ކޮލަމްބޯ ޕޯޓް ސިޓީ އަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް
ކޮލަމްބޯ ޕޯޓް ސިޓީ އަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

ކޮލަމްބޯ (ޑިސެމްބަރު 18) - ކޮލަމްބޯ ޕޯޓް ސިޓީގައި އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރެއް އިމާރާތް ކުރުމަށް އެއް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުން ގާއިމްކޮށްފައި ވަނީ އެލްއޯއެލްސީ ގްރޫޕުގެ އިންވެސްޓްމަންޓް ގޮފި، ބްރައުންސް އިންވެސްޓްމަންޓްސް އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އާ ދެމެދު އެވެ. ބޮޑުވަޒީރުގެ ރަސްމީ އޮފީހުގައި އިއްޔެ ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އާއި ޗައިނާ ސަފީރު ގި ޒެންހޮންގް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާޖަޕަޖްސާ ވިދާޅުވީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަކީ ލަންކާ ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށާއި ޕޯޓް ސިޓީގެ މި ޕްރޮޖެކްޓުން ވެސް އަންގައިދެނީ ވިޔަފާރީގެ ދުނިޔެ އަށް ސްރީ ލަންކާ އަލުން އާދެވިއްޖެކަން ކަމަށެވެ.

ކޮލަމްބޯ ޕޯޓް ސިޓީގެ މަޝްރޫއު 2014 ވަނަ އަހަރު ފެށީ ރާޖަޕަކްސާގެ ރައީސްކަމުގަ އެވެ.

ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރުގެ ޕްރޮޖެކްޓް 6.8 ހެކްޓަރުގެ ބިމުގައި ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ކޮލަމްބޯ ޕޯޓާއި ގޯލް ފޭސްއާ ދެމެދު ކަނޑު ހިއްކައިގެން ހެދި 1.5 ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަނުގައި ކުރިމަގުގައި 75،000 މީހުން ދިރިއުޅޭނެ ކަމަށާއި އެ ސިޓީ އަށް ދުވާލަކު 200،000 މީހުން ވަދެ ނުކުމެ ހަދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ސެޕްޓެމްބަރު 17، 2014 ގައި ފެށި މަޝްރޫއު ހިއްކާ ނިމުނުއިރު ލަންކާގެ މިހާރުގެ ފައިނޭންޝަލް ޑިސްޓްރިކްޓަށް ވުރެ ދެ ގުނަ ބޮޑެވެ.

ޕޯޓް ސިޓީން ފުރަތަމަ ހިއްކަން ހަމަޖެއްސީ 233 ހެކްޓަރެވެ. ނަމަވެސް ފަހުން 269 ހެކްޓަރު ((664 އޭކަރު) އަށް ވަނީ ބަދަލުކޮށްފަ އެވެ. ކުރީގެ އެއްބަސްވުމަށް ބަދަލު ގެނެސް 116 ހެކްޓަރު ވަނީ 99 އަހަރަށް ޗައިނާ އަށް ދޭން އެއްބަސްވެފަ އެވެ. ކުރިން އޮތީ 20 ހެކްޓަރު ޗައިނާ އަށް މިލްކުކޮށްދޭ ގޮތަށެވެ. ޗައިނާ އަށް ދެނީ ޕޯޓް ސިޓީގައި އިމާރާތްކުރަން ހަމަޖައްސާފައިވާ 178 ހެކްޓަރުގެ ބިމުންނެވެ. އެ ބިމުން ލަންކާ އަށް ބޭނުން ކުރެވޭނީ 62 ހެކްޓަރެވެ.

ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ މަޝްރޫއު ކުރިއަށް ގެންދިޔައީ ބެއިޖިންގެ "ބެލްޓް އެންޑް ރޯޑް" އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުގެ ދަށުންނެވެ.

ޕޯޓް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ސްކޫލްތަކާއި ބޭންކްތަކާއި ޝޮޕިން މޯލްތަކާއި މެރީނާ އަދި ޕާކްތަކާއި ޕަބްލިކް ބީޗްތައް ވެސް ހަދާނެ އެވެ. ޕޯޓް ސިޓީ ނިމުމުން އެތަން އޮޕަރޭޓް ކުރާނީ ވަކި އެންޓިޓީއެއްގެ ގޮތުގަ އެވެ. ޕޯޓް ސިޓީގައި ވިޔަފާރި ހިންގަން ފަހިވާ ގޮތަށް އެ ސިޓީ އަށް ވަކި އިގްތިސާދީ އަދި ކޮމާޝަލް ގާނޫނުތަކެއް ހަމަޖައްސާނެ އެވެ.

ޕޯޓް ސިޓީ ހިއްކި ޗައިނާ ސަރުކާރުގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީީ) އިން ބުނީ ޕޯޓް ސިޓީ ޕްރޮޖެކްޓް އިން 83،000 ވަޒީފާ އުފެދި 13 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ލަންކާ އަށް ލިބޭނެ ކަމަށެވެ.