޮތް ބޮޑު ޕްރެޝަރަކީ ވެސް އެއީކަމަށް މުހައްމަދު ބުންޏެވެ.

"މިދިޔަ އަހަރު ވެސް ޔޫވީގައި އޮތީ ރަނގަޅު ސްކޮޑެއް. މި އަހަރު ވީ ގޮތަކީ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިންތަކެއް އައީމާ، މާ ބޮޑަށް އެކްސްޕެކްޓޭޝަންސް ހައިވީ. އެ އަސްލު ޕްރެޝަރު ހަމައެކަނި ޓީމުގައި އުޅެނީ. އިރާދަކުރެއްވިއްޔާ ވެލެންސިއާއާ ކުޅެގެން މޮޅުވެވިއްޖިއްޔާ އެ ހުރިހާ އެއްޗެއް ބަރާބަރުވެގެންދާނެ މުޅި ސީޒަނަށް. މިހާރު ސްޓްރަގްލް ކުރަން ޖެހެނީ އެ ތިން ޕޮއިންޓަށް. މޮޅެއްވާ ހިސާބުން ފެށިގެން ޓީމު ބަރާބަރަށް ނޯމަލް ވެގެންދާނެ،" މުހައްމަދު ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) އަކީ ޔުނައިޓެޑް ވިކްޓްރީން ފުރަތަމަ ޑިވިޝަނުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނުއިރު އެ ޓީމުގެ ހެޑް ކޯޗެވެ. އާތީގެ ކޯޗުކަމުގައި 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީ އިން ވަނީ ގަދަ ހަތަރެއްގައި ނިންމައިފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީ އަށް ލީގުގެ ގަދަ އެ ހިސާބަށް ދެވިފައިނުވެ އެވެ.

އާތީ ބުނީ އޭނާ ހަވާލުވެ އޮތްއިރު ވެސް ޔުނައިޓެޑް ވިކްޓްރީގައި ރަނގަޅު ސްކޮޑެއް އެކުލަވާލައި ހިތްހަމަޖެހޭ ފުޓްބޯޅައެއް ކުޅެވޭ ކަމަށެވެ. އެކަމަކު މިހާރު އޮތް ޔުނައިޓެޑް ވިކްޓްރީ އޮތީ ގައުމީ ޓީމުގެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސާ (މެސީ) ފަދަ ކުޅުންތެރިންނާ އެކު ވަރުގަދަކޮށް ކަމަށް ބުންޏެވެ. އާތީ ބުނީ ގަދަ ތިން ޓީމު ތެރޭގައި ގުނާލެވޭ ފެންވަރުގެ ޓީމެއް އޮތް ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވާން ވެލެންސިއާ އިން ވަރަށް ރަނގަޅަށް ކުޅެން ޖެހޭނެ އެވެ.

"މުޅި ސްކޮޑަށް ބަލާއިރު ޔުނައިޓެޑް ވިކްޓްރީ އަކީ ވަރަށް ބެލެންސް ޓީމެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅު ޗެލެންޖަކަށްވާނެއޭ. ދަނޑުމަތީގައި އަޅުގަނޑުމެން ވަރަށް މަސައްކަތްކުރަން ޖެހޭނެ މެޗެއް މިއީ އެ ޓީމު (ޔޫވީ) ބަލިކުރަން ބޭނުމިއްޔާ. ކުރިން މެޗަށް ވުރެން ޔުނައިޓެޑް ވިކްޓްރީ ސްޓްރޯންގްވާނެ،" އާތީ ބުންޏެވެ.

ހަތަރު ދުވަހުން ނޫނީ ފަސް ދުވަހުން މެޗެއް ކުޅެން ޖެހޭއިރު ވެލެންސިއާގެ ނަތީޖާތަކާއި ހާލަތަށް ބެލުމަށް ފަހު މެޗުތަކަށް ނެރޭ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އާތީ ބުންޏެވެ. ވެލެންސިއާ ބެންޗުގައި ތިބި ކުޅުންތެރިންނަކީ ވެސް ފުރަތަމަ އެގާރައިގައި ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިންކަން ފާހަގަކޮށް އާތީ ބުނީ ޕްރެކްޓިހުގައި ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިން ޓީމުގައި ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވަކި ޕްލޭޔަރަކަށް ބަލާނެ ބައެއް ނޫން. ވެލެންސިއާ ސްކޮޑަކީ ވަކި މީހަކަށް ސްލޮޓް ހާއްސަކޮށްފައި އިން ސްކޮޑެއް ނޫން. ޕްރެކްޓިހުގައި ރަނގަޅަށް ޕާފޯމް ކުރާ ބަޔަކު މެޗަށް ލަމުންދާނީ. އެހެން ނަމަވެސް އަޅުގަނޑުމެން ބެންޗުގައި އެބަތިބި ފުރަތަމަ 11 އަށް އެއްވެސް ޖެހިލުމެއްނެތި ލާން ކެރޭވަރުގެ ޕްލޭޔަރުން. އެކަމަކު އެ ކުޅުންތެރިން ބޭނުންކުރާއިރު ނަތީޖާ ނެރެންވެސް އެބަޖެހޭ،" އާތީ ބުންޏެވެ.

ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި ގޯލު ބެލެހެއްޓީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. ވެލެންސިއާ އިން ވަނީ ފަހު ވަގުތު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެކު ވެވުނު އެއްބަސްވުމެއްގެ ތެރެއިން ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ސޮއި ހޯދައިފަ އެވެ. ފައިސަލް ޕްރެކްޓިސްތަކުގައި ބައިވެރިވަމުން އަންނައިރު މެޗުކުޅެވޭ ހާލަތުގައި ހުރި ނަމަ އޭނާ ބޭނުންކުރާނެ ކަމަށް އާތީ ވަނީ ބުނެފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.