19 ޑިސެމްބަރ 2020 - 00:17

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ކާފިއު ގަޑިތައް ނުވަ މަސް ދުވަހަށް ފަހު އެޗްޕީއޭއިން މިރޭ އުވާލައިފި އެވެ.
ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ކާފިއު އިއުލާން ކޮށްފައި ވަނީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަދި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން އަކަށް ގޮސް، ޖޫން މަހުގެ ތެރޭގައި ލުއި ދޭން ފެށި އެވެ. ލޮކްޑައުން އަށް ފަހު އެންމެ ފުރަތަމަ ހުޅުވާލި އިރު ކާފިއު ގަޑީގެ ގޮތުގައި ކަނޑައެޅި ރޭގަނޑު 8 އިން ފަތިހު 5 އަށެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ކޭސްތައް ފެންނަވަރު މަދުވަމުން އައި ވަރަކަށް އެޗްޕީއޭއިން އައީ ކާފިއު ގަޑިތަކަށް ލުއިތައް ދެމުންނެވެ.
އެންމެ ފަހުން ގެނައި ބަދަލުގެ ތެރެއިން ކާފިއު ގަޑީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 12 އިން ފަތިހު ހަތަރަކަށެވެ.
މިރެއިން ފެށިގެން ކާފިއު ގަޑި އުވާލާފައިވާއިރު މި ހަފްތާތެރޭގައި އެޗްޕީއޭއިން މި ނޫން ވެސް ބޮޑެތި ލުއިތައް ދީފައި ވެއެވެ. އެގޮތުން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް މަދު ކުރުމާއި ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ވާން ނުޖެހުމުގެ އިތުރަށް މާލެއިން ރިސޯޓުތަކަށް ދާއިރު ކަރަންޓީން ވާން ނުޖެހޭ ގޮތަށް ވެސް އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލުތައް ގެނެސްފަ އެވެ.
ފަހަކަށް އައިސް ރާއްޖެއިން ފެންނަ ކޮވިޑް-19 ކޭސްތައް މަދުވަމުން އަންއިރު ދުވާލަކަށް ފެންނަ ކޭސްތަކުގެ އަދަދު 50 އަށް ވުރެ ދަށުގައި އުޅޭތާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. އެޗްޕީއޭއިން ބުނިގޮތުގައި ކަރަންޓީނަކާ ނުލާ ދަތުރުކުރުމާއި ލޮކްޑައުން އުވާލުން ފަދަ ބަދަލުތައް ގެނެވޭނީ ގުޅުމެއް ކޭސްތައް އަދިވެސް މަދުވެގެންނެވެ.