19 ޑިސެމްބަރ 2020 - 00:01

ޑްރަގްސް ބޭނުންކުރާ މީހުން ހޯދަން ކުއްތާއާއެކު ހުޅުމާލެ ބީޗުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ކުއްތާ ބޭނުންކޮށްގެން ރޫޓިން ފާސްކުރުމެއް ހުޅުމާލޭގައި ކުރިއަށް ގެންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
މި ފަހަކަށް އައިސް ޕާޓީކުރާ ޒުވާނުންގެ މަންޒިލަކަށް ވެފައިވަނީ ހުޅުމާލެ އެވެ. އެގޮތުން އަނދިރި، ބޮޑެތި ގަސްތަކުން ނިވާވެވޭ ގޮތަށް އޮންނަ ހުޅުމާލޭ ބީޗުގައި މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެފައިވާ ކަމަށް ވެ އެވެ.
ރޭގަނޑު ހުޅުމާލެ ބީޗަށާއި ގެސްޓްހައުސްތަކާއި ފަޅުގައި އޮންނަ ސަފާރީތަކަށް ގޮސް އެކި މުނާސަބަތުތައް ފާހަގަކުރުމަކީ ފަހަކަށް އައިސް ވަރަށް އާއްމުވެފައިވާ ކަމެކެވެ. އެފަދަ ބައެއް އެއްވުންތަކުގައި މަސްތުވާތަކެތި ފަދަ އެއްޗެހި ބޭނުންކުރާއިރު، ޕާޓީ ޑްރަގްސް ބޭނުންކުރި ބައެއް ޒުވާނުން ހުޅުމާލޭގައި މީގެ ކުރިން މަރުވެފައި ވެސް ވެ އެވެ.
އާ އަހަރާ ދިމާކޮށް ޕާޓީކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތައް ވެސް ކޮންމެ އަހަރު ވެސް އިތުރުވެ އެވެ.