18 ޑިސެމްބަރ 2020 - 15:57

މުސްލިމުންގެ އެންމެހާ މުއާމަލާތުތަކުގައި ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ހެޔޮ ނަސޭހަތް ދިނުމަކީ ރިވެތި އަޚްލާޤުގެ ތެރެއިން ހިމެނޭ އަދި އެކަންކަމަށް މުސްލިމުން ކޮންމެހެން ތަބާވާން ޖެހޭ ކަންކަމެވެ. އެހެންވެ ދޮގުހެދުމާއި ޚިޔާނާތްތެރިވުން އިސްލާމްދީނުގައި ނަހީ ކުރެވިގެންވެ އެވެ. އަދި ހެޔޮ ނަސޭހަތް ދޭން ޖެހޭ ތަނެއްގައި އެކަން ނުކޮށް ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ވިޔަފާރީގެ މުއާމަލާތުތަކުގައި ވެސް މިކަންކަން އޮންނަން ޖެހޭނީ މިފަދައިންނެވެ. ނަމަވެސް ހިތާމަ އަކީ ވިޔަފާރީގެ އެކި މުއާމަލާތު ތަކުގައި ދޮގުހެދުމާއި އޮޅުވާލުމާއި ޚިޔާނާތްތެރިވުމާއި މަކަރު ހެދުމާއި ވިއްކާ އެއްޗެއްގައި ހުންނަ އައިބުތައް ބުނެނުދިނުން އާންމު ވަމުން ދިއުމެވެ.
މިގޮތުން ހިނގާ ކަންކަމުގެ ތެރޭގައި، ވަކި ފެންވަރެއްގެ އެއްޗެއްގެ ގޮތުގައި އެއަށްވުރެ ދަށް ފެންވަރުގެ އެއްޗަކުން ވިޔަފާރި ކޮށްފާނެ އެވެ. މިސާލަކަށް ކެއްކުމަށް ބޭނުންކުރާ ތެޔޮ ފަދަ ތަކެތި، ދަށް ފެންވަރުގައި އުފައްދައިގެން ގެނެސް ރަނގަޅު ފެންވަރުގެ ތެލާ އެއްއަގުގައި ވިއްކަ އެވެ. ނުވަތަ ވަކި މިންވަރެއް ކަމަށް މީހުންނަށް ހީވާ ގޮތަށް އެއަށްވުރެ މަދު މިންވަރެއް ވިއްކައިފާނެ އެވެ. ނުވަތަ ބޭރުން ގެންނަ މުދަލުން ދައްކަން ޖެހޭ ޑިއުޓީގެ އަގު ކުޑަ ކުރުމަށްޓަކައި އޭގެ އަސްލު އަގު އޮޅުވާލައިގެން އަގު ލިސްޓު ހަދައިފާނެ އެވެ. މިހެންގޮސް މިފަދަ އެތައް ކަމެއް ބައެއް މުސްލިމުން އެމީހުންގެ ވިޔަފާރީގެ މުއާމަލާތު ތަކުގައި ކުރެ އެވެ. މިކަންކަމަކީ ވިޔަފާރި ކުރާ މީހާއަށް އެއިން ދުނިޔަވީ މަންފާއެއް ލިބުނަސް އޭގެ ސަބަބުން އެހެން މީހުންނަށް ދެވޭ އަނިޔާއެއް ކަމަށްވާތީ އިސްލާމްދީނުގައި މިކަންކަން މަނާކޮށް އޭގެ ބަދަލުގައި ވިޔަފާރީގައި ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ހެޔޮ ނަސޭހަތް ދިނުމަށް ބާރު އަޅަ އެވެ.
