ލަންކާގައި ކޮވިޑް ބަލި މީހަކު ހަތަރު ކުދިން ވިހައިފި
ލަންކާގައި ކޮވިޑް ބަލި މީހަކު ހަތަރު ކުދިން ވިހައިފި

ކޮލަމްބޯ (ޑިސެމްބަރު 18) - ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހަކު ހަތަރު ކުދިން ވިހައިފި އެވެ.

އުމުރުން 25 އަހަރުގެ ބަލި މީހާގެ ހާލަތު ގޯސްވެދާނެހެން ހީވުމުން ޑޮކްޓަރުންގެ ޚާއްސަ ޓީމަކުން ވަނީ ސިޒޭރިއަން ހަދައިގެން ހަތަރު ކުދިން ނަގައިފަ އެވެ. އެ ކުދިން ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.

ސަރުކާރުން ހިންގާ ޑެ ސޯއިސާ މެޓާނިޓީ ހޮސްޕިޓަލްގެ ޑޮކްޓަރަކު ވިދާޅުވީ ދުވަސް ނުފުރެނީސް ކުދިން ނަގަން ޖެހުނީ މަންމަގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. މަންމަ އާއި ހަތަރު ކުދިންނަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ. ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންގެ އިތުރުން މައިމީހާގެ ހާލަތު މިހާރު އެހާ ގޯސް ނޫން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. ކުދިންގެ ބަރުދަނުގައި ހުރީ 1.1- 1.6 ކިލޯއާ ދެމެދެވެ.

ބަނޑަށް 32 ހަފުތާގައި އަންހެން މީހާގެ ސިޒޭރިއަން ހެދުމަށްޓަކައި ހޮސްޕިޓަލުން ވަނީ 35 މީހުންގެ މެޑިކަލް ޓީމެއް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި 19 ޑޮކްޓަރުން ހިމެނެ އެވެ.

ލަންކާ އިން ވަނީ ކޮރޯނާވައިރަހަށް 35,387 މީހުން ޕޮޒިޓިވްވެ 160 މީހުން މަރުވެފަ އެވެ.