18 ޑިސެމްބަރ 2020 - 15:11

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ޑިފެންސް މިނިސްޓްރީގައި ޑިރެކްޓާ އޮފް އެންޓި ހިއުމަން ޓްރެފިކިންގެ ނަމުގައި މަގާމެއް އުފައްދައި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވާ މީހުންނަށް ރައްކާތެެރިކަން ދޭނެ މަރުކަޒަކާ އެކު އެ މަސައްކަތް ބަލަހައްޓާނެ އޮފީހެއް އަންނަ އަހަރު ގާއިމުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ، ހިޖުރަކުރާ މީހުންގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި މާރިޔާ ދެއްވި ޚިތާބުގައި ވިދާޅުވީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަން މަރުކަޒު ހަދަނީ ކ. ގުޅީފަޅުގައި ކަމަށެވެ.
މާރިޔާ ވިދާޅުވީ ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ރައްކާތެރިކަން ދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިން އަދާކުރި މުހިންމު ދައުރާއި ބުރަ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫ ނާރާނެހެން އަދި ރައްކާތެެރިކަމާ އެކު ހިޖުރަ ކުރެވޭނެ މަގު ފަހިކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިއުމަން ޓްރެފިކިން އަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށާއި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި އެކަމުގައި ޝިކާރައަކަށް ވާ މީހުންނަށް ހިމާޔަތް ދޭން މާރިޔާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ހިއުމަން ޓްރެފިކިން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.