ނެޓްފްލިކްސް އިން "އޯޑިއޯ-އޮންލީ" މޯޑް ޓެސްޓްކުރަނީ
ނެޓްފްލިކްސް އިން "އޯޑިއޯ-އޮންލީ" މޯޑް ޓެސްޓްކުރަނީ

ނެޓްފްލިކްސްގެ ކޮންޓެންޓްތައް ނުބަލައި ހަމައެކަނި އަޑު އަހާލެވޭ ފީޗާއެއް "އޯޑިއޯ-އޮންލީ" މޯޑްގެ ނަމުގައި ޓެސްޓްކުރަން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މި ފީޗާ މި ވަގުތު ލިބުނީ އެންޑްރޮއިޑް ޑިވައިސްތައް ގެންގުޅޭ ބައެއް ކަސްޓަމަރުންނަށެވެ. އަމާޒަކީ އެ މީހުންގެ ފީޑްބެކަށް ވެސް ބަލައިފައި، ކައިރި މުސްތަގުބަލެއްގައި "އޯޑިއޯ-އޮންލީ"" ފީޗާ ގިނަ ކަސްޓަމަރުންނަށް ފުޅާކުރުމެވެ.

މި ފީޗާ ވާނީ އަވަދިނެތި އުޅޭއިރު ހަމަ އެކަނި އަޑު އަހާލައިގެން ހިތްހަމަޖެހުން ހޯދޭނެ ފީޗާއަކަށެވެ.

"އޯޑިއޯ އޮންލީ" ނެޓްފްލިކްސް އިން ޓެސްޓްކުރަން ފެށި އިރު އެ ޕްލެޓްފޯމްގެ އެކްސްޓާނަލް ޕޮޑްކާސްޓް ޕްލެޔާ މެދުވެރިކޮށް މިހާރު ވެސް އަޑު އަހާލަން ހާއްސަ ޕޮޑްކާސްޓް ކޮންޓެންޓްތައް ގެނެސްދެ އެވެ. އެކަމަކު ސީދާ ނެޓްފްލިކްސްގެ ކޮންޓެންޓްތަކެއް ބަލައިލުމުގެ ބަދަލުގައި އަޑު އަހައިލެވޭ ގޮތަށް ޓެސްޓްކުރަނީ ފުރަތަމަ ފަހަރަށެވެ.

ނެޓްފްލިކްސް އިން ބުނި ގޮތުގައި "އޯޑިއޯ އޮންލީ" މޯޑްގެ މުހިއްމު އެއް ފައިދާއަކަށް ވާނީ ޑޭޓާ އަށް ހޭދަވާ ވަރު މަދުވުމެވެ. އެހެންވެ އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ވެސް މި ފީޗާއާ އެކު ކުޑަވާނެ އެވެ.

ނެޓްފްލިކްސް އަކީ ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރެއިން ކޮންޓެންޓް އެންމެ މުއްސަނދި، އެންމެ ވަރުގަދަ އަދި އެންމެ މަގުބޫލު ހިދުމަތެވެ.

ދާދި ފަހުން ނެޓްފްލިކްސް އިން ވަނީ ފްރާންސްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެ ގައުމުގައި ނެޓްފްލިކްސް 24 ގަޑިއިރު ބެލޭ ޓީޗީ ޗެނެލެއްގެ ގޮތުގައި ވެސް ހަމަޖައްސައިފަ އެވެ. ސަބަބަކީ ފްރާންސްގެ މީހުންގެ މެދުގައި ކޮންޓެންޓް "ހާވާލައިގެން" ބެލުމުގެ ފޯރި ކުޑަވެފައި، ޓީވީ ޕްރޮގްރާމްތައް އަންނަ ގޮތަށް ޝެޑިއުލް ޕްރޮގްރާމްތައް ޓީވީން ބަލަން ގިނަ ބަޔަކު އިސްކަން ދިނުމެވެ.