އިންޑިއާގައި އަންނަ މަހު ވެކްސިން ދޭން ފަށަނީ
އިންޑިއާގައި އަންނަ މަހު ވެކްސިން ދޭން ފަށަނީ

ނިއު ދިއްލީ (ޑިސެމްބަރު 18) - އިންޑިއާގައި އަންނަ މަހު ކޮވިޑް ވެކްސިން ޖަހަން ފަށާނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލް ބުނީ ބައެއް ވެކްސިންތަކަށް ކުރިއަށް އޮތް ހަފުތާތަކުގައި ހުއްދަ ދޭނެ ކަމަށެވެ. އިންޑިއާގައި ވެކްސިން ބޭނުން ކުރުމަށް ދެ ކުންފުންޏަކުން މިހާރު ވަނީ ހުއްދަ އަށް އެދިފަ އެވެ. އެއީ އިނގިރޭސިވިލާތުގެ ފާމަޝޫޓިކަލް ކުންފުނި އެސްޓްރަޒެނިކާއާ ގުޅިގެން ސީރަމް އިންސްޓްޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިންނާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗާ ގުޅިގެން ބާރަތު ބަޔޯޓެކުން އުފައްދާ ކޮވެކްސިން އެވެ. އަދި އިތުރު ހަ ވެކްސިނެއް މިހާރު ވަނީ ކްލިނިކަލް ޓްރަޔަތަކުގެ އެންމެ ފަހު މަރުހަލާގަ އެވެ. އެއީ:

* އަހުމަދުއާބާދުގެ ޒައިޑުސް-ކެޑިލާ އިން އުފައްދާ ޒައިކޯވް-ޑީ

* ހައިދަރުއާބާދުގެ ބަޔޯލޮޖިކަލް އާއި އެމްއައިޓީ ގުޅިގެން އުފައްދާ ވެކްސިން

* ޕޫނޭގެ ޖެނޯވާ އާއި އެމެރިކާގެ އެޗްޑީޓީ ބަޔޯޓެކް ގުޅިގެން އުފައްދާ އިންޑިއާގެ ފުރަތަމަ އެމްއާރްއެންއޭ ވެކްސިން، އެޗްޖީސީއޯ19

* ބާރަތު ބަޔޯޓެކްގެ ނޭޒަލް ވެކްސިން

* ރަޝިޔާގެ ގަމަލެޔާ ނޭޝަނަލް އިންސްޓްޓިއުޓާއި ޑރ. ރެޑީސް ލެބް ގުޅިގެން އުފައްދާ ސްޕުޓްނިކް ވީ ވެކްސިން

* އިންޑިއާގެ ސީރަމް އިންސްޓްޓިއުޓާއި އެމެރިކާ ނޮވާވެކްސް ގުޅިގެން އުފައްދާ ދެވަނަ ވެކްސިން

އިންޑިއާގެ ވެކްސިން ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އަންނަ އޮގަސްޓް މަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އޭގެ ތެރޭގައި 10 މިލިއަން ހެލްތު ވޯކަރުން ހިމެނެ އެވެ. އޭގެ ފަހުން ފުލުހުންނާއި ސިފައިން އަދި މުނިސިޕަލް މަސައްކަތްތެރިންނާއި ފްރަންޓްލައިން ސްޓާފުންނަށް ވެކްސިން ދޭނެ އެވެ. ދެން ވެކްސިން ދޭނީ 50 އަހަރުން މަތީގެ މީހުންނަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކުންފުނި އިންޑިއާގެ ސީރަމް އިންސްޓްޓިއުޓާއި ބާރަތު ބަޔޯޓިކް އިން މަހެއްގެ މައްޗަށް 65 މިލިއަން ޑޯޒުގެ ވެކްސިން އުފެއްދޭނެ ކަމަށްވެ އެވެ.