މާތް ﷲ ގެ ހަޒުރަތުގައި ރުހިވޮޑިގަތުން ލިބިގެންވާ ވިޔަފާރިވެރިއަކީ ތެދުވެރި ވިޔަފާރިވެރިޔާ އެވެ. ކީރިތި ރަސޫލާ ﷺ ސިފަކުރައްވާ ގޮތުގައި އެފަދަ ވިޔަފާރިވެރިޔާ އަކީ އާޚިރަތުގައި ނަބީންނާއި ޞިއްދީޤުންނާއި ޝަހީދުންނާ އެކުގައި ވާނެ މީހެކެވެ. (އައްތިރުމިޛީ). ހަމައެފަދައިން ވިޔަފާރީގައި ތެދުވެރިވުމަކީ ބަރަކާތް ލިބުމުގެ ސަބަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. މުއްތަފަޤު ހަދީސެއްގައިވާ ގޮތުން ގަންނަ މީހާ އާއި ވިއްކާ މީހާ ތެދުވެރިވެ ހަގީގަތް ބަޔާން ކޮށްފިނަމަ އެދެމީހުންނަށް އެވިޔަފާރީގައި ބަރަކާތް ލައްވަ އެވެ. އެކަމަކު ދޮގުހަދައި ހަގީގަތް ސިއްރު ކޮށްފިނަމަ ވިޔަފާރިން ދުނިޔަވީ ފައިދާއެއް ލިބުނަސް ﷲ އެވިޔަފާރީގައި ބަރަކާތް ނުލައްވާނެ އެވެ. ވިޔަފާރީގައި ދޮގުހެދުން މަނާކުރާ ފަދައިން އެކަމަށް މަގުފަހިވެދާނެ ކަމެއް ކަމުގައިވާ ގިނަގިނައިން ހުވާކުރުން ވެސް އިސްލާމްދީން ވަނީ މަނާ ކުރައްވައިފަ އެވެ. މިގޮތުން، ﷲ އެ ހަތަރު މީހަކު ދެކެ ކޯފާވެ ވޮޑިގަންނަވާ ހަތަރު މީހެއްގެ ވާހަކަ ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާ އިރު އޭގެ ތެރެއިން އެކަކީ ގިނަގިނައިން ހުވާ ކުރާ ވިޔަފާރިވެރިޔާ އެވެ. (އައްނަސާއީ). ހަމައެފަދައިން ގިޔާމަތް ދުވަހުން ﷲ އެ ތިން މީހަކަށް ބައްލަވާ ވޮޑިނުގަންނަވާނެ ތިން މީހެއްގެ ވާހަކަ ކީރިތި ރަސޫލާ ﷺ ބަޔާން ކުރެއްވި އިރު އޭގެ ތެރޭގައި، ﷲ ގެ އިސްމުފުޅު އެމީހެއްގެ މުދާކަމުގައި ހަދާ މީހާ (އެބަހީ، ހުވާކޮށްފައި ނޫނީ އެއްޗެއް ނުވިއްކާ އަދި ހުވާކޮށްފައި ނޫނީ އެއްޗެއް ނުގަންނަ މީހާ) ހިމެނެ އެވެ.
މިފަދައިން އިސްލާމްދީން މިކަން ބަޔާން ކުރާއިރުވެސް އަވަހަށް ލިބޭ މަންފާއަށް ނުވަތަ ގުނާލަން ލިބޭ ގިނަ ރުފިޔާ ކޮޅަށް އިންސާނާ އަށް ސަމާލުކަން ދެވެ އެވެ. މި އާފަތުން މުސްލިމު ވިޔަފާރިވެރިން ސަލާމަތް ކުރެއްވުމަށްޓަކައި ކީރިތި ރަސޫލާ ﷺ ވަނީ ވިޔަފާރިވެރިންނަށް އިންޒާރު ވެސް ދެއްވައިފަ އެވެ. ﷲ އަށް ތަގުވާވެރިވެ ވިޔަފާރީގައި ތެދުވެރި ވެއްޖެ މީހަކު ފިޔަވައި އެންމެހާ ވިޔަފާރިވެރިން މަހުޝަރު ކުރެވޭނީ ފާޖިރުންގެ ގޮތުގައި ކަން ވިޔަފާރި ވެރިންނާ މުޚާތަބު ކުރައްވައި އެކަލޭގެފާނު ވަނީ އިންޒާރު ދެއްވައިފަ އެވެ. (އައްތިރުމިޛީ). ވިޔަފާރީގައި ދޮގުހެދުމާއި ދޮގުހުވާ ކުރުމާއި ގިނަގިނައިން ހުވާ ކުރުމުގައި އެކި ޒަމާނުގައި އެކި ސިފަސިފައަށް އެކަން ކުރެވެ އެވެ. މިގޮތުން މިޒަމާނުގައި މުދާ އިޝްތިހާރު ކުރުމުގެ ތެރެއިން ބައެއް މީހުން ދޮގުހަދަ އެވެ. އަދި މީހުންގެ ސަމާލުކަން ދަމައިގަންނަ އަދި ޖަޒުބާތުތަކާ ކުޅެލެވޭ ފަދަ ވަސީލަތްތަކާއި އުކުޅުތައް އިޝްތިހާރު ތަކުގައި ބޭނުން ކޮށްގެން މުދަލުގެ ފެންވަރު އޮޅުވާލަ އެވެ. ތިމާ އެއަށް ބޭނުން ނުޖެހޭ އެއްޗެއް ގަނުވަން ހިތް ޖައްސުވަ އެވެ. މީގެ މާނައަކީ މުދަލެއް މީހުންނަށް ތައާރަފު ކުރުމަށްޓަކައި އިޝްތިހާރު ކުރުމަށް އިސްލާމްދީން ދެކޮޅު ހެދުމެއް ނޫނެވެ. ތެދުވެރި ކަމާ އެކު ހަގީގަތް ބަޔާންކޮށް އެކަންކުރާ ނަމަ އަދި މީހުންގެ ޖަޒުބާތުތަކުގެ ނާޖާއިޒު ފައިދާ އެއިން ނުނަގާ ނަމަ އިޝްތިހާރު ކުރުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫނެވެ.
ވިޔަފާރީގައި ތެދުވެރިވުމާ ގުޅިފައިވާ އަދި އެކަން ފުރިހަމަ ކޮށްދޭ އަނެއް އަޚްލާޤީ ސިފައަކީ އަމާނާތްތެރި ވުމެވެ. ކާމިޔާބު ލިބިގެންވާ މުއުމިނުން ކީރިތި ޤުރުއާނުގައި ސިފަ ކުރާއިރު އޭގެ ތެރޭގައި އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވާ މީހުން ހިމަނާފައި ވެ އެވެ. (އަލްމުއުމިނޫން 8). އަދި އަމާނާތްތެރިކަމުގެ އިދިކޮޅު ކަމުގައިވާ ޚިޔާނާތްތެރިވުމަކީ މުނާފިގުންގެ އަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާފައިވެ އެވެ. (މުއްތަފަގު ހަދީސެއް). ވިޔަފާރީގައި އަމާނާތްތެރިވުމަކީ ކޮންމެ މީހަކަށްވެސް ހައްގުވާ އެއްޗެއް އުނިއިތުރަކާ ނުލައި ރައްދު ކޮށްދިނުމެވެ. މި އަމާނާތް އަދާ ކުރުމަށް ﷲ ވަނީ އަންގަވައިފަ އެވެ. (އައްނިސާއު 85). ވިޔަފާރީގައި އަމާނާތުގެ މައްޗަށް ބިނާވެފައިވާ ބައެއް ވިޔަފާރިތައް ހުރެ އެވެ. މިސާލަކަށް މުރާބަޙާ ވިޔަފާރި އާއި، ކުންފުންޏާއި މުޟާރަބާ އާއި ވަކާލާ ފަދަ މުޢާމަލާތު ތަކުގައި އަމާނާތްތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ އެވެ. ސަބަބަކީ މިފަދަ މުޢާމަލާތު ތަކަކީ އޭގައި ބައިވެރިވާ އަނެއް ފަރާތަށް އިތުބާރުކޮށްގެން ކުރެވޭ މުޢާމަލާތުތައް ކަމަށް ވާތީ އަނެއް ފަރާތުން އަމިއްލަ މަސްލަހަތު އިސްކޮށްފިނަމަ ހައްގުތައް ގެއްލޭނެތީ އެވެ. މިހެންވެ، އެކަކު އަނެކަކަށް ޚިޔާނާތްތެރިނުވާހާ ހިނދަކު ދެބައިވެރިއެއްގެ ތިންވަނަ ފަރާތް ކަމުގައި ﷲ ވޮޑިގެންވާނެ ކަން، އެކަމަކު އެތަނުން އެކަކުވިއަސް އަނެކަކަށް ޚިޔާނާތްތެރި ވެއްޖެ ނަމަ ﷲ އެދެބައިވެރިންގެ ކިބައިން ބަރީއަވެ ވޮޑިގަންނަވާނެ ކަން ޤުދްސިއްޔަ ހަދީސެއްގައިވެ އެވެ. (އަބޫ ދާއޫދު).
ވިޔަފާރީގެ މުއާމަލާތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ އަނެއް މުހިންމު އަޚްލާޤީ ސިފައަކީ ހެޔޮގޮތުގައި ނަސޭހަތްތެރިވުމެވެ. ނަސޭހަތްތެރިވުމުގެ މާނައަކީ، ތިމާގެ އަމިއްލަ ނަފްސަށް އެދޭ ހެޔޮކަންތަކާއި މަންފާ އެހެން މީހުންނަށް ވެސް ލިބުން އެދިގެން އެކަމަށް މަގުފަހިވާ ބަސްބުނުމެވެ. ނަސޭހަތަކީ އިސްލާމީ ނަޒަރުން ބަލާއިރު މުޅި ދީނެވެ. މިކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. (މުސްލިމް). ޖަރީރު ބުނު ޢަބްދުﷲ ގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނު އިސްލާމްދީނަށް ބައިޢަތު ހިއްޕެވި ހިނދު މުސްލިމުންނަށް ނަސޭހަތްތެރިވުމަށް ވެސް ބައިޢަތު ހިއްޕެވުމަށް ކީރިތި ރަސޫލާ ޝަރުތު ކުރެއްވި އެވެ. (މުއްތަފަގު ހަދީސެއް). ވިޔަފާރީގެ މުއާމަލާތު ތަކުގައި ނަމަ ނަސޭހަތް ދެވޭނެ ގޮތަކީ މުދަލުގައި ހުންނަ، ބަލާ ބެލުމަށް ނުފެންނަ އައިބުތައް ބަޔާން ކޮށްދީގެންނެވެ. ހަމައެފަދައިން އޭގެ އަގުގައި ފޮރުވިފައި ހުންނަ ކަންކަން ބުނެދީގެންނެވެ. މިފަދަކަންކަން ބަޔާންނުކޮށް ފޮރުވުމަކީ މަކަރު ހެދުމެވެ. މަކަރު ހެދުމަކީ މުސްލިމުންގެ ތެރެއިން މީހާ ބޭރުވާ ކަމެއްކަން ކީރިތި ރަސޫލާ ﷺ ބަޔާން ކުރެއްވުމުގެ އިތުރުން އަމަލީ ގޮތުން އެކަލޭގެފާނު ވަނީ އެކަން މަނާ ކުރައްވައިފަ އެވެ. (މުސްލިމް، ތިރުމިޛީ އަދި އިބްނު މާޖާ).
ވީމާ، ވިޔަފާރި ކުރުމުގައި ތެދުވެރިވުމާއި އަމާނާތްތެރިވުމާއި ހެޔޮ ނަސޭހަތް ދިނުން ފަދަ ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުމަށް މުސްލިމު ވިޔަފާރި ވެރިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. ވިޔަފާރީގެ "އުކުޅު" ތަކުގެ ގޮތުގައި އެހެން މީހުން ކައިރިން ދަސްކުރާ މަކަރު ހެދުމާއި އޮޅުވާލުން ފަދަ ކަންކަމަކީ މުސްލިމު ވިޔަފާރިވެރިންނަށް ލާއިގު ކަންތަކެއް ނޫނެވެ. މުސްލިމު ވިޔަފާރިވެރިޔާ މިފަދަ ކަންކަމުން ދުރުހެލިވުމުގެ ސަބަބުން އޭނާގެ ވިޔަފާރި އަށް ލިބޭ ވަގުތީ ގެއްލުމަށް ވުރެ އޭނާގެ އާޚިރަތުގައި ލިބެން އޮތް ދާއިމީ ބޮޑު ގެއްލުމާ މެދު ވިސްނަން ޖެހޭނެ އެވެ. އެހެން މީހުން އެގޮތަށް ކަންކުރާތީ ތިމަންމެން ވެސް އެހެން ނަހަދައިފިއްޔާ ގެއްލުންވާނޭ ބުނެ ނުބައި އަމަލުތަކަށް ތަބާވާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރުމުގެ މާތް މަސައްކަތުގެ ދަށުން ތިމާ ވެސް އެނުބައި ކަންކަން ހުއްޓުވަން މަސައްކަތް ކުރާނީ އެވެ. އޭރުން ﷲ ގެ އިރާދަފުޅުން ތިމާއަށް ވެސް އަދި އެހެން ވިޔަފާރިވެރިންނަށް ވެސް ސަލާމަތްކަން ލިބި އެންމެންގެ މެދުގައި އަދުލު އިންސާފު ގާއިމު ކުރެވޭނެ އެވެ. އަދި ގަންނަ މީހުންނަށް ލިބޭ އަނިޔާ އިން ވެސް ސަލާމަތް ވާނެ އެވެ.