ޝެފީލްޑް ބަލިކޮށް ޔުނައިޓެޑް ހަ ވަނަ އަށް
ޝެފީލްޑް ބަލިކޮށް ޔުނައިޓެޑް ހަ ވަނަ އަށް

ޝެފީލްޑް (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 3-2 އިން ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ހަ ވަނަ އަށް ޖެހިލައިފި އެވެ.

ފަސް ވަނައިގައި އޮތް އެވަޓަން އަށް 13 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑުން 23 ޕޮއިންޓް ހަމަކުރީ 12 މެޗުންނެވެ. ޔުނައިޓެޑް މެޗު ހަމަކުރަން އޮތް މެޗުން މޮޅުވެއްޖެނަމަ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓަށް ފަރަގުކުޑަކުރެވޭނެ އެވެ. ލީގުގެ 13 މެޗުން ޝެފީލްޑަށް އެއް ޕޮއިންޓް ލިބިފައިވާއިރު، މިއީ ލީގުގެ ތާރީހުގައި މި ހިސާބަށް އައިއިރު އެންމެ މަދުން ޓީމަކުން ޕޮއިންޓް ހޯދި ފަހަރެވެ.

ބްރަމަލް ލޭންގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ޝެފީލްޑުންނެވެ. މިދިޔަ ސީޒަނުގައި ޝެފީލްޑަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން އަތުން ހެދުނު ގޯހެއްގެ ފައިދާގައި ޝެފީލްޑަށް ލީޑުނަގައިދިނީ ޑޭވިޑް މެކްގޯލްޑްރިކް އެވެ. ޝެފީލްޑްގެ ލީޑުފުޅާކުރަން ޖޯން ފްލެކް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި ވިކްޓަ ލިންޑެލޯފް ދިން ބޯޅައަކުން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މާކަސް ރެޝްފޯޑް އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެންތަނީ މާޝިއަލް ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފް ފެށިގެން ހަ މިނިޓް ތެރޭ މާޝިއަަލް ދިން ބޯޅައަކުން ރެޝްފޯޑް ވަނީ ޔުނައިޓެޑަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

މެޗުގެ 87 ވަނަ މިނިޓްގައި މެކްގޯލްޑްރިކް ވަނީ ޝެފީލްޑަށް ދެ ވަނަ ލަނޑެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. ނަތީޖާ ހަމަހަމަކުރަން ޝެފީލްޑްގެ ލީސް މޫސޭ ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.

މިއީ ޔުނައިޓެޑުން ލީގުގައި ރަށުން ބޭރުގައި ޖެހިޖެހިގެން މޮޅުވި 10 ވަނަ މެޗެވެ. މި ފަހަރު ލީގުގައި ޔުނައިޓެޑް އަންނަނީ ރަށު ންބޭރުގައި ކުޅޭ ހުރިހާ މެޗަކުން މޮޅުވަމުންނެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މުޅި މެޗު ދިޔަ ގޮތަށް ބަލާއިރު ނިމުން އެހާ ޕްރެޝަރު ބޮޑުކޮށްދިޔައީ ކުޅުންތެރިންނަށް ފަސޭހަކޮށްލެވުމުން ކަމަށެވެ.

މި ފަހަރު ލީގުގައި ޔުނައިޓެޑްގެ ބަލިވި ތިން މެޗަކީ ވެސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކެވެ. ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅޭނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. ސޯލްޝެއާ ބުނީ މިއީ ރަނގަޅު ޓެސްޓެއް ކަމަށާއި އަމިއްލަ ދަނޑުގައި ފޯމު ރަނގަޅުކުރަން ވެސް ލިބޭ ފުރުސަތެއް ކަމަށެވެ